ޚަބަރު

ގެއްލިގެން ނުވަތަ ވަގަށް ނަގައިގެން ކެންސްލަކުރާ ޕާސްޕޯޓުގެ މަޢުލޫމާތު އިންޓަޕޯލްގައި ހިމަނަނީ


ގެއްލޭ ޕާސްޕޯޓާއި ވަގަށްނަގާ ޕާސްޕޯޓް ނުވަތަ އެހެނިހެން ސަބަބުތަކާހުރެ ކެންސަލްކުރާ ޕާސްޕޯޓުގެ މަޢުލޫމާތު އިންޓަޕޯލްގައި ހިމެނުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ. މިގޮތަށް ނިންމާފައިވަނީ ގެއްލޭ އަދި ވަގަށް ނަގަ ޕާސްޕޯޓް ބޭނުންކޮށްގެން ކުރާ ކުށްތައް ހުޓުވުމަށްޓަކައި، މި މަޢުލޫމާތު އިންޓަޕޯލް މެދުވެރިކޮށް އެހެން ޤައުމުތަކުގެ އިމިގްރޭޝަންގެ ސަމާލުކަމަށް ގެނައުމަށެވެ.

އިންޓަރޕޯލާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ގެއްލުމުން ނުވަތަ ވަގަށް ނެގުމުން ނުވަތަ އެހެނިހެން ސަބަބަކާ ގުޅިގެން ކެންސަލު ކުރާ ޕާސްޕޯޓާއި ދަތުރުކުރުމުގެ އެހެނިހެން ލިޔުންތައް އިންޓަރޕޯލާ ޙިއްޞާކުރަން ޖެހެއެވެ.
އެހެންކަމުން މިމަހުގެ 25ވަނަ ދުވަހުން ފެށިގެން ދޫކުރާ ދިވެހި ޕާސްޕޯޓާއި ދަތުރުކުރުމުގެ ވަގުތީ ލިޔުން ގެއްލިގެން ނުވަތަ ވަގަން ނެގުމުން ރިޕޯޓު ކުރުމުން އެމަޢުލޫމާތު އިންޓަރޕޯލްގެ "ސްޓޯލަން އެންޑް ލޮސްޓް ޓްރެވަލް ޑޮކިއުމެންޓް" (އެސް.އެލް.ޓީ.ޑީ) ޑާޓާބޭސްގައި ހިމަނަމުންދާނެކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

މިފަދަ މަޢުލޫމާތެއް ރިޕޯޓު ކުރާ ވަގުތުން ފެށިގެން ޕާސްޕޯޓަކީ ދަތުރު ކުރުމަށް ބޭނުން ކުރެވޭ ސައްޙަ ލިޔެކިއުމަކަށް ނުވާތީވެ، ރިޕޯޓު ކުރާ ފަހުން ޕާސްޕޯޓު ފެނިއްޖެ ހާލަތެއްގައި، ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ޤައުމުތަކުން އެތެރެވެ ބޭރުވުމަށް ސައްޚަ ލިޔެކިއުމެއްގެ ގޮތުގައި އެފަދަ ޕާސްޕޯޓެއް ބޭނުން ނުކުރެވޭނެކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ޕާސްޕޯޓް ނުފަދަ އެފަދަ ލިޔެކިއުމެއް ގެއްލިގެން ރިޕޯޓްކުރާ ފަހުން ފެނިއްޖެނަމަ، އެފަދަ ޕާސްޕޯޓު ދަތުރު ކުރުމަށް ބޭނުން ކުރުމުގެ ބަދަލުގައި އިމިގްރޭޝަނަށް ރައްދު ކޮށްދިނުމަށް ވަނީ އަންގާފައެވެ. މިގޮތަށް އަންގަވާފައިވަނީ އެމަޢުލޫމާތު އިންޓަޕޯލަށް ހުށަހެޅުމަށްފަހު، ކަމާބެހޭ ފަރާތްތަކަށް ނޭންގި އެފަދަ ޕާސްޕޯޓެއް ބޭނުންކޮށްފިނަމަ ދަތުރުކުރުމުގައި ދިމާވެދާނެ ދަތިތަކުގެ ސަބަބުންނެވެ.

އެސް.އެލް.ޓީ.ޑީ ގައި ޕާސްޕޯޓު ގެއްލިފައިވާކަމަށް ނުވަތަ ވަގަށް ނަގާފައިވާ ކަމަށް މަޢުލޫމާތު ހިމަނައިފިނަމަ، އިންޓަރޕޯލުގެ މެމްބަރުންގެ ގޮތުގައިވާ 194 ޤައުމަކަށް އެ މަޢުލޫމާތު ފެންނަން ހުންނާނެއެވެ. އެހެންކަމުން ރިޕޯޓު ކުރާފަހުން ޕާސްޕޯޓު ފެނިގެން އެ ޕާސްޕޯޓު ދަތުރު ކުރުމަށް ބޭނުން ކޮށްފިނަމަ، ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ޤައުމުތަކުގެ އިމިގްރޭޝަނުން އެމީހަކު ހުއްޓުވަމުންދާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.

ޕާސްޕޯޓް ގެއްލުމުގެ 674 މައްސަލަ މިދިޔަ އަހަރު އެކަނިވެސް އިމިގްރޭޝަނަށް ހުށައަޅާފައިވެއެވެ. ޕާސްޕޯޓަށް އިޙުމާލުވުމަކީ އޭގެ ސަބަބުން ޖޫރިމަނާކުރެވޭ ކުށެކެވެ.