ކުޅިވަރު

ލާޒިއޯ އާއި ބަޔާން މިޔުނިކް ބައްދަލުކުރިމެޗް ބަޔޭން ކާމިޔާބުކޮށްފި


ޔުއެފާ ޗެމްޕިއަންސް ލީގުގެ ފަހު 16 ގައި އެންމެފަހުގެ ޗެމްޕިއަން ޖަރުމަނު ބުންޑަސްލީގާގެ ބަޔާން މިޔުނިކާއި އިޓާލިއަން ސެރީއާގެ ލާޒިއޯ ބައްލުކުރި ފުރަތަމަ ލެގުގެ މެޗް ބަޔާން ކާމިޔާބުކޮށްފިއެވެ. ލާޒިއޯގެ ދަނޑުގައި ކުޅުނު މިމެޗް ބަޔާން ކާމިޔާބުކުރީ ހީކުރިވަރަށް ވުރެ ފަސޭހަ ކަމާއެކު 4 ލަނޑު އެއްލަނޑުންނެވެ.

ފީފާ ކްލަބް ވާރލްޑް ކަޕް ކާމިޔާބު ކުރިފަހުން އަދި މިހާތަނަށް މެޗަކުން މޮޅުވެފައިނުވާ ބަޔާންއަށް މިމެޗްގައި ގިނަ އުނދަގޫ ތަކަކާއި ކުރިމަތިވާނެކަމަށް ކުރިން ބެލެވުނު ނަމަވެސް މިމެޗްގައި އެޓީމުންވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 9 ވަނަ މިނެޓްގައި ބަޔޭންއަށް ކާމިޔާބުކޮށްދިނީ ތަޖްރިބާކާރު ފޯވަޑް ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ ޗެމްޕިއަންސް ލީގުގައި އޭނާ ކާމިޔާބުކުރި 72 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު އެނާވަނީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ތިންވަނަ ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ. މިމެޗްގައި ބަޔާންގެ ދެވަނަ ލަނޑު ޖަހާދިނީ ޒުވާން ކުޅުންތެރިޔާ ޖަމާލް މުސިއަލާއެވެ. މިލަނޑާއެކު އިނގިރޭސިވިލާތަށް ނިސްބަތްވާ މިކުޅުންތެރިޔާ ވެގެން ގޮސްފައިވަނީ ޗެމްޕިއަންސް ލީގުގައި ބަޔޭންއަށް ލަނޑު ޖަހާދިން އެންމެ ޒުވާން ކުޅުންތެރިޔާގެ އިތުރުން މިމުބާރާތުގައި ލަނޑުޖެހި އިނގިރޭސިވިލާތުގެ އެންމެ ޒުވާން ކުޅުންތެރިޔާއަށް ވެސް ވެގެން ގޮސްފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ބަޔާންއިންވަނީ އެޓީމްގެ ލިޑު އިތުރަށް ފުޅާކޮށްފައެވެ. މިލަނޑު މެޗްގެ 42 ވަނަ މިނެޓްގައި ޖަހާދިނީ ލިރޯއި ސާނޭއެވެ. އަދި ދެވަނަ ހާފްގެ ކުޅުން ފެށިތާ ދެވަނަ މިނެޓްގައި ލާޒިއޯގެ ފްރެންސެސްކޯ އަސޭބީ އަތުން ބައިކޮޅަށް ލަނޑެއް ވަދެ ބަޔާންއަށް ހަތަރުވަނަ ލަނޑު ކާމިޔާބުކުރެވުނެވެ. މިމެޗްގައި ލާޒިއޯއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 49 މިނެޓްގައި ޖަހާދިނީ ހޯކިމް ކޯރެއާއެވެ.

މިކާމިޔާބީއާއެކު މި މުބާރާތުގެ ކްއާޓަރ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ބަޔޭންއަށް ޖާގަ ލިބޭނެ ކަން ގާތްގަޑަކަށް މިވަނީ ކަށަވަރުވެގެން ގޮސްފައެވެ. އަދި ދެވަނަ ލެގް ކުޅެވޭނީ ބަޔާންގެ ދަނޑުގައި ކަމަށް ވުމުން ލާޒިއޯއަށް ދެން އޮތް ބުރުން ޖާގަހޯދުމަށް އޮތް ފުރުސަތު އިތުރަށް ހަނިވެގެންދާނެއެވެ.
މިދެޓީމްގެ މެދުގައި ކުޅޭ ދެވަނަ ލެގްގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މާރޗްމަހުގެ 17 ވަނަ ދުވަހުއެވެ.