ދުނިޔެ

އެބޯލާ ޖެހިގެން ކޮންގޯގައި ހަތަރު މަރު


އެބޯލާ ޖެހިގެން ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ހަތަރު މީހުން މަރުވެއްޖެއެވެ. ނުރައްތާތެރި ގައިން ގަޔަށް އަރާ ބައްޔެއްކަމުގައިވާ އެބޯލާ މިމަހުގެ ތެރޭގައި ކޮންގޯއިން އަނެއްކާވެސްވަނީ ފެންނަން ފަށާފައެވެ.

ކޮންގޯގެ ނޯތު ކީވޫ ޕްރޮވިންސުގެ ޞިއްޙަތާއިބެހޭ ވަޒީރު، ޔޫޖީން ސްޔަލީތާ ވިދާޅުވީ މި މަހުގެ ތެރޭގައި އެބޯލާ ޖެހިފައިވާ 6 މީހުން އެ ޤައުމުން ފެނިފައިވާކަމަށާއި އޭގެ ތެރެއިން 4 މީހަކު މިހާރު މަރުވެފައިވާކަމަށެވެ. އޭގެ ތެރެއިން 2 މީހުން މި މަހުގެ ކުރީކޮޅުގައި މަރުވެފައިވާއިރު ދެން މަރުވި ދެމީހުން މަރުވެފައިވަނީ މިދިޔަ ހަފްތާގައެވެ. ބަލިޖެހިފައިވާ އަނެއް 2 މީހުންނަށް ކަޓްވާކިޔާ އަވަށެއްގައި ހުރި އެބޯލާ އަށް ފަރުވާދޭ މަރުކަޒެއްގައި ފަރުވާދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ސްޔަލީތާ ވިދާޅުވީ ގޭގެ ޑިސްއިންފެކުޓުކޮށް ޖަރާސީމު ފިލުމުވަށާއި، ޖަނާޒާގެ ކަންކަން ރައްކާތެރި ގޮތަކަށް ކުރިއަށް ގެންދިޔުމަށް ބައެއް އާއިލާތަކުން ދެކޮޅު ހަދަމުންދާ ކަމަށެވެ. ކޮންގޯއިން އެބޯލާ ބަލި އަލުން ފެނިފައިވާކަމަށް ގިނަ ބަޔަކަށް އަދި އެނގިފައިނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ ހަފުތާގައި ކޮންގޯގައި އެބޯލާއަށް ވެކްސިން ދިނުމުގެ މަޝްރޫޢުއެއްވަނީ ފަށައިފައެވެ. ނަމަވެސް މީގެ ކުރިން އެ ޤައުމުގައި އެބޯލާ ފެތުރުނު ޙާލަތްތަކެކޭ އެއްގޮތަށް މިފަހަރުވެސް އެ ޤައުމުގައި ބަލި ފެތުރެން ފަށާފައިވާކަމަށް އެ ސަރަޙައްދުގެ މީހުން ޤަބޫލުނުކުރާކަންވަނީ ފާހަގަވެފައެވެ. އަދި ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ނުދޭކަމަށްވެސް ވަނީ ފާހަގަވެފައެވެ. އެބޯލާ ޖެހިފައިވާ މީހުންނާއި ކައިރި ނުވުމަށް ދެމުންދާ ނަޞޭހަތްތަކަށާއި އެބޯލާ ޖެހިގެން މަރުވާ މީހުން ނުހިނެވުމަށް ދޭ އިރުޝާދުތަކަށް އާންމުންދަނީ ބީރު ކަންފަތެއް ދެމުންނެވެ.

ކޮންގޯގައި އެންމެ ފަހުން ހަލުވިކަމާއިއެކު އެބޯލާ ފެތުރޭކަމަށް ކަނޑައަޅާފައިވަނީ 2018ވަނަ އަހަރުގެ އޮގަސްޓު މަހުގެ 1ވަނަ ދުވަހުގައެވެ. އެއީ އެބޯލާ ބަލިމަޑުކަން ފެތުރުނު ދިހަވަނަ ފަހަރެވެ. އެ ފަހަރު ކޮންގޯގައި 2،200އަށްވުރެ ގިނަ މީހުންވަނީ އެ ބަލި ޖެހިގެން މަރުވެފައެވެ. އެއަށްފަހު އެ ޤައުމުން އެބޯލާ ނައްތާލެވުނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 25ވަނަ ދުވަހުގައެވެ.

އެބޯލާއަކީ ވާލުގެ ޒަރިއްޔާއިން ފެތުރޭ ވައިރަހެކެވެ. އެ ބަލީގެ ސަބަބުން ގަދަ ހުން އައިސް ބައެއް ޙާލަތްތަކުގައި ހުއްޓުމެއްނެތި ލޭ އައުމަށް މެދުވެރިވެއެވެ.