ޚަބަރު

ހިބަޅިދޫއިން ހަތިޔާރުތަކެއް ހޯދައި، 7 މީހަކު ހައްޔަރުކޮށްފި


މާޅޮސްމަޑުލު
ދެކުނުބުރީ ފަޅުރަށެއްކަމުގައިވާ ހިބަޅިދޫ ބަލާފާސްކޮށް ގިނަ އަދަދެއްގެ
ހަތިޔާރުތަކެއް ހޯދާ، މައްސަލައިގައި ތުހުމަތުގައި ހަތް މީހަކު ހައްޔަރުކޮށްފިއެވެ.
މި ހަތިޔާރުތައް ހޯދާފައިވަނީ ހިބަޅިދޫ ކައިރިން ކަނޑުގެ އަޑިން 42 މީޓަރު ފުނުން
ކަމަށް ސަލާމަތީ ބާރުތަކުން ބުނެއެވެ. ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް
ރިޔާސީ ލޯންޗްގައި ބޮން ގޮއްވާލި ހާދިސާއަށް ފަހު، ފުލުހުންނާއި ސިފައިން
ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ރިސޯޓެއް ތަރައްގީކުރުމަށް ބަޔަކާއި
ހަވާލުކޮށްފައިވާ ހިބަޅިދޫ ބަލާފާސްކުރަން ފަށާފައިވަނީ މި މަހުގެ 28ވަނަ ދުވަހުއެވެ.
އެރަށުން ފެނުނު ހަތިޔާރުތައް މީޑިޔާތަކަށް ދައްކާލާފައިވަނީ މިއަދު މާލޭ ވިޔަފާރި
ބަނދަރާއި، އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.



ދަނޑުވެރިކަމުގެ
މަސައްކަތަށް ދޫކޮށްފައި އޮތް ހިބަޅިދޫ ފަތުރުވެރިކަމުގެ މަސައްކަތްކުރަން
ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ގެންދިއުމަށްފަހު އެތަން ހަވާލުކޮށްފައިވަނީ ބިޒްނަސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ. އެތަނުގައި ޓޫރިޒަމްގެ
މަސައްކަތްކުރަމުންދިޔައީ ގްލާޑިއަން ޕްރައިވެޓް ލިމިޓެޑާއި ގުޅިގެންނެވެ.
ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިނބަޅިދޫ
ބަލާފާސްކޮށް ހޯދާފައިވާ ގިނަ އަދަދެއްގެ ހަތިޔާރުތަކުގެ ތެރޭގައި ތަފާތު އެކި ބާވާތްތަކުގެ
ބަޑިއާއި، ފިސްތޯލައާއި، ބޮން ހަދާ ސާމާނާއި ވަޒަނުގެ އިތުރުން އަދިވެސް
ނުރައްކާތެރި އެތައް ހަތިޔާރެއް ހިމެނެއެވެ. އިސްކަންދަރު ކޮށީގައި ނޫސްވެރިންނަށް
މައުލޫމާތު ދެއްވަމުން އެމް.އެން.ޑީ.އެފްގެ ކެޕްޓަން އަލީ އިހުސާން ވިދާޅުވީ، މިހަތިޔާރުތައް
ފޮރުވާފައިހުރީ ކަނޑުގެ 42 މީޓަރ އަޑީގައި ދަބަހަކަށް އަޅާފައިކަމަށެވެ. ހަތިޔާރުތަކުގެތެރޭގައި
އޭކޭ ސީރީޒްގެ ބަޑިއަކާއި އޭގެ ގިނަ އަދަދެއްގެ ވަޒަނާއި މެޝިން ފިސްތޯލައަކާއި އޭގެ
ގިނަ އަދަދެއްގެ ވަޒަނާއި ސްނައިޕަރ ރައިފަލްގައި ބޭނުންކުރާ ވަޒަނާއި ހޭންޑް
ގްރެނޭޑާއި އަދިވެސް ގޮވާޒާތުގެ އެތައް ސާމާނަކާއި އެތަކެތީގެ އާލާތްތައް
ހިމެނޭކަމަށް ފުލުހުން ބުނެއެވެ. މީގެއިތުރަށް ހަވާ އެރުވުމުގައި ބޭނުންކުރާ ސާމާނުތަކެއްވެސް
މިދަބަހުގެތެރޭގައި ހުރިކަމަށް ވިދާޅުވިއެވެ.





ހަތިޔާރުތަކަކީ
ރާއްޖޭގެ ތާރީޚްގައި މިހާތަނަށް ފެނުނު އެންމެ ގިނަ ހަތިޔާރުތައްކަން ފުލުހުން
ފާހަގަކުރައްވައެވެ. ސަލާމަތީ ބާރުތަކުން މިތަކެތި ނޫސްވެރިންނަށް ދައްކާލާފައި
ވަނީ ހަތިޔާރުތައް ރައްކާކޮށްފައިހުރި ތަންތަނުން ނަގައިގެން ގެނައިގޮތަށް
ކަމަށާއި މިމައްސަލައިގައި ފެނުނު ތަކެތީގެ ތަހުޤީގުގައި އިތުރަށް ބަލަންޖެހޭ ގިނަ
ކަންތައްތަކެއްވާ ކަމަށްވެސް ފުލުހުން ބުނެއެވެ. ފުލުހުންގެ އޮފިޝަލް ވިދާޅުވީ
މިތަކެތި ހޯދިފައިމިވަނީ ސިފައިންނާއި ފުލުހުންގެ އިންޓެލިޖެންސުން ގުޅިގެން ކުރި
މަސައްކަތްތަކެއްގައި ކަމަށެވެ. އަދި މިމަސައްކަތް މިހާރުވެސް ފުލުހުންނާއި
ސިފައިން ގުޅިގެން ކުރަމުންދާކަމަށާއި ދެކުނުގެ ރަށެއް މިހާރުވެސް ބަލަމުންދާކަމަށް
އޭނާ ވިދާޅުވިއެވެ.

މިހަތިޔާރުތައް ހޯދާފައިމިވަނީ ރައީސުލްޖުމްހޫރިއްޔާ
އަވަހާރަކޮށްލުމަށް ދިން ނާކާމިޔާބު ހަމަލާއަށްފަހު ސަލާމަތީ ބާރުތަކުން ހިނގަމުންގެންދާ
ތަހްޤީގުތަކުގެ ތެރެއިންނެވެ. އެހެންނަމަވެސް މިހަތިޔާރާއި
ރައީސުލްޖުމްހޫރިއްޔާއަށް ދެވުނު ހަމަލާއާއި ގުޅުން ހުރި މިންވަރަކީ ކޮބައިކަން
އަދި ސާފުނުވާކަމަށާއި އެކަން ތަހްޤީގުން އެނގިގެންދާނެކަމަށް ސަލާމަތީ އޮފިޝަލުން
ވިދާޅުވެއެވެ. ސިފައިންނާއި ފުލުހުން ގުޅިގެން ކުރިޔަށްގެންދިޔަ މި ހާއްސަ
އޮޕަރޭޝަންގައި ފާހަގަކުރެވޭކަމަކީ މިހަތިޔާރުތަކުގެ ތެރޭގައި ދުރުގައި ހުރެގެން
އަމާޒުހިފުމަށްފަހު ހަމަލާދޭ ހަތިޔާރާއި ވަކިވަގުތަކަށް ގޮއްވާލެއްވޭގޮތަށްވެސް
ހުރި ހަތިޔާރުތައް ހިމެނޭކަމެވެ.