ވިޔަފާރި

10 ސްކޫލެއްގެ ސެން ކްލާސްތަކަށް ބީއެމްއެލްގެ އެހީތެރިކަން


ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ 10 ސްކޫލެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް، ސެން ކްލާސްތަކަށް ކިޔަވާދިނުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފިއެވެ.

ބީއެމްއެލްއިން މި ވަސީލަތްތައް ފޯރުކޮށްދީފައިވަނީ ހއ. އަތޮޅު ތައުލީމީ މަރިކަޒު، ހދ. އަތޮޅު ތައުލީމީ މަރުކަޒު، ޅ. އަތޮޅު ތައުލީމީ މަރުކަޒު، ކ. އަތޮޅު މަދަރުސާ، އއ.މަތިވެރި ސްކޫލު، އއ.ފެންފުށި ސްކޫލު، ދ. އަތޮޅު ތައުލީމީ މަރުކަޒު، ލ. އަތޮޅު ތައުލީމީ މަރުކަޒު، މުހައްމަދު ޖަމާލުއްދީން ސްކޫލު އަދި ސ. އަތޮޅު މަދަރުސާއަށެވެ.

ބޭންކުން ފޯރުކޮށްދިން އެހީތެރިކަމާއެކު އެ ސްކޫލުތަކުގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 400 އަށްވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ. ބީއެމްއެލްއިން ބުނީ މިއީ ކުދިންގެ ގާބިލުކަމާއި، އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމަށް ފޯރުކޮށްދިން އެހީތެރިކަމެއްކަމަށެވެ.

ބީއެމްއެލްގެ ސީއެސްއާރު ސްޓްރެޓެޖީގެ ދަށުން ހާއްސަ އިސްކަމެއް ދީގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އެ ބޭންކުން ބުނެއެވެ. ފާއިތުވި އަހަރުގެ ތެރޭގައި ވެސް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ރާއްޖޭގެ 10 ސްކޫލްގައި ހިންގާ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައެވެ. އަދި މީގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ 65 ފަރާތަކަށް މިދިޔަ އަހަރު މޮޓޮރައިޒްޑް ވީލްޗެއަރވެސް ވަނީ ހަދިޔާކޮށްފައެވެ.