ޚަބަރު

މޯލްޑިވިއަން އައިޑަލްގެ ނައިފަރު އޮޑިޝަން ފެށިއްޖެ


މޯލްޑިވިއަން އައިޑަލްގެ ތިން ވަނަ އޮޑިޝަން ޅ. ނައިފަރުގައި މިއަދު ފަށައިފިއެވެ.ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގު ބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ ނައިފަރު އޮޑިޝަންތައް ކުރިއަށްދަނީ އެރަށުގައި ހުންނަ މަދަރުސަތުލް އިފްތިތާހްގައެވެ. އޮޑިޝަންގައި ބައިވެރިވުމަށްޓަކައި މިއަދު ހެނދުނުން ފެށިގެން ނަންނޯޓްކޮށް، ރަޖިސްޓްރޭޝަންގެ މަސައްކަތްތައް  މިހާރު ދަނީ ކުރިއަށެވެ.މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތައް ކުރިއަށްދާނީ 3 ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބާއްވަނީ އޯޕަން އޮޑިޝަނެކެވެ. އެއަށްފަހު ތިއޭޓަރ އޮޑިޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި 2 އޮޑިޝަންގައިވެސް މިޔުޒިކާއި ނުލައި ބައިވެރިންނަށް ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މޯލްޑިވިއަން އައިޑަލް ފެށުމަށް ބާއްވާ ގްރޭންޑް އިވެންޓް ނުވަތަ "ގާލާ ޝޯވ"އަށް ދަތުރުކުރާ ބައިވެރިން ކަނޑައަޅާނީ 3 ވަނައަށް ބާއްވާ ޕިއާނޯ ރައުންޑުންނެވެ. މި ޝޯވގެ ތިންވަނަ ޕްރޮގްރާމް ޝޫޓް ކުރުމުގެ މަސައްކަތުގައި ޕީ.އެސް.އެމްގެ މުވައްޒަފުން ހިމެނޭ ޓީމެއް ނައިފަރުގައި ދަނީ ހަރަކާތްތެރިވަމުނެވެ. ނައިފަރު  އޮޑިޝަންގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި އެރަށު ކައުންސިލްގެ އިތުރުން ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމަކާއި، އެހީތެރިކަމެއް ލިބެމުންދާކަން ޕީ.އެސް.އެމްގެ ޓީމުން ފާހަގަކުރެއެވެ.