 
										
			މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން،އެމްޓީޑީސީއަށް މިއަހަރުގެ ތިންވަނަ
ކުއަރޓަރގައި ސާފް ފައިދާގެ ގޮތުގައި 26.2 މިލިއަން ރުފިޔާ ލިބިއްޖެއެވެ. މިއީ 1.7 މިލިއަން ޑޮލަރެވެ. 
 
މި އަދަދަކީ
މިއަހަރުގެ ދެވަނަ ކުއަރޓަރގައި އެމްޓީޑީސީއަށް ސާފު ފައިދާގެ ގޮތުގައި ލިބުނު
17.5 މިލިއަން ރުފިޔާއާއި އަޅާ ބަލާއިރު %52 އިތުރު އަދަދެކެވެ. 
 
އެމްޓީޑީސީއިން އާއްމުކޮށްފައިވާ މިއަހަރުގެ ތިންވަނަ ކުއަރޓަރގެ މާލީ
ހިސާބްތައް ދައްކާގޮތުން އެ  ކުއާޓަރގައި 55
މިލިއަން ރުފިޔާގެ އާމްދަނީއެއް އެކުންފުންޏަށް ވަނީ ލިބިފައެވެ.
މިއަހަރުގެ ދެވަނަ ކުއަރޓަރގައިވެސް އެކުންފުންޏަށް އާމްދަނީގެ ގޮތުގައި
ލިބިފައިވަނީ 55 މިލިއަން ރުފިޔާއެވެ.
 
ތިންވަނަ ކުއަރޓަރގައި ލިބުނު ފައިދާގެ އަދަދު އިތުރުވެފައިމިވަނީ ވިޔަފާރި
ކުރުމަށް އެ ކުއަރޓަރގައި ހިނގި ހަރަދާއި ކުންފުނީގެ އެޑްމިނިސްޓްރޭޓިވް
ޙަރަދުތައް ކުޑަކޮށްގެންނެވެ. އެގޮތުން ދެވަނަ ކުއަރޓަރގައި ވިޔަފާރި ކުރުމަށް
އެމްޓީޑީސީން 30 މިލިއަން ރުފިޔާ ޙަރަދުކޮށްފައިވޭ، އަދި ތިންވަނަ ކުއަރޓަރގައި މި
އަދަދު ހުރީ 25 މިލިއަން ރުފިޔާގައެވެ. 
 
ތިންވަނަ ކުއަރޓަރގެ ސާފު
ފައިދާއިން ހިއްސާއަކަށް ޖެހެނީ 0.05 ޑޮލަރެވެ.