ވިޔަފާރި

އެންމެފަހުން "ސްޕޮޓިފައި" ރާއްޖެއަށް!


ރާއްޖެއާއެކު ދުނިޔޭގެ އިތުރު 80 ޤައުމަކަށް ސްޕޮޓިފައިގެ ޙިދުމަތް ދިނުމަށް ނިންމާފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ލަވައާއި މިއުޒިކް އަދި އެހެނިހެން އޯޑިއޯތައް އަޑުއެހުމަށް ހާއްސަ އެޕްލިކޭޝަން ކަމަށްވާ ސްޕޮޓިފައި، ކުންފުނިން ހޯމަ ދުވަހު އޮންލައިންކޮށް ސްޓްރީމް ކުރި އިވެންޓުގައި މިކަން ހާމަކުރަމުން ބުނެފައިވަނީ އެކުންފުނިން މިހާރު ޙިދުމަތް ދެމުން އަންނަނީ 93 ޤައުމަކަށް ކަމަށެވެ. އަދި އަލަށް ސްޕޮޓިފައިގެ ޙިދުމަތް ހުޅުވާލެވޭ ޤައުމުތަކަށް ބަލާއިރު 180 އަށް ވުރެ ގިނަ ޤައުމަކަށް މިޙިދުމަތް ލިބިގެން ދާނެކަމަށް އެކުންފުނިން ބުނެއެވެ.

ސްޕޮޓިފައިން ލަފާކުރާ ގޮތުގައި ސްޕޮޓިފައި އަލަށް ތަޢާރަފްކުރާ ޤައުމުތަކާއެކު މިހާރު އެޕްލިކޭޝަން ބޭނުން ކުރާ މީހުންގެ އިތުރަށް އިތުރު ބިލިއަނެއްހާ މީހުންނަށް ސްޕޮޓިފައިގެ ޙިދުމަތް ފުޅާ ކުރެވޭނެއެވެ. ގިނަ ޤައުމުތަކަކީ އިންޓަނެޓް ބޭނުން ކުރާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާ ޤައުމުތައްކަން ސްޕޮޓިފައިއިން ފާހަގަކުރެއެވެ. އެއާއެކު ގިނަ ސަޤާފަތްތަކާއި ޤިނަ ވައްތަރުތަކުގެ ލަވަތާކައި މިއުޒިކް އަދި ޕޮޑްކާސްޓް އަޑުއެހުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެކުންފުނިން ބުނެއެވެ.

ސްޕޮޓިފައިއިން ބުނީ ބައެއް ޤައުމުތަކަށް އަލަށް ސްޕޮޓިފައިގެ ޚިދުމަތް ތަޢާރަފްކުރާއިރު، އިތުރު 36 ބަހަކުން ކޮންޓެންޓު ގެންނާނެ ކަމަށެވެ. އަދި މިއާއެކު ސްޕޮޓިފައިގައި 60 އަށްވުރެ ގިނަ ބަހުގެ އުފެއްދުންތައް ހުންނާނެކަމަށް އެކުންފުނިން ބުނެއެވެ.

ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާގެ އާއި އެފްރިކާ ސަރަހައްދު އަދި ކެރީބިއަން ސަރަހައްދުގެ ގިނަ ޤައުމުތަކަށް ސްޕޮޓިފައިގެ ޙިދުމަތް ދޭން ވަނީ ނިންމާފައެވެ. ސްޕޮޓިފައި އަކީ ހިލޭ އަދި އަގު ދީގެން ވެސް ބޭނުން ކުރެވޭ އެޕްލިކޭޝަނެކެވެ.