ޚަބަރު

މުޅިން ރަށުން ކަރަންޓް ކެނޑުނުތާ އެއްދުވަސްތެރޭގައި ވޭމަންޑުއަށް ކަރަންޓު ދީފި


ތ.ވޭމަންޑުއަށް ދިމާވި ކަރަންޓުގެ މައްސަލަ ޙައްލުކޮށް، އަލުން އެރަށަށް ކަރަންޓުގެ ޚިދުމަތް ދޭންފަށައިފިއެވެ. މުޅި ވޭމަންޑުއިން ކަރަންޓު ކަނޑައިގެން ދިޔައީ ބުދަދުވަހު މެންދުރު ފަހު އެރަށުގެ އިންޖީނުގޭގައި އަލިފާން ރޯވުމާ ގުޅިގެންނެވެ. މި ހާދިސާގައި ރަށުގެ މުޅި އިންޖީނުގެވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައެވެ. ތ.ވޭމަންޑުއަށް ކަރަންޓުގެ ޚިދުމަތްދެނީ ފެނަކަ ކޯޕަރޭޝަނުންނެވެ.

އަލިފާނުގެ ޙާދިސާއާއި ގުޅިގެން ފެނަކައިގެ ޓީމެއްވަނީ އެރަށަށް ގޮސްފައެވެ. އަދި ރަށަށް ކަރަންޓު ދިނުމަށްޓަކައި އިންޖީނެއް އެރަށަށް ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހުއެވެ. އެއީ އެއަތޮޅު ގުރައިދޫން ގެންދިޔަ 360ކިލޯ ވޮޓްގެ ޖަނަރޭޓަރަކާއި، އެއަތޮޅު ދިޔަމިގިލީން އެރަށަށް ގެންދިޔަ 250 ކިލޯ ވޮޓްގެ ޖަނެރޭޓަރެކެވެ. ފެނަކައިން ވިދާޅުވީ ވޭމަންޑުއަށް ގެންދިޔަ ޖަނަރޭޓަރު ރަށުގެ ކަރަންޓު ވިއުގައާ ގުޅާލާ، ބުރާސްފަތިދުވަހުގެރޭ 11:40ގައި ރަށަށް އަލުން ކަރަންޓުގެ ޚިދުމަތް ދޭން ފަށާފައިވާކަމަށެވެ. ފެނަކައިންވަނީ މި މަސައްކަތުގައި ރައްޔިތުން ދިން އެއްބާރުލުމާ، ދެއްކި ކެތްތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

ވޭމަންޑޫގައި ކަރަންޓުގެ ޚިދުމަތް ދެމުން އައިސްފައިވަނީ 600 ކިލޯވޮޓާއި، 500 ކިލޯވޮޓާއި، 450 ކިލޯވޮޓުގެ 3 ޖަނަރޭޓަރު ބޭނުންކޮށްގެންނެވެ. މި ޙާދިސާގައި އެރަށުގައި ބޭނުންކުރަމުންއައި 3 ޖަނަރޭޓަރުވެސް ބޭނުން ނުކުރެވޭވަރަށްވަނީ ހަލާކުވެފައެވެ. އަދި މި ޙާދިސާގައި އިންޖީނުގެއަށާއި ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރާ ޕެނަލް ބޯޑުތަކަށްވެސް ބޮޑެތި ގެއްލުންތަކެއްވަނީ ވެފައެވެ.

ވޭމަންޑުއަށް މިވަގުތަށް ކަރަންޓު ފޯރުކޮށްދީފައިވަނީ ވަގުތީ ޙައްލެއްގެ ގޮތުގައެވެ. ވޭމަންޑުއަކީ އާބާދީގައި ހާހެއްހާ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.