ޚަބަރު

މި އަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް އެކުލަވާލައިފި


މި ހިނގާ ޖުޑީޝަލް އަހަރަށް "ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް" އެކުލަވާލާފިއެވެ.

ފަނޑިޔާރަކާގުޅޭ ޝަކުވާއެއް ބަލައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާ ނިންމުންތަކުގެ ތެރެއިން ފަނޑިޔާރަކު މަޤާމުން ވަކިކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި، އެނޫން ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި ހުށަހަޅަން ޖެހޭނީ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށެވެ.

ކޮންމެ ޖުޑީޝަލް އަހަރަކަށް އެކުލަވާލެވޭ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި ތިއްބަވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރާއި، ޖޭއެސްސީގައި ހިމެނޭ އެ ކޯޓުގެ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި، ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި، އަދި ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި ނުހިމެނޭ ފަނޑިޔާރެކެވެ.މި އަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގައި ހިމެނެނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުއާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢު އަދި ފެމިލީ ކޯޓުގެ ޤާޟީ އަލްއުސްތާޛު އަޙްމަދު މުޞްތަފާއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވީ ނިމިދިޔަ 2020 ވަނަ އަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ހުށަހެޅުނީ އެންމެ މައްސަލައެއްކަމަށެވެ. އަދި އިސްތިއުނާފް މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެ މައްސަލަ އިސްތިއުނާފް މަޖިލީހަށް ބަލައިގަނެ، މައްސަލައާ މެދު ގޮތެއް ނިންމާފައިވާކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ.