ޚަބަރު

ރަށްރަށުގެ ބިން ހިއްކުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން - ރައީސް


ބިން ހިއްކަން ޖެހިފައިވާ ރާއްޖޭގެ ހުރިހާ ރަށެއްގެ ބިން، ބާރު ސްޕީޑުގައި ހިއްކައި ނިންމުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ކުރިއަށް އޮތް ލޯކަލް ކައުންސިލާއި އަންހެނުންގެ ތެރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއެކު "ރަށްވެހި ފަތިސް"ގެ ނަމުގައި ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ގއ.އަތޮޅުގެ ދާއިރާތަކަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރަށްރަށަށް ބޭނުންވެފައިވާ ބިމުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން މުހިއްމު މަސައްކަތްތަކެއް މިދަނޑިވަޅުގައިވެސް ކުރަމުންދާކަމަށެވެ. ރާއްޖޭގެ ގިނަ ރަށްރަށުގެ ބިންހިއްކުމުގެ މަސައްކަތް މިހާރު ކުރަމުންދާ އެމްޓީސީސީއަށް މަސައްކަތުގެ ބުރަ ބޮޑުވެފައިވާކަމަށާއި، މިހާރު ބިން ހިއްކަން ޖެހިފައިވާ ރަށްރަށުގެ ބިން ހިއްކުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

"ބިން ހިއްކަންހުރި ހުރިހާ ރަށެއްގެ ބިންހިއްކުމައްޓަކައި ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށްއެބަގެންދަން. އެކަން ކުރިއަށްއޮތް މަހެއް ދެމަހެއްހައި ދުވަހުގެތެރޭގައި އެނގޭނެ. އެކަން ހަމަޖެހިއްޖެނަމަ ވަރަށް ބާރު ސްޕީޑުގައި މި ހުރިހާ ރަށެއްގެ ބިންހިއްކުން ކުރިއަށްގެންދެވޭނެ. އެމްޓީސީސީން އެކަނި ކުރާނަމަ ތަންކޮޅެއް ބާރުބޮޑުވެގެންދަނީ" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްރަށަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށް މިއަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ)ގެ ތެރެއިން ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. އެގޮތުން ބިން ހިއްކުމާއި މަގު ހެދުމަށް ޖުމްލަ 1،029.9 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ޕީ.އެސް.އައި.ޕީގެ ބަޖެޓުގައި ހިމަނާފައިވެއެވެ. އެއީ ޕީ.އެސް.އައި.ޕީގެ ބަޖެޓުގެ %12އެވެ. މީގެ ތެރެއިން ބޮޑު ޚަރަދެއް ހިނގާނީ އެކި ރަށްތަކުގައި ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށެވެ.

2021ވަނަ އަހަރުގެ ބަޖެޓުގައި ޕީ.އެސް.އައި.ޕީގެ ތެރެއިން ޑޮމެސްޓިކް ބަޖެޓުން ޚަރަދުކޮށްގެން ބިން ހިއްކުމުގެ 25 މަޝްރޫޢެއް ކުރިއަށްގެންދިއުމަށް ހިމަނާފައިވެއެވެ. މީގެ ތެރޭގައި މިހާރުވެސް ބިން ހިއްކުމުގެ މަސައްކަތް ހިނގަމުންދާ 3 ރަށަކާއި، އަލަށް ފަށާ 3 ރަށަކާއި، ރިޓެންޝަން މަރުހަލާގައި އޮތް އެއް ރަށާއި، ޕްރީ-ޓެންޑަރިންގގައި އޮތް 9 ރަށަކާއި ޓެންޑަރިންގ މަރުހަލާގައި އޮތް 9 ރަށެއް ހިމެނެއެވެ.