ޚަބަރު

ދެ ޤައުމެއްގެ ޚާރިޖީ ވަޒީރުންނާއެކު މިނިސްޓަރ ޝާހިދު މަޝްވަރާތައް ބާއްވަވައިފި


މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، މިސްރުގެ ޚާރިޖީ ވަޒީރު ސާމިޙް ޝުކްރީ އާއި ގްރެނާޑާގެ ޚާރިޖީ ވަޒީރު އޮލިވަރ ޖޯސެފް އާ ވަކިވަކިން ފޯނުން ގުޅުއްވާ ވާހަކަފުޅު ދައްކަވައިފިއެވެ.

މިސްރުގެ ޚާރިޖީ ވަޒީރު ސާމިޙް ޝުކްރީއާއި ފޯނުން ގުޅުއްވާ މިނިސްޓަރު ޝާހިދުވަނީ ދިވެހިރާއްޖެއާއި މިސްރާއި އޮތް ޒަމާންވީ ގުޅުން ފާހަގަކުރައްވާ، މިގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމާ ގުޅޭގޮތުންނާއި، ބައިނަލްއަޤްވާމީ މަސްރަހުގެ އެކިއެކި ކަންކަމާއި ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ. ދެގައުމުގެ ޚާރިޖީ ވަޒީރުންވެސްވަނީ ކޯވިޑް-19އިގެ ސަބަބުން ދެ ގައުމަށް ދިމާވި ދަތިތަކާއި ބަލިމަޑުކަމުން އަރައިގަތުމަށް ދެގައުމުން ކުރެވުނު އަދި ކުރެވެމުންދާ ކަންކަމަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައިވަނީ ބައިނަލްއަޤްވާމީ މަސްރަހުގައި މިސްރުން ދިވެހިރާއްޖެއަށް ދެއްވާ އެހީއާއި އެއްބާރުލުން ފާހަގަކުރައްވާ ސްރުގެ ޚާރިޖީ ވަޒީރަށް ޝުކުރު ދަންނަވާފައެވެ.

ގްރެނާޑާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އިންޓަނޭޝަނަލް ބިޒްނަސް އަދި ކެރިބިއަން ކޮމިއުނިޓީ (ކެރިކޮމް) އެފެއާޒް، އޮލިވަރ ޖޯސެފްއާއި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދުވަނީ ކޯވިޑް-19ގެ ސަބަބުން ދެގައުމަށް ކުރިމަތިވި ދަތިތަކަށް އަލިއަޅުވާލައި އެބަލިމަޑުކަމުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ދިވެހިރާއްޖެއާއި ގްރެނާޑާއަކީ ކުރިއަރަމުންދާ ކުދި ޖަޒީރާ ދެގައުމުކަން ފާހަގަކުރައްވާ މިނިސްޓަރު ޝާހިދުވަނީ ކޯވިޑް-19އިން އަރައިގަތުމުގައި ހުރި ދަތިތަކާއި ބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން ދެޤައުމުގެ ދެެމެދުގައި އޮތް ގާތްގުޅުން އިތުރަށް ހަރުދަނާކޮށް، ބައިނަލްއަޤްވާމީ މުޖްތަމައުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް ދެޤައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުންވެސް ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ