ދުނިޔެ

ވެކްސިން ދޭން ފެށުމުން އިނގިރޭސިވިލާތުގައި ބަލިޖެހޭ މީހުންގެ ޢަދަދު ދަށަށް

އިނގިރޭސިވިލާތުގައި ކޯވިޑްގެ ވެކްސިން މަޝްރޫޢު ފެށިފަހުން އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް ދަށަށް ދާން ފަށާފައިވާކަމަށް ޕަބްލިކް ހެލްތު އިންގުލެންޑުން ބުނެފިއެވެ.

ޕަބްލިކް ހެލްތު އިންގުލެންޑުން ތަފާސް ހިސާބުތަކާއި އެހެނިހެން މަޢުލޫމާތު ބަލާފައިވަނީ ތަފާތު ދެ ދިރާސާއެއްގެ ދަށުންނެވެ. ފުރަތަމަ ދިރާސާއަކީ ޞިއްޙީ ޚިދުމަތްތެރިންގެ މެދުގައި ކުރަމުންދާ ދިރާސާއެކެވެ. ދެވަނަ ދިރާސާއަކީ އުމުރުން 80 އަހަރުން މަތީގެ މީހުންނާއި ގުޅޭ ދިރާސާއެކެވެ. ޕަބްލިކް ހެލްތު އިންގުލެންޑުގެ ވެކްސިނާއި ބެހޭ އިސްވެރިޔާ، މޭރީ ރެމްސޭ ވިދާޅުވީ މިހާރު ލިބިފައިވާ މައުލޫމާތުތަކުން ވެކްސިންގެ ސަބަބުން މީހުންނަށް ބަލިޖެހޭ މިންވަރު ދަށްވެ، ހަސްފަތާލުގައި ފަރުވާ ދޭންޖެހޭ މީހުންނާއި މަރުވާ މީހުންގެ ޢަދަދު ދަށްވާކަމަށް ހިސާބުތަކުން ދައްކާކަމަށެވެ.

ޕަބްލިކް ހެލްތު އިންގުލެންޑުން ކޮށްފައިވާ ދިރާސާއިން ދައްކާގޮތުގައި އިނގިރޭސިވިލާތުގެ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާ މީހުންގެ މެދުގައި ކޯވިޑް ޖެހޭ މީހުންގެ ޢަދަދުވަނީ 70 އިންސައްތަ ދަށަށް ގޮސްފައެވެ.

އުމުރުން ދުވަސްވީ މީހުންނަށް ވެކްސިން އެއް ޑޯޒް ދިނުމުންވެސް ބަލީގެ ސަބަބުން ހަސްފަތާލުގައި އެނދުމަތިކުރަންޖެހޭ މީހުންގެ ޢަދަދާއި މަރުވާ މީހުންގެ ޢަދަދު 75 އިންސައްތައަށް ދަށްކުރެވޭނެކަމަށް ޕަބްލިކް ހެލްތު އިންގުލެންޑުން ބުނެއެވެ. އުމުރުން ދުވަސްވީ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމުން ބަލި ޖެހި އަލާމާތްތައް ފެނުމުން 57 އިންސައްތަ ރައްކާތެރިކަން ފޯރުކޮށްދެއެވެ. އަދި ދެވަނަ ޑޯޒް ދިނުމުން އެ ނިސްބަތް 85 އިންސައްތައަށް އިތުރުކޮށްދެއެވެ.

ޕަބްލިކް ހެލްތު އިންގުލެންޑުން ނެރުނު ބަޔާނެއްގައި ބުނީ ހުރިހާ އުމުރު ފުރައެއްގެ މީހުންގެ މެދުގައި ބަލީގެ ސަބަބުން ހާލު ބޮޑުވާ މިންވަރު ވެކްސިން ދިނުމުން ދަށަށް ދާކަން ފާހަގަވެފައިވީ ނަމަވެސް އެންމެ ބޮޑަށް އެކަން ފާހަގަވެފައިވަނީ އުމުރުން ދުވަސްވީ މީހުންގެ މެދުގައި ކަމަށެވެ. އިނގިރޭސިވިލާތުގައި ފެތުރެމުންދާ ވައިރަހުގެ އައު ވޭރިއަންޓާއި ދެކޮޅަށް ރައްކާތެރިކަން ދިނުމުގައިވެސް ވެކްސިން ކާމިޔާބުކަމަށް އެ ބަޔާނުގައިވަނީ ބުނެފައެވެ.

ޕަބްލިކް ހެލްތު އިންގުލެންޑުގެ ހޯދުންތައް އާންމުކޮށްފައިވަނީ ވެކްސިންގެ ހެޔޮ ނަތީޖާ ފެންނަމުންދާކަމަށް ސްކޮޓްލޭންޑުންވެސް ބުނެފައިވަނިކޮށެވެ. ސްކޮޓްލެންޑުގެ ރިސާޗަރުން ބުނީ ވެކްސިންގެ ސަބަބުން ބަލީގެ ޙާލަތު ގޯސް ވިޔަ ނުދީ ރައްކާތެރިކަން ފޯރުކޮށްދޭކަމަށެވެ.