ކުޅިވަރު

ޔުވެންޓަސް އިން އިންޓަރ މިލާނާއި 8 ޕޮއިންޓަށް ގާތަށް


އިޓާލިއަން ސެރީއާގައި އެންމެފަހުގެ ޗެމްޕިއަން ޔުވެންޓަސް އާއި ކްރޮޓޯނޭ ބައްދަލުކުރިމެޗް ޔޫވެންޓަސް ކާމިޔާބުކޮށްފިއެވެ. ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗްޔުވެންޓަސްއިން ކާމިޔާބުކުރީ ފަސޭހަ ކަމާއެކު 3 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދަފައިވަނީ ޔުވެންޓަސްއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 38 ވަނަ މިނެޓްގައި ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ރޮނާލްޑޯވަނީ އިތުރު ލަނޑެއް ޖަހައި މިމެޗްގައި ޔުވެންޓަސްގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ މިސީޒަންގައި ސެރީއާގައި އޭނާ ކާމިޔާބުކުރީ 18 ވަނަ ލަނޑެވެ. އަދި ލީގުގައި ލަނޑު ޖެހުމުގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީވެސް ރޮނާލްޑޯއެވެ. އަދި މިއީ އޭނާ ސެރީއާގައި ޖެހި 70 ވަނަ ލަނޑެވެ. މިމެޗްގައި ޔުވެންޓަސްގެ ފަހު ލަނޑު މެޗްގެ 66 ވަނަ މިނެޓްގައި ޖަހައިދިނީ ވެސްޓަން މެކެންޒީއެވެ.

މިކާމިޔާބީއާއެކު ޔުވެންޓަސް މިހާރުވަނީ އެއްވަނައިގައި އުޅޭ އިންޓަރ މިލާނާއި 8 ޕޮއިންޓަށް ގާތް ކޮށްފައެވެ. އަދި ޔުވެންޓަސް ނުކުޅެ އެއްމެޗް އޮތުމުން މިފަރަގު އިތުރަށް ކުޑަވުމުގެ ފުރުސަތު އެބައޮތެވެ. ޔުވެންޓަސްއިން މިހާރު 22 މެޗް ކުޅެފައިވާއިރު އެޓީމަށް ލިބިފައިވަނީ 45 ޕޮއިންޓެވެ. އެއްވަނައިގައި އުޅޭ އިންޓަރއަށް ލިބިފައިވަނީ 23 މެޗުން 53 ޕޮއިންޓެވެ. މިމެޗުން ބަލިވުމުން ކްރޮޓޯނޭ އުޅެނީ 23 މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ.