ކުޅިވަރު

ފޯމިއުލަރ ވަން ކާރު ރޭހުގެ އާސީޒަންގައި ރެޑްބުލްއިން ބޭނުންކުރާ ކާރު އާންމުކޮށް ދައްކާލައިފި


ފޯމިއުލަރ ވަން ކާރު ރޭހުގައި ރެޑްބުލްއިން މިސީޒަންގައި ބޭނުން ކުރާނެ އާ ކާރު އެޓީމުން އާންމުކޮށް ދައްކާލައިފިއެވެ. އާރްބީ ސިކްސްޓީން ބީ ގެ ނަންދީފައިވާ އާ ކާރަކީ ކިދިޔަ ސީޒަންގައި ބޭނުން ކުރި ކާރަށް ބައެއް ބަދަލު ގެނެސްގެން ހަދާފައިވާ ކާރެކެވެ.

ރެޑްބުލް ޓީމުން ހާމަކުރާގޮތުގައި މިފަހަރުގެ ކާރާއެކު އެޓީމަށް މިފަހަރުގެ ސީޒަން ކާމިޔާބު ކުރުމަށް ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިދިޔަ ސީޒަންގައި ރެޑްބުލްގެ ދުއްވުންތެރިޔާ މެކްސް ވަރސްޓެޕެން ދިޔައީ އެފް ވަންގެ ތިންވަނައަށެވެ. އެއީ އެފް ވަންގެ ދުނިޔޭގެ ޗެމްޕިއަން ލުއިސް ހެމިލްޓަން އާއި ވެލްޓެރީ ބޮޓާސް ގެ ފަހަތުންނެވެ.
މިސީޒަނާއި ރެޑްބުލް ޓީމުން ކުރިމަތިލަނީ މިދިޔަ ސީޒަންގެ ކާރަށް ކުރިމަތިވި މައްސަލަތަށް ހައްލުކޮށްގެންކަމުން މަރސިޑީޒްގެ ޓީމާއި މިފަހަރު ރަނގަޅަށް ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެޓީމުން ދެކެއެވެ. ރެޑްބުލްއިން އެޓީމްގެ ކާރުގައި ބޭނުން ކުރަނީ ހޮންޑާގެ އިންޖީނެވެ. އަދި އެފް ވަންގައި ވާދަކުރަމުންދާ ހޮންޑާ ޓީމުން މިސީޒަނަށްފަހު މި މުބާރާތުން ވަކިވި ނަމަވެސް 2022 ވަނަ އަހަރަށް މިހާރުވެސް ހޮންޑާއިންވަނީ ރެޑްބުލް ޓީމުން ބޭނުން ކުރުމަށްޓަކައި އާ އިންޖީނެއް ހެދުމަށް ނިންމާފައެވެ. ވަރސްޓެޕަން ވަނީ މިދިޔަ ސީޒަންގެ އެންމެ ފަހު ރޭސް ކަމަށްވާ އަބޫ ދާބީ ގްރޯން ޕްރީ ކާމިޔާބުކޮށްފައެވެ.

މިފަހަރުގެ ސީޒަނަށް ހުރިހާ ޓީމްތަކުންވެސް އާ ކާރު ތައާރަފް ކުރި ނަމަވެސް އެފް ވަންއިން ވަނީ ޓީމް ތަކުގެ ކާރަށް ގެނެވޭ ސްޓްރަކްޗަރަލް ބަދަލު ވަކިވަރެއްގައި ހިފަހައްޓާފައެވެ. ނަމަވެސް ކާރުގެ ދުވެލި ރަނގަޅު ކުރުމަށްޓަކައި ބޭނުން ވަރަކަށް ބަދަލު ގެނެވޭނެއެވެ. ރެޑްބުލްއިން އާ ކާރު ތައާރަފް ކުރި ނަމަވެސް އެޓީމުން ކާރަށް ގެނެސްފައިވަނީ ކޮން ބަދަލު ތަކެއް ކަމެއް އަދި މިދިޔަ ސީޒަންގެ ކާރާއި މިސީޒަންގެ ކާރާއި ހުރީ ކޮން ތަފާތުތަކެއް ކަމެއް އެޓީމުން ހާމަކޮށްފައެއް ނުވެއެވެ. އަދި ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި މިސީޒަންގައި ޓީމްތަކުން ތައާރަފްކުރާ އާ ކާރުތަކުގެ ފެންވަރު އެނގިގެންދާނީ ސީޒަންގެ ފުރަތަމަ ރޭހުންނެވެ. މިފަހަރުގެ ފޮމިއުލަރ ވަން ކާރު ރޭސް ސީޒަން މިހާރު ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ ފަހު ކޮޅު ބަހްރެއިން އިންނެވެ.