އައިޖީއެމްއެޗްގެ ފަރާތުން ފުރަތަމަ ފަހަރަށް ހޮސްޕިޓަލް ފަންޑެޑް ޓްރެއިނިންގ ޕްރޮގްރާމް ތަޢާރަފްކޮށް 5 ދާއިރާއަކުން މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުސަތު ދީފިއެވެ. އައިޖީއެމްއެޗުން އަންނަނީ އެހޮސްޕިޓަލުގެ މުވައްޒަފުންނަކީ ޒަމާނީ ތަމްރީން ފުރިހަމަކޮށް ފެންވަރު ރަނގަޅު ޚިދުމަތެއް ޢާއްމުނަށް ދިނުމަށް ތައްޔާރަށް ތިބޭ ބަޔަކަށް ހެދުމުގެ މަސައްކަތްކުރަމުންނެވެ.
މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް ކުރަމުން އަންނަ މަސައްކަތް އިތުރަށް ފުޅާކުރުމަށް ސީދާ އައިޖީއެމްއެޗުގެ ފަންޑުން ޚަރަދުކުރާ ގޮތަށް މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވުމަށް މިހާރު އައިޖީއެމްއެޗުންވަނީ ނިންމާފައެވެ. މީގެ ދަށުން ރާއްޖެއިން ބޭރަށް ފޮނުވާ ފުރަތަމަ ބެޗުގެ ކުދިންގެ ތެރެއިން ފުރަތަމަ މުވައްޒަފު މިއަދު ބަންގްލަދޭޝަށް ފުރާފައިވާކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.
މިފުރުސަތުގައި ބަންގްލަދޭޝަށް ޕީޑޯޑޮންޓިކްސްގެ ދާއިރާއިން ސްޕެޝަލައިޒްވުމަށް ފުރާފައިވަނީ ޑރ.މަރިޔަމް ރަފާކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.
އައި.ޖީ.އެމް.އެޗްގެ ފުރަތަމަ "ހޮސްޕިޓަަލް ފަންޑެޑް ޓްރޭނިންގ" ޕްރޮގްރާމްގެ ދަށުން ހޮވިފައިވާ 5 މުވައްޒަފުންގެ ތެރެއިން ފުރަތަމަ މުވައްޒަފު ޑރ. މަރިޔަމް ރަފާ ޕީޑޯޑޮންޓިކްސްގެ ދާއިރާއިން ސްޕެޝަލައިޒްވުމަށް ފަސް އަހަރުގެ ކޯހަކަށް މިއަދު ވަނީ ބަންގުލަދޭޝްއަށް ފުރާވަޑައިގެންފަ. pic.twitter.com/kkVV0AYr6n
— IGMH (@igmhmv) February 23, 2021
އައިޖީއެމްއެޗުން ވިދާޅުވީ 5 ދާއިރާއަކުން މަތީ ތަޢުލީމާއި ތަމްރީން ހޯދުމަށް ކުދިން ދިޔުމަށް ހަމަޖެހި ފައިވާކަމަށެވެ. އެގޮތުން މާސްޓަރސް އޮފް ޕީޑޯޑޮންޓިކްސްއާއި ފެލޯޝިޕްއިން އޮންކޯޕެތޮލޮޖީއާއި މާސްޓަރސްއިން އިންފެކްޝަން ކޮންޓްރޯލް ނަރސިންގއާއި ތިއޭޓަރ، ޕްރީއޮޕަރޭޓިވް އެނީސްތީޝިއާ ނަރސިންގެ އިތުރުން ބެޗެލަރސް އޮފް ބައޮމެޑިކަލް އިންޖީނިއަރިންގ ޓެކްނޮލޮޖީގެ ދާއިރާއިންކަމަށް އައިޖީއެމްއެޗްއިން ވިދާޅުވެއެވެ.
އައިޖީއެމްއެޗުން ވިދާޅުވީ މި 5 ދާއިރާއަށް ހޮވިފައިވަނީ ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެޕްލައިކުރި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައްކަމަށެވެ. އަދި މިހާރު ހުރިހާ ދާއިރާތަކުން ވެސް ފުރުސަތު ލިބިފައިވާ ފަރާތްތަކަށް ކޯސް އެވާޑްކޮށްފައިވާކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. ކޯވިޑް-19ގެ ސަބަބުން ރާއްޖެއިން ބޭރަށް ދިޔުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވެފައިވީނަމަވެސް ފުރުސަތު ލިބުނު ފަރާތްތަކުން ކުރިއަށް އޮތް ތަނުގައި ރާއްޖެއިން ބޭރަށް ފުރާނެކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.
ހޮސްޕިޓަލް ފަންޑެޑް ޓްރެއިނިންގ ޕްރޮގްރާމަކީ އައިޖީއެމްއެޗުގައި ހިންގާ މިފަދަ ފުރަތަމަ ޕްރޮގްރާމްކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. އެހޮސްޕިޓަލުން އަންނަނީ ހޮސްޕިޓަލްގެ އެކި ޑިޕާޓްމަންޓުތަކުން ދެމުން އަންނަ ޚިދުމަތްތައް ފުޅާކޮށް ރައްޔިތުންނަށް ބޭނުންވާ މުހިއްމު ގިނަ ޚިދުމަތްތައް ތަޢާރަފްކޮށްދެމުންނެވެ.