ކުޅިވަރު

ކުޅިވަރު ކުރިއަރުވަން ގަތަރުގެ އެސޯސިއޭޝަންތަކާއިއެކު އެއްބަސްވުންތަކެއް ހަދަނީ

ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ގަތަރުގެ ކުޅިވަރު އެސޯސިއޭޝަންތަކާއެކު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއިން ތައްޔާރުވެއްޖެއެވެ.

އެމްއޯސީގެ ސެކެޓްރީ ޖެނެރަލް އަހުމަދު މަރުޒޫގް ގަތަރަށް ކުރެއްވި ދަތުރުގައި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ގަތަރުގެ ކުޅިވަރު އެސޯސިއޭޝަންތަކާއެކު ވަނީ މަޝްވަރާ ކޮށްފައެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއިން ގަތަރުގެ ބައެއް އެސޯސިއޭޝަންތަކާއި ގުޅިގެން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާއިރު، ގަތަރުގެ ހޭންޑް ބޯލް އެސޯސިއޭޝަނާއި ގަތަރު އެތުލެޓިކްސް ފެޑެރޭޝަން، ގަތަރު ޓޭބަލް ޓެނިސް އެސޯސިއޭޝަން، ގަތަރު ފުޓްބޯލް އެސޯސިއޭޝަންގެ އިތުރުން ގަތަރު ސްވިމިންގް އެސޯސިއޭޝަނާއެކުވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

މޯލްޑިވްސް އޮލިންޕިކް ކޮމެޓީންވަނީ ގަދަރުގެ އެސްޕެޓާ އާއެކުވެސް ޕްރޮގްރާމްތަކެއް ހިންގުމަށް އެއްބަސްވުމެއްގައި ސޮއެކުރުމަށް މަޝްވަރާކޮށްފައެވެ. އެސްޕެޓަރ އަކީ ގަތަރުގެ މަޝްހޫރު ސްޕޯޓްސް މެޑިސިން ހޮސްޕިޓަލެކެވެ. އެމްއޯސީއިން ބުނީ އެސްޕެޓާއާއެކު ކުރި މަޝްވަރާތަކުގެ ދަށުން ކުޅިވަރުގެ ކުޅުންތެރިންނަށް ލިބޭ އަނިޔާތަކަށް ފަސޭހަކަމާއެކު ފަރުވާލިބިގެންދާނެކަމަށެވެ. އަދި އެސޯސިއޭޝަންތަކާއެކު ކުރި މަޝްވަރާތަކުގެ ސަބަބުން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި ކުޅުންތެރިންނަށް ވަރަށް ބޮޑަށް ފައިދާކުރާނެކަމަށް އެމްއޯސީއިން ވަނީ ބުނެފައެވެ.

2018ވަނަ އަހަރުގެ ސާފް ޗެންޕިއަންޝިޕްގެ ތަށި ރާއްޖޭގެ ގައުމީ ޓީމު އުފުލާލާފައިވަނީ އެއް މަސްދުވަހުގެ ތަމްރީންތަކެއް ގަތަރުގައި ފުރިހަމަ ކުރުމަށްފަހުގައެވެ. މިއީ 2017ވަނަ އަހަރު އެފްއޭއެމްއާއި ގަތަރުގެ ފުޓްބޯޅަ އެސޯސިއޭޝަނާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށްދިޔަ މަސައްކަތެކެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނާއި ގަދަރުގެ ފުޓްބޯޅަ އެސޯސިއޭޝަނާއެކު ގާތް ގުޅުމެއް އޮންނައިރު، ރާއްޖޭގެ ފުޓްބޯޅައަށް ގިނަ ފައިދާތަކެއްވެސް 2017ވަނަ އަހަރު ދަތަރުއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ކޮށްފައިވެއެވެ. ފުޓްބޯޅައިގެ އިތުރުންވެސް ރާއްޖޭގެ ބައެއް އެތުލީޓުންވަނީ ގަތަރުގައި ތަމްރީންތައް ފުރިހަމަ ކުރުމަށްފަހު، ރަގަނޅު ކާމިޔާބީތަކެއްވެސް ހޯދާފައެވެ.

ގަތަރަކީ ކުޅިވަރުގައި ވަރަށް ކުރީގައި އުޅޭ ގައުމެކެވެ. ގަތަރު ލީގުގައި ޔޫރަޕްގެ ނަން މަޝްހޫރު ކުޅުންތެރިންވެސް މިހާރު ކުޅެމުންދާކަން ފާހަގަކޮށްލެވެއެވެ.