މާލީ ތަނަވަސްކަން ނެތް ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތެއް، ދިރިއުޅޭ އެޕާޓްމަންޓު މަރާމާތުކޮށް، ރީތިކޮށްލަދިނުމަށް ކުރާ މަސައްކަތް ގެނެސްދޭ ރިއަލިޓީ ޝޯ "އެޕިކް ޝެލްޓަރ" ލޯންޗުކޮށްފިއެވެ. 
ލަކްސް އިންވެސްޓްމަންޓުންވަނީ މި ޝޯގައި ބައިވެރިވާން ބޭނުން ފަރާތެއް ހޯދުމަށް މިދިޔަ މަހުގެ ތެރޭގައި އިޢުލާންކޮށްފައެވެ. ހަތަރު ކެޓަގަރީއަކުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި މިޝޯއަށްއަށް ކުރމަތިލުމުގެ މުއްދަތު ހަމަވެފައިވަނީ މިދިޔަމަހުގެ 23ވަނަ ދުވަހުގެ ނިޔަލަށެވެ. 
		
			
* އުމުރުން ދުވަސްވީ ދެމަފިރިން (55-70 އަހަރުގެ މީހުން)
* އެކަނިވެރި މަންމަ ނުވަތަ އެކަނިވެރި ބައްޕަ
* ކައިވެނިކޮށްގެން އެންމެ ދަރިއަކު ހުރި ދެމަފިރިން
* އަލަތު ކައިވެނިކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، އެންމެ ދަރިއަކު ހުރި ފަރާތްތައް
މިޝޯގައި ބައިވެރިވުމަށް ނަން ފޮނުވި ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ލަކްސް އިންވެސްޓްމަންޓުގެ ޓީމުތަކުން ބަލާ ޕޮއިންޓް ދީފައިވާއިރު، ޝޯގެ ބައިވެރިޔާ ހޮވާފައިވަނީ އާއްމުންގެ ވޯޓާވެސް އެކު ކަމަށް ލަކްސް އިންވެސްޓްމަންޓުން މަޢުލޫމާތުދެއެވެ. 
އެގޮތުން "އެޕިކް ޝެލްޓަރ" ރިއަލިޓީ ޝޯގެ ބައިވެރިޔަކަށް ހޮވާފައިވަނީ ނީމާ އާއި ރަޔާންއެވެ. މިއީ އެކަނިވެރިމައިންގެ ކެޓަގަރީން ނަން ފޮނުވާފައިވާ ދެމައިންނެވެ. މި ޝޯގެ ފުރަތަމަ އެޕިސޯޑް އަންނަ ހަފްތާގެ ހުކުރު ދުވަހު ދެއްކުމަށްވަނީ ހަމަޖެހިފައެވެ. މިޝޯ ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ޕީއެސްއެމްގެ، ޓީވީއެމް ޗެނަލްއިންނެވެ.
މި ޝޯއަށް ހޮވުނު ނީމާ ދިރިއުޅޭ ގެ ނުވަތަ އެޕާޓްމަންޓުގެ އިންޓީރިއާ ޑިޒައިނިންގެ އިތުރުން، މުޅި ގެ ނުވަތަ އެޕާޓްމަންޓް ހިލޭ މަރާމާތުކޮށްދޭނެއެވެ. އެގޮތުން ގެއަށް ބޭނުންވާ ފަރުނީޗަރާއި، ބަދިގެ ސެޓާއި، ފާޚާނާ އަލުން ޑިޒައިންކޮށްދޭއިރު، ކުލަ ލުމާއިއި، ތަޅުން ބަދަލުކޮށްލަދިނުންވެސް މިޝޯގެ ތެރެއިން ކުރިއަށްދާނެއެވެ.
		
					
									
			މިޝޯގެ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވާ ފަރާތްތަކުގެ ތެރޭގައި ގެދޮރު އިމާރާތްކުރުމާއި ޑިޒައިންކުރުމުގައި ފާހަގަކޮށްލެވޭ ކުންފުނިތައް ހިމެނެއެވެ. އޭގެ ތެރޭގައި އެސެންޝިއާ، މުނިހޯމްކެއަރ، ރެޑްކްރިއޭޓިކް، ޑޯރިކް ހިމެނެއެވެ. މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއެވެ.
 
ލަކްސް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ބުނީ މި ޝޯގެ މަޤްޞަދަކީ ގެއާއި އެޕާޓްމަންޓްފަދަ ތަންތަން މަރާމާތުކޮށް، ރީތިކޮށްލުމުގެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް އެކަންކަން ކޮށްދިނުމުގެ މަގުފަހިކޮށްދިނުމެވެ.
ލަކްސްއިން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަކީ 2019 ވަނަ އަހަރު އުފެދިގެން އައި ކުންފުންޏެކެވެ. މި ކުންފުނީގެ ބޭނުމަކީ ދިވެހި ރައްޔިތުންނަށް ލަގްޒަރީ ޚިދުމަތްތަކެއް ލުއި ފަސޭހަ ގޮތަކަށް، އަގުހެޔޮކޮށް ފޯރުކޮށްދިނުމުގެ ބޭނުމުގައި އުފެއްދި ކުންފުންޏެވެ.
އެކުންފުނިން މީގެ ކުރިން ތައާރަފްކުރި ޕްރޮޑަކްޓްތަކުގެ ތެރޭގައި، "ޓްރެވަލް ނައު، ޕޭ ލޭޓަރ: ހިމެނެއެވެ. މިއީ އިންސްޓޯލްމަންޓަށް ބަހާލައިގެން ފަސޭހަކަމާއެކު ދަތުރުފަތުރުކޮށްލުމަށް ހުޅުވާލެވުނު ދޮރެކެވެ. މީގެއިތުރުން ކައިވެނީގެ ހުރިހާ ޚިދުމަތެއް އެއް ޕްލެޓްފޯމަކުން ފޯރުކޮށްދޭ "ޒަވާޖް"އަކީވެސް ލަކްސްގެ ޕްރޮޑަކްޓެކެވެ. އަދި އަލަށް ފެށުމަށް ތައްޔާރުވާ "އެޕިކް ޝެލްޓަރ" ރިއަލިޓީ ޝޯވއަކީ ލަކްސްގެ އެޕިކް ޝެލްޓަރ ޕްރޮޑަކްޓްގެ ދަށުން ފަށާ ޝޯވއެކެވެ.