ކުޅިވަރު

ރެޑްބުލް ވިނިންގ ފައިވް އައްޑޫ ޗެންޕިއަންކަން ޕޮލިސް ސީނިއާރސް


ރެޑްބުލް ވިނިންގ ފައިވް އައްޑޫ ބައިގެ ޗެންޕިއަންކަން ޕޮލިސް ސީނިއާރސް ހޯދައިފިއެވެ. މިއަންނަ އަހަރު ބްރެޒިލްއަށް ދިއުމުގެ ފުރުސަތު ހުޅުވާލެވިފައިވާ މިމުބާރާތުގެ އައްޑޫބައިގެ ޗެންޕިއަންކަން ޕޮލިސް ސީނިއާރސް ހޯދީ ފްރެންޑްސް ކުލަބްއާ ވާދަކޮށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. މެޗްގެ ފުރިހަމަ ވަގުތުހަމަވިއިރު، އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވާތީ، ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ޕޮލިސް ސީނިއާރސް ކުރި ހޯދީ އެކެއް ސުމަކުންނެވެ. ވިނިންގ ފައިވް މުބާރާތުގެ އައްޑޫ ކޮލިފައިންގައި ތިރީސް ދެ ޓީމް ބައިވެރިވިއެވެ. އިއްޔެ ހެނދުނުން ފެށިގެން ހަވީރާ ހަމައަށް ކޮލިފިކޭޝަން ބުރު ކުރިއަށް ގެންގޮސްފައިވަނީ ނޮކްއައުޓް އުސޫލުންނެވެ. ޕޮލިސް ފައިނަލުން ޖަގާ ހޯދީ ދަ ފޭދޫ ސްޕޯޓްސް ބަލިކޮށްގެންނެވެ. އަދި ފައިނަލް މެޗްގައި ބަލިވި ޕްރެންޑް ކުލަބަކީ މިދިޔަ އަހަރު އައްޑޫ ސިޓީގައި ބޭއްވި މުބާރާތުގެ ޗެމްޕިއަން ޓީމެވެ. މިމުބާރާތުގެ ރާއްޖޭގެ ޗެމްޕިއަންޓީމަށް އަންނަ އަހަރު ބްރެޒިލްއަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ. އައްޑޫ ސިޓީގެ އިތުރުން، ފުވައްމުލައް، ތިނަދޫ، ގއ.ވިނލިގިލި، ހދ.ކުޅުދުއްފުށި، ޅ.ނައިފަރު، ބ.އޭދަފުށި އަދި ކ.ކާށިދޫގައި ކޮލިފިކޭޝަން މެޗުތައް ކުޅޭނެއެވެ. މިއިން ކޮންމެ ރަށަކުންވެސް ޗެންޕިއަން ޓީމްއާއި ރަނަރަޕް ޓީމް ކޮލިފައިވާނީ މާލޭގައި ބާއްވާ ފައިނަލް ބުރަށެވެ. ޗެމްޕިއަންޓީމް ކަނޑައަޅާނީ މާލޭގައި ކުޅޭ ފައިނަލް ބުރުންނެވެ.