ޚަބަރު

ފައިސާ އަތުލާ އެތައް ބަޔަކަށް ލަނޑުދިން ސީލައިފްގެ އެމްޑީ ހައްޔަރުކޮށްފި


އެތައް ބައެއްގެ އަތުން ފައިސާ އަތުލާ މަކަރާ ޙީލަތް ހަދައިގެން ފިލައިގެން އުޅުނު ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަހުމަދު މޫސާ ސްރީލަންކާއިން ހައްޔަކޮށްފިއެވެ.

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އަޅަން ސީލައިފާއި ހަވާލުކުރުމުން ފްލެޓް ވިއްކާނެކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުން ފައިސާ ނެގުމަށްފަހު ފްލެޓްތައްވެސް ނަޅާ އެފައިސާތަކަށް ޚިޔާނާތްތެރިވި މައްސަލާގައި އަހުމަދު މޫސާ ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފައި ވަނީ 2019ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

އަހުމަދު މޫސާ ސްރީލަންކާއިން ހައްޔަރުކުރީ ރޭގެ ވަގުތެއްގައިކަން ވަނީ އެނގިފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ ފުލުހުން ހޯދަމުންދާ އަޙްމަދު މޫސާ ހައްޔަރުކޮށްފައިވާކަން އިންޓަޕޯލުން މޯލްޑިވްސް އެ އިދާރާއަށް އަންގާފައިވާކަމަށެވެ. އަދި މިކަމާއި ގުޅިގެން އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަން އިންޓަރޕޯލާއި ގުޅިގެން ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގެ އިތުރުން ފައިސާ ނެގުމަށް ފަހު ރައްދު ނުކުރުމާއި ފޯޖަރީގެ ތުހުމަތު އަޙްމަދު މޫސާގެ މައްޗަށްކޮށްފައިވާއިރު ސީލައިފްގެ ފްލެޓްތަކުގެ މައްސަލަ ފުލުހުން ތަހުޤީޤްކުރަން ފެށީ 2018 ވަނަ އަހަރުގެ ނޮވްމެބަރުމަހުގައެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016ވަނަ އަހަރުގައެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ހިޔާނަތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 200 ވުރެ ގިނަ މީހުންވަނީ އެ ކުންފުންޏާއި ދެކޮޅަށް ސިވިލްކޯޓްގައި ދައުވާކޮށްފައެވެ. މި މައްސަލާގައި ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްކަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލާ ކޯޓުން ބޭރުގައި އެ މައްސަލަވަނީ ހައްލުކޮށްފައެވެ.

ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި 3000 ފްލެޓް އެޅުމަށް ސީ ލައިފްއާއި ހަވާލުކޮށްފައިވަނީ އެވަރުގެ މަޝްރޫއެއް ހިންގުމުގެ ޤާބިލްކަން އެ ކުންފުނީގައި ނެތްކަން އެނގިތިބެކަން އެޗްޑީސީން އެކުލަވާލާފައިވާ ރިޕޯޓްގައިވެއެވެ.