ކުޅިވަރު

އަލްފާ ރޯމިއޯއިން މިސީޒަންގައި ބޭނުންކުރާ އާ ކާރު އަންމުކޮށް ދައްކާލައިފި


ފޯމިއުލަރ ވަން ކާރު ރޭހުގައި ވާދަކުރާ އަލްފާ ރޯމިއޯއިން މި ސީޒަންގައި ބޭނުން ކުރާ އާ ކާރު އާންމުކޮށް ދައްކާލައިފިއެވެ. އެޓީމުގެ އާ ކާރު ކަމަށްވާ އޯލެން ސީ ފޯޓީވަން ކާރު އާންމުކޮށް ދައްކާލާފައިވަނީ ޕޯލަންޑްގެ ވޯސޯ ގައެވެ.

މިދިޔަ ސީޒަންގައި ކޮންސްޓްރަކްޓަރ ތާވަލްގެ އަށްވަނައިގައި އޮތް އަލްފާ ރޯމިއޯއިން މިސީޒަނާއި ކުރިމަތި ލަނީ އެޓީމުގެ މަގާމް އިތުރަށް ކުރިއަށް ޖެއްސުމުގެ އަޒުމާއެކުގައެވެ. އެޓީމުގެ ޕްރިންސިޕަލް ފެރެޑްރިކް ވެސުއަރ ހާމަކުރިގޮތުގައި އޭނާގެ ޓީމް މިފަހަރު އެހެން ޓީމް ތަކެކޭ އެއްގޮތަށް ރަނގަޅު ނަތީޖާތަކެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އަދި މަޑުމަޑުން ކުރިއަށް ޖެހި ތާވަލްގެ މެދާ ހަމައަށް ދިއުމަށް މިފަހަރު މަސައްކަތް ކުރާނެ ކަމަށް އޭނާ ހާމަކުރިއެވެ. އަލްފާ ރޯމިއޯގެ ދުއްވުން ތެރިޔާ ކިމީ ރައިކޮނަން ބުނީ މިދިޔަ ސީޒަނަށް ވުރެ މިސީޒަންގައި އެޓީމްގެ ކާރު ރަނގަޅުވާނެކަމަށް އުންމީދު ކުރާ ކަމަށެވެ.

އެފް ވަންގެ ގަވާއިދު ބުނާގޮތުން މިއަހަރުގެ ސީޒަނަށް ޓީމްތަކަށް އެޓީމްތަކުގެ ކާރުތަކަށް މާގިނަ ބަދަލުތަކެއް ނުގެނެވޭނެއެވެ. މިގޮތުން ކާރުގެ ދުވުން ރަނގަޅު ކުރުމަށްޓަކައި ގިނަ ބަދަލު ތަކެއް ގެނެވުނު ނަމަވެސް ސްޓްރަކްޗަރަލް ބަދަލު ގެނައުންވަނީ ވަކިވަރެއްގައި ހިފަހައްޓާފައެވެ. މިގޮތުން ޓީމުގެ ޓެކްނިކަލް ޑައިރެންޓަރ ހާމަކުރިގޮތުގައި އެޓީމަށް ލިބިފައިވި ފުރުސަތުގެ ދަށުން އެންމެ ބޮޑު އިސް ކަމެއް ދިނީ ކާރުގެ ނޯސް ޑިސައިން ބަދަލު ކުރުމަށް ކަމަށާއި މިކަމުގެ ސަބަބުން ކާރުގެ ދުވެއްޔަށްވެސް ރަނގަޅު އަސަރު ތަކެއް ކުރާނެކަމަށް އުންމީދު ކުރާ ކަމުގައެވެ.

މިދިޔަ ސީޒަންގައި އަލްފާ ރޯމިއޯ ބޮޑަށް ފެނިގެންދިޔައީ ތާވަލްގެ ފަހަތު ކޮޅުގައި ވިލިއަމްސް އާއި ހާސް އާ ވާދަކުރަމުންދިޔަ ތަނެވެ. އަދި މިދިޔަ ސީޒަނަށް ބަލާއިރު އެންމެ މަޑުން ދުވި ކާރުތަކުގެ ތެރޭގައި އެޓީމްގެ ކާރު ހިމެނުނެވެ. ނަމަވެސް މިސީޒަންގައި ތާވަލްގެ ކުރީގައި އުޅޭ ޓީމްތަކާއި ދެމެދުގައިވާ ފަރަގު ކުޑަކުރެވޭނެ ކަމަށް އަލްފާ ރޯމިއޯއިން ވަރަށް ބޮޑަށް އުންމީދު ކުރެއެވެ. މިސީޒަންގައިވެސް ރައިކޮނަންއާއެކު އެޓީމުން ދުއްވާނީ އިޓަލީވިލާތުގެ އެންޓޯނިއޯ ޖިއޮވިނާޒީއެވެ.