މިއަހަރުގެ ލޯރިއަސް ވާރލްޑް ސްޕޯޓްސް އެވޯޑްސްއަށް ވާދަކުރާ ފަރާތްތަކުގެ ނަންތައް އާންމުކޮށްފިއެވެ. ލޯރިއަސްއިން މިފަހަރު 6 ދާއިރާއަކުން އެވޯޑަށް ވާދަކުރާ ފަރާތްތަކުގެ ނަންތައް އާންމުކޮށްފައިވެއެވެ. މީގެތެރޭގައި ދުނިޔޭގެ ފެންވަރުގެ ކުޅިވަރު ޝަހްސިއްޔަތުތައް ހިމެނޭއިރު މި އެވޯޑް ކުރިން ހާސިލްކޮށްފައިވާ ފަރާތްތަށްވެސް ހިމެނެއެވެ.
22 ވަނަ އަހަރީ ލޯރިއަސް ވާރލްޑް ސްޕޯޓްސް އެވޯޑްގައި މިފަހަރު ހިމަނާފައިވާ ކެޓަގަރީތަކަކީ ސްޕޯޓްސްމަން އޮފް ދަ އިޔަރ، ސްޕޯޓްސްވިމެން އޮފް ދަ އިޔަރ، ޓީމް އޮފް ދަ އިޔަރ، ބްރޭކްތުރޫ އޮފް ދަ އިޔަރ، ކަމްބެކް އޮފް ދަ އިޔަރ އަދި ލޯރިއަސް ސްޕޯޓްސް ފޯ ގުޑް އެވޯޑެއެވެ. މިގޮތުން ސްޕޯޓްސްމަން އަށް މިފަހަރު ވާދަކުރަނީ ހަތްފަހަރަށް ފޯމިއުލަރ ވަން ކާރު ރޭސް ކާމިޔާބުކޮށްފައިވާ ލުއިސް ހެމިލްޓަން އާއި 20 ވަނަ ގްރޭން ސްލޭމް މުބާރާތް މިދިޔަ އަހަރު ކާމިޔާބުކުރި ސްޕެއިންގެ ރަފައެލް ނަދާލް އާއި ލޮސް އެންޖަލިސް ލޭކަރސްއަށް މިދިޔަ އަހަރު އެން.ބީ.އޭ. ބާސްކެޓް ބޯޅަ މުބާރާތް ކާމިޔާބުކޮށްދިން ލެބްރޮން ޖޭމްސް، ފީފާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ބަޔާން މިޔުނިކްގެ ރޮބަޓް ލެވަންޑޯސްކީ، ފަސް ހާސް އަދި ދިހަ ހާސް މީޓަރުގެ ދުވުމުގެ ރިކޯޑް މުގުރާލާފައިވާ ޔުގެންޑާގެ ޖޯޝުއާ ޗެޕްޓޭގެލް އަދި އިންޑޯ އާއި އައުޓްޑޯ ޕޯލް ވޯލްޓް ރިކޯޑް ގާއިމްކުރި ސްވިޑްންގެ އާމެންޑް ޑުޕްލެންޓިސްއެވެ.
ސްޕޯޓްސް ވިމެން ބަޔަށް މިފަހަރު ވާދަކުރަނީ މިދިޔަ އަހަރު ޔޫއެސް އޯޕަން ކާމިޔާބުކުރި ޖަޕާންގެ ނައޯމީ އޮސާކާ، ވާރލްޑް ސައިކްލިންގ ޗެމްޕިއަންޝިޕްގައި ރޯޑް ރޭސް އާއި ޓައިމް ޓްރައިލް ކާމިޔާބުކުރި ނެދަލަންޑްސް އޭން ވެންޑަރ ބްރެގެން، ސްކީންގގެ ވާރލްޑް ކަޕް ކާމިޔާބުކޮށްފައިވާ އިޓަލީވިލާތުގެ ފެޑެރީސް ބްރިގްނޯނޭ، ލަންޑަން މެރަތަން ކާމިޔާބުކުރި ކެންޔާގެ ބްރިޖިޑް ކޮސްގެލް، ވިމެންސް ޗެމްޕިއަންސް ލީގު ލިޔޯންއަށް ކާމިޔާބުކޮށްދިން ވެންޑްލް ރެނާރޑް އަދި ޑަބްލިޔު،އެން.ބީ.އޭ. ސިއާޓުލް ސްޓޯމްއަށް ކާމިޔާބުކޮށްދިން ބްރިއާނާ ސްޓެވަރޑްއެވެ.
ޓީމް އޮފް ދަ އިޔަރއަށް ވާދަކުރަނީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ބަޔޭން މިޔުނިކާއި، 30 އަހަރަށްފަހު އިންގްލިޝް ޕްރިމިއަރ ލީގު ކާމިޔާބުކުރި ލިވަޕޫލާއި އެން.ބީ.އޭ. ގެ ޗެމްޕިއަން ލޮސް އެންޖަލިސް ލޭކަރސް އާއި ފޯމިއުލަރ ވަންގެ ކޮންޓްރަކްޓަރސްގެ ޗެމްޕިއަން މާސިޑީޒް އޭއެމްޖީ- ޕެޓްރޮނާސް، މިދިޔަ އަހަރު ސުޕަރ ބޯލް ކާމިޔާބުކުރި ކެންސަސް ސިޓީ ޗީފްސް އަދި އާޖެންޓީނާގެ ފިރިހެން ރަގްބީ ޓީމެވެ.
ބްރޭކް ތުރޫ ފަންނާނުންގެ ތެރޭގައި ސްލޮވީނިއާގެ ބައިސްކަލް ދުއްވުންތެރިޔާ ޓަޑޭއި ޕޮގަކާރ، އެފް.ސީ ބާސެލޯނާއަށް ކުޅޭ އަންސޫ ފާތީ، ސައިކަލް ދުއްވުންތެރިޔާ ސްޕެއިންގެ ހޮއާން މީރު، ޓެނިސް ކުޅުންތެރިން ކަމަށްވާ ޕޯލަންޑްގެ އީގާ ސްވިއަޓެކް އަދި އޮސްޓްރިއާގެ ޑޮމިނިކް ތީމް އަދި އެމެރިކަން ފުޓްބޯލް އިން ޕެޓްރިކް މަހޯމޭސްއެވެ. މީގެއިތުރުން ކަމްބެކް އޮފް ދަ އިޔަރ އަށް ވާދަކުރާ ހަ ފަރާތަކާއި ލޯރިއަސް ސްޕޯޓްސް ފޮރ ގުޑްއަށް ވާދަކުރާ ތިން ޖަމިއްޔާއެއްގެ ނަންވެސް ނިއުލާން ކޮށްފައިވެއެވެ. މިއަހަރުގެ އެވޯޑް ދިނުމުގެ ރަސްމިއްޔާރު ވަރޗުއަލް ކޮށް ބޭއްވުމަށް ހަމަޖެހިފައިވާއިރު މިރަސްމިއްޔާތު އޮންނާނީ މެއި މަހުއެވެ.