ޚަބަރު

އިދިކޮޅު ކޯލިޝަނުން އިންޑިއާގެ ހާރިޖީ ވަޒީރާއި ބައްދަލުކޮށްފި


ރާއްޖޭގައި ދާޚިލީ ހަމަޖެހުން އޮތުމަކީ އިންޑިޔާއަށް މުހިންމުކަމަކަށްވާނެތީ އެކަމުގައި އެޤައުމުން އެހީވުމަށް އިދިކޮޅު ޕީޕީއެމް- ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިކަން ހާމަކޮށްފައިވަނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންނެވި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރާއި ބައްދަކުރުމަށްފަހު އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައެވެ.

މާލޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނުގައި ބޭއްވި ބައްދަލުވުމުގައި އިދިކޮޅު ވަފުދުގައި އިސްކޮށް ހުންނެވީ ޕީ.އެން.ސީ.ގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އެވެ. ދެން ބައިވެރިވި ބޭފުޅުންގެ ތެރޭގައި ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކާއި އެޑްވައިޒަރ ޑރ. މުޙައްމަދު ޖަމީލް އަޙްމަދުވެސް ބައިވެރިވެވަޑައިގެންނެވިކަމަށް ޕީޕީއެމުން ބުނެއެވެ.

މި ބައްދަލުވުމުގައި އެ ކޯލިޝަނުން ވަނީ 5 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒްކުރަމުންދާ އިދިކޮޅު ކޯލިޝަންގެ ލީޑަރު، އަދި ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މިނިވަންކޮށްދިނުމަށް މަސައްކަތް ކޮށްދެއްވުމަށް އެދިފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަވެރި ސިޔާސީ ޕާޓީއަށް ހަމަހަމަ ފުރުޞަތު ތަނަވަސްކޮށްދީފައި ނުވާކަމާއި، ކެމްޕޭން ކުރުމަށް ސަރުކާރުން އެކިގޮތް ގޮތުން ހުރަސް އަޅަމުންދާކަމަށްވެސް ކޯލިޝަނުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ޤާއިމުކުރެވުނު ޑެމޮކްރެޓިކް ނިޒާމު، ސަރުކާރުގެ ޢަމަލުތަކުގެ ސަބަބުން ދުވަހެއް ދުވަހަކަށް ބަލިކަށިވަމުންކަމަށް ބުނެ ރާއްޖޭގައި ދާޚިލީ ހަމަޖެހުން އޮތުމަކީ އިންޑިޔާއަށް މުހިންމުވާނެކަމެއްކަން ޔަޤީންވާކަމަށާއި، އެގޮތުން، މި ސަރުކާރުގެ ހަރުކަށި އަމަލުތަކާމެދު ގާތުން ފާރަވެރިވުމަށާއި، ޑެމޮކްރަސީގެ މަގަށް އަވަހަށް އަލުން ރުޖޫއަވުމަށް ސަރުކާރަށް ނަސޭހަތްތެރިވުމަށް އިންޑިޔާއިން ބާރުއެޅުން މުހިންމުކަން ފާހަގަކުރިކަމަށްވެސް އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައިވެއެވެ.

މި ބައްދަލުވުމުގައި އިންޑިޔާއަކީ ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް ސަމާލުކަންދޭނެ ޒިންމާދާރު އަވަށްޓެރިއެއް ކަމަށާއި، އެގޮތުން ރާއްޖޭގެ ވާދަވެރި ސިޔާސީ ފަރާތްތަކާ އެކު މަޝްވަރާ ކުރުމަށް އަބަދުވެސް އިސްކަންދެއްވާނެކަމަށް އިންޑިއާގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓަރ ޑރ. ޖަޔަޝަންކަރ ވިދާޅުވިކަމަށްވެސް ޕީޕީއެމުން ބުނެއެވެ.

މި ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަނުގެ ލީޑަރޝިޕް ގްރޫޕްގެ މެންބަރުންނާއި ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުއާ އެޑްވައިޒަރ ޑރ. މުޙައްމަދު ޖަމީލް އަޙްމަދުބައިވެރިވެވަޑައިގެންނެވިކަމަށް ޕީޕީއެމުން ބުނެނެވެ.