އަފީފުއްދީން ސްކޫލްގައި ޤާއިމުކުރާ އިންކްލޫސިވް ސަޕޯޓް ޔުނިޓްގެ މަސައްކަތް ނިމިފައިވާކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވިދާޅުވެއްޖެއެވެ.
އަފީފުއްދީން ސްކޫލްގައި ޤާއިމުކުރާ އިންކްލޫސިވް ސަޕޯޓް ޔުނިޓްގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވަނީ 2019 ވަނަ އަހަރުއެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވީ މިއީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫޢެއްކަމަށެވެ. އަދި މިމަޝްރޫޢުގެ ދަށުން އަފީފުއްދީން ސްކޫލްގެ އިތުރުން ހާފިޒް އަޙްމަދު ސްކޫލްގައިވެސް އިންކްލޫސިވް ޔުނިޓެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ. އެހެންނަމަވެސް އަދި އެސްކޫލްގެ މަސައްކަތް އެއްކޮށް ނުނިމެއެވެ. މިމަޝްރޫޢޫގެ ދަށުން ހާފިޒް އަޙްމަދު ސްކޫލްގައި ކުރިއަށްދަނީ އެސްކޫލްގައި ކުރިން ޤާއިމުކޮށްފައިވާ ސަޕޯޓް ޔުނިޓުގެ ޖާގަ ބޮޑުކުރުންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
އިންޑިއާގެ އެހީގެ ދަށުން މިދެސްކޫލްގައި އިންކްލޫސިވް ސަޕޯޓް ޔުނިޓުތައް އިތުރަށް ހަރުދަނާކޮށް ދަރިވަރުންގެ ކުރިއެރުމަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމާއި ސްކޫލްތަކުގެ އުމްރާނީ ތަރައްޤީގެ އިތުރުބައެއް ކަންކަން ކުރުން ހިމެނެއެވެ. އަދި ހަމައެއާއެކު ސްކޫލްތަކަށް ބޭނުންވާ މުދައްރިސުން ތަމްރީނުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ ދަށުން މިދިޔަ 2020 ވަނަ އަހަރު މިސްކޫލްތައް ހިމެނޭ ސަރަޙައްދުގައި ހުރި އިތުރު ސްކޫލްތައްވެސް ހިމެނޭހެން 35 ޓީޗަރަކަށް ކުއިންސްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ 2019 ވަނަ އަހަރު ފެށުނު މި ޕްރޮޖެކްޓްގެ މަސައްކަތް މިއަހަރުގެ ޖޫންމަހު އެއްކޮށް ނިންމާލެވޭނެކަމަށެވެ.
އިންކްލޫސިވް ޔުނިޓުތަކަކީ ރާއްޖޭގެ ހުރިހާ ސަރަޙެއްދެއްގައި ތިބި ކުދިންނަކީވެސް ހަމަހަމަ ފުރުސަތު ލިބޭ ކުދިންކަން ކަށަވަރުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސްކޫލްތަކުގައި ޤާއިމުކުރާ ޔުނިޓުތަކަކެވެ. މީގެ ސަބަބުން ސްކޫލްތަކުގައި ތިބޭ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް އެހެން ކުދިންހެން ލިބިދޭންޖެހޭ ތަޢުލީމުގެ ފުރުސަތުތައް މި ޔުނިޓުތައް މެދުވެރިކޮށް ސެން ޓީޗަރުން ދެއްވަމުން ގެންދަވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން އެފަދަ ކުދިންނަށް ތަޢުލީމް ފޯރުކޮށްދިނުމަށް ބޭނުންވާ ވަޞީލަތްތައް މިސަޕޯޓް ޔުނިޓުތަކުގައި ވަނީ ޤާއިމުކޮށްފައެވެ.
ސްކޫލްތަކަށް ބޭނުންވާ ވަޞީލަތްތައް ހަމަކޮށް ދަރިވަރުންނަށް ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށް ދިނުމަށް އެޑިއުކޭޝަނުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި ހުރިހާ ކުދިންނަށް ހަމަހަމަ ފުރުސަތު ފަހިކޮށްދީ ކުދިންގެ ތަޢުލީމީ މަރުޙަލާގެ ތެރެއިން ހުރިހާ ކުދިންނަކީވެސް ކާމިޔާބު ކުއްޖަކަށް ހެދުމަކީ އެމިނިސްޓްރީގެ އަމާޒެވެ. އެހެންނަމަވެސް މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ވޭތުވެދިޔަ އަހަރާއި މިއަހަރު ވެފައިވަނީ ތަޢުލީމީ ނިޒާމަށް ކުރިމަތިވި ގޮންޖެހުންތައް އިތުރުވި ދުވަސްވަރަކަށެވެ.