ޚަބަރު

ވެމްކޯގެ ޚިދުމަތް ހޯދުމަށްފަހު ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޤާނޫނެއް


ވެމްކޯގެ ޚިދުމަތް ހޯދުމަށްފަހު ފައިސާ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ އުޞޫލެއް އެކުލަވާލުމުގެ މަސައްކަތް ވެމްކޯއިން ފަށައިފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ މެނޭޖަރ ހައުސްހޯލްޑްސް ކަލެކްޝަން މުޙައްމަދު ޝާން ވަނީ މާލޭގައި ވެމްކޯގެ ޚިދުމަތް ހޯދަމުންދާ ފަރާތްތައްވެސް މަހުން މަހަށް ދައްކަންޖެހޭ ފީ ނުދައްކާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިފަދަ މައްސަލަތަކަށް ހައްލެއް ހޯދުމަށް ޤާނޫނީ ބާރުވެރިކަމެއް ލިބުމަކީ މުހިއްމުކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މާލޭގެ ތިރީސް ފަސްހާހަށްވުރެ ގިނަ ގޭބިސީގެ ތެރެއިން ރަޖިސްޓްރީކޮށްގެން ޚިދުމަތް ހޯދަނީ 35 އިންސައްތަ ގޭބިސީއަކުންކަމަށާއި، އޭގެ ތެރެއިންވެސް ބިލްތައް ދައްކަނީ މަދުބަޔަކުކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ވަނީ ހާމަކޮށްފައެވެ.

ޝާން ވިދާޅުވީ ފީ ނުދައްކާ ފަރާތްތަކަށް ފީ ދެއްކުމަށް އެދި އެސްއެމްއެސްއާއި މެއިލް މެދުވެރިކޮށްވެސް ހަނދާންކޮށްދެމުން އަންނަކަމަށެވެ. އަދި މިދަނޑިވަޅަށް މިފަދަ ކަންކަމުން ހައްލެއް ހޯދުމަށް ގޭބިސީތައް ސަސްޕެންޑްކުރަމުން އަންނަކަމަށާއި މިހާތަނަށް 40 އެއްހާ ގެ ސަސްޕެންޑްކޮށްފައިވާކަމަށް ޝާން ވިދާޅުވެއެވެ.

އެހެންނަމަވެސް ގޭބިސީތައް ސަސްޕެންޑް ކުރުމަކީ ވަގުތީ ހައްލެއްކަމަށާއި މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ޤަނޫނީ ބާރުވެރިކަން ވަރަށް މުހިއްމުކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި ފީ ނުދައްކާ ފަރާތްތައް ފިޔަވަޅު އެޅުމަށްޓަކައި ޖޫރިމަނާ ކުރުމަށްފަހު ދެން ކަންތައް ކުރަންވީ ގޮތުގެ ޕްލޭންތަކެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ.

"މީގައި ޤާނޫނީ ބާރުވެރިކަމެއް ލިބިގެން ނޫނީ އެންމެ ފުރިހަމަ ހައްލެއް ލިބޭނެ ހެނެއް ހިއެއް ނުވޭ. މިވަގުތު ކުނި ނެގުމުގެ ޚިދުމަތް ދެމުން އަންނަނީ ވަކި ޤަވައިދެއްގެ މަތިން. އަދި މިކަމުގެ ފުލުހުންނާއި ސިޓީ ކައުންސިލާއި އީޕީއޭ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ އެއްބާރުލުން ލިބޭ. މިހާރު ސަސްޕެންޑް ކުރުމަކީ ރަނގަޅު ފިޔަވަޅެއް. ނަމަވެސް ކޮންމެ ފަހަރަކު ރެޑް ނޯޓިސް ފޮނުވުމަކީވެސް ރަނގަޅު ކަމެއް ނޫން. އަގު ކުޑަވުމުން ފަރުވާ ކުޑަކުރަނީ. ފައިސާ ދެއްކުމުގައި މީހާރުވެސް ލުއިފަސޭހަ ގޮތްތަކެއް ހުންނާނެ." ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ މެނޭޖަރ ހައުސްހޯލްޑްސް ކަލެކްޝަން މުޙައްމަދު ޝާން ވިދާޅުވިއެވެ.

ރަޖިސްޓްރީ ވެފައިވާ ގޭބިސީތަކުން ކުނި އުކުމަށްޓަކައި މަހެއްގެ މައްޗަށް ދައްކަން ޖެހެނީ 150 ރުފިޔާއެވެ. މީގެ އިތުރަށް ވެމްކޯއިން ބޮޑެތި ކުނިތައް އުކައިދެމުން ގެންދާއިރު އެކަމަށް ފައިސާ ދައްކަން ޖެހެނީ ވަގުތުންނެވެ. ކުނި ކަލެކްޓް ނެގުމަށާއި، މަގުތައް ސާފުކުރުމުގެ އިތުރުން ކުނި ނެގުމަށްފަހު ތިލަފުއްޓާހަމައަށް ވަކި އުސޫލެއްގެ ދަށުން ކުނި ގެންގޮސް މެނޭޖްކުރުމުގެ މަސައްކަތް ކުރަނީ ބޮޑެތި ޚަރަދުތަކެއް ކޮށްގެންކަމަށްވާއިރު، ހުރިހާ ފަރާތްތަކުންވެސް މި ޚިދުމަތް ހޯދާއިރު ސަމާލުވާންޖެހޭ ކަންކަމަށް ފަރުވާތެރިވެ، ރަޖިސްޓްރީކޮށްގެން ޚިދުމަތް ހޯދުމާއި ބަރާބަރަށް ޚިދުމަތުގެ ފައިސާ ދައްކަމުން ދިއުމަށް އެކުންފުނިންވަނީ އިލްތިމާސްކޮށްފައެވެ.

ބައެއް ވިޔަފާރިތަކާއި އެނޫންވެސް ތަންތަނުން ވެމްކޯގެ ޓީޖެޓީ ސަރަހައްދުތަކަށް ކުނި އުކާލާއިރު، އަމަލުކުރަންޖެހޭ އުސޫލުތަކާއި ކަނޑައެޅޭ ވަކި ފީއެއް ދަންކަން ކުރިން ހަމަޖައްސާފައިވާއިރު، މީގެ ކުރިން އެކަންކަމުގައި ހަރުކަށި ފިޔަވަޅެއް ނޭޅިނަމަވެސް ކުރިއަށްއޮތްތަނުގައި އެގޮތަށް ކުނި އުކާނަމަ ނަގާ ފީ ބޮޑުކުރުމާއި، ކުނި ގެންނަނީ ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށްތޯ ބަލަމުންދާނެކަމަށް ވެސް ވެމްކޯއިން ބުނެއެވެ.

ޢބ

ފަސެޭހައިން ބިލްދެއް ކޭ އެޕެއް ، ސްޓެލްކޯ، ފަދަ ބޭނުންވޭ........،