ޚަބަރު

ހިލޭ އަދި ހެޔޮ އަގެއްގައި ވެކްސިން ހޯދުމަށް ދަނީ މަސައްކަތްކުރަމުން: ފޮރިން މިނިސްޓްރީ


ކޯވިޑް ވެކްސިން އުފައްދާ ކުންފުނިތަކާއި، ޤައުމުތަކާއެކު އެއްބަސްވުންތައް އެކުލަވާލާ، ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެނަށް ބޭނުންވާ ވަރަށް، ހިލޭ އަދި ހެޔޮ އަގެއްގައި ވެކްސިން ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ދޭ ވެކްސިން ރާއްޖެއަށް ހޯދުމުގައި ކުރައްވާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ މިދުފާ ނަޢީމް ވިދާޅުވީ، ކޯވިޑް ވެކްސިންގެ މަސައްކަތް ދުނިޔޭގެ ފެންވަރުގައި ކުރެވެން ފެށި ހިސާބުން ރާއްޖެއަށް ވެކްސިން ހޯދުމުގެ މަސައްކަތް އެ މިނިސްޓްރީން ފެށްޓެވިކަމަށެވެ. އެގޮތުން ވެކްސިން ހޯދުމުގެ މަސައްކަތް މައިގަނޑު ތިން ގޮތަކަށް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން މިދުފާ ވިދާޅުވީ، ވެކްސިން އުފައްދާ ކުންފުނިތަކާއި، ބޭރުގެ ޤައުމުތަކާއެކު އެއްބަސްވުންތައް އެކުލަވާލާ ވެކްސިން ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި، އެޤައުމުތަކާއެކު އޮން ގުޅުމުގެ ތެރެއިން އަގު ހެޔޮކޮށް ވެކްސިން ގަތުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށެވެ. އަދި ދޭދޭ ގުޅުމުގެ ތެރެއިން ހިލޭ ވެކްސިން ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް މިދުފާ ވިދާޅުވިއެވެ. އެގޮތުން އިންޑިއާއިން މިހާތަނަށް ދެލައްކަ ކޯވިޑް ވެކްސިން ހިލޭ ފޯރުކޮށްދިންކަން މިދުފާ ފާހަގަކުރެއްވިއެވެ.

"އެއް ގޮތަކީ ވެކްސިން އުފައްދާ ސީދާ ކުންފުނިތަކާއި ގުޅައިގެން ކުންފުނިތަކުން ހަމަ ކޮމަޝަލް ކޮންޓްރެކްޓްސްތަކުގައި ވެކްސިން ގެނައުމުގެ ފެސިލިޓިސްތައް ޤާއިމްކުރުން. ދެވަނަ ގޮތަކީ އަޅުގަނޑުމެންނަށް ހެޔޮ އެދޭ ދޭދޭ ޤައުމުތަކުގައި އޮންނަ ގުޅުމުގެ ތެރެއިން ހިލޭ އެހީގެ ގޮތުގައި ވެކްސިން ހޯދުމުގެ މަސައްކަތްކުރުން. ތިންވަނަ ގޮތަކީ މި އޮންނަ ގުޅުމުގެ ތެރެއިން އަގު ހެޔޮކޮށް އެ ޤައުމުތަކުގެ ތެރެއިން ކޮމާޝަން ކޮންޓެކްޓްތަކެއް ޤާއިމްކޮށް ތަންކޮޅެއް އަގު ހެޔޮކޮށް ވެކްސިން ހޯދުމުގެ މަސައްކަތް" މިދުފާ ވިދާޅުވިއެވެ.

މިދުފާ ވިދާޅުވީ، ޑަބްލިއުއެޗްއޯގެ ހުއްދަ ލިބިފައިވާ ވެކްސިންގެ އިތުރުން، ހުއްދަ ލިބުމުގެ މަގުމަތީގައިވާ ވެކްސިން ހޯދުމުގެ މަސައްކަތްވެސް ކުރެވެމުން އަންނަކަމަށެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެނަށް ހިލޭ ވެކްސިން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވަޢުދަކަށްވުމާއެކު އެކަން ފުރުހަމަކުރުމަށް ކުރާ މަސައްކަތުގެ ދަށުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް މިދުފާ ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު ދެމުން އަންނަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. ކޯވިޑް-19އިން ދިފާޢުވުމަށްދޭ ވެކްސިން ރާއްޖެއަށް އެންމެ ފުރަތަމަ ފޯރުކޮށްދިން ޤައުމަކީ އިންޑިއާއެވެ. އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިންގެ ފުރަތަމަ 100000 ޑޯޒްގެ ޝިޕްމަންޓް ރާއްޖެއަށް ގެނައީ މިދިޔަ ޖެނުއަރީމަހުގެ 20 ވަނަ ދުވަހުއެވެ. އަދި އޭގެ 10 ދުވަސްފަހުން، ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދައާއެކު ރާއްޖޭގައި ވެކްސިން ދޭން ފަށާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިތުރު 100،000 ވެކްސިން ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައިވާއިރު، ޗައިނާއިންވެސް 100،000 ވެކްސިން ޑޯޒް އަދި ހެޔޮ އެދޭ ފަރާތަކުން 5،000 ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ. ރާއްޖޭގައި މިހާތަނަށް ވަނީ 70،000 ވުރެ ގިނަ މީހުންނަށް ވެކްސިން ވަނީ ދީފައެވެ.