ވިޔަފާރި

ދައްޕަރުގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ


ހއ. ދައްޕަރުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ކޮންސެޕްޓާއި ގުޅޭ ޤަވާއިދުތައް ގެޒެޓް ކުރުމަށްފަހު އެރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން ކައުންސިލް އިންތިހާބުގައި ވާދާކުރާ ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ފައްޔާޟް ވިދާޅުވީ ދައްޕަރުގައި ފަތުުރުވެރިކަން ތަރައްޤީކުރުމަށް ނިންމާފައިވާ ކޮންސެޕްޓަކީ އިންޓަރގްރޭޓަޑް ރިއަލް އެސްޓޭޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށެވެ. މިއީ މިދިޔަ އަހަރުތެރޭ ފާސްކުރި ޓޫރިޒަމް ޤާނޫނަށް ގެނައި އިސްލާޙްތަކުގެތެރޭގައި ހިމެނޭ ކޮންސެޕްޓެކެވެ.
ފައްޔާޟް ވިދާޅުވީ ޓޫރިޒަމް ޤާނޫނަށް ގެނައި އިސްލާޙްގެ ދަށުން ޤަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ޓޫރިޒަމް މިނިސްޓްރީން ނިންމާލާފައިވާ ކަމަށާއި، މި ޤަވާއިދު ޤެޒެޓްގައި ޝާއިރު ކުރެވުމުން ދައްޕަރުގެ މަސައްކަތް ފެށިގެންދާނެ ކަމަށް މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

" ޓޫރިޒަމް ޤާނޫނަށް ގެނެވުނު ބަދަލާއި ގުޅިގެން، ދަށްޕަރުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ޓޫރިޒަމް ރިއަލް އެސްޓޭޓް ޕްރޮޖެކްޓެއްގެ ގޮތުގައި، އޭގެ މާނައަކީ، އިންޓަރގްރޭޓަޑް ރިއަލް އެސްޓޭޓް ޕްރޮޖެކްޓެއްގެ ގޮތުގައި ދާނީ، ދައްޕަރުގައި، ދެތިން ހަތަރު ހޮޓާ ރިސޯޓް ހުރެފަ، އަދި އޭގެ އިތުރުން ދިގު މުއްދަތަށް ވިލާ ބޭނުންކުރެވޭގޮތަށް" މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

ދައްޕަރަކީ ހއ.ފިއްލަދޫގެ އުތުރުން އެރަށާއި ގުޅިފައި އޮތް ވަރަށް ރީތި ފަޅުރަށެކެވެ. ދައްޕަރުގައި ފަތުރުވެރިކަން ތަރައްޤީވެގެން ދިޔުމަކީ ބޮޑު ތިލަދުންމަތީގެ ރައްޔިތުންގެ އުއްމީދެކެވެ. މި ރަށުގައި ފަތުރުވެރިކަން ތަރައްޤީވެގެން ދިޔުމުން ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެއެވެ.
މި ރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް 60 ހެކްޓަރ ބިން ކަނޑައަޅާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.