ވިޔަފާރި

މަސް މާރުކޭޓް ހުރި ބިމުގައި ތަރައްޤީކުރާނީ ޕާކިންގ ޒޯނެއް

މަސް މާރުކޭޓް ހުރި ބިމުގައި ތަރައްޤީކުރާނީ ޕާކިންގ ޒޯނެއްކަމަށް މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޭޔަރ ސިފާ ވިދާޅުވީ މަސް މާރުކެޓް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ މިހާރު ލޯކަލް މާރުކެޓް ހުރި ބިމުގައި ތަރައްޤީކުރާ އިމާރާތަށް ކަމަށެވެ. އަދި މަސް މާރުކެޓް ކުރިމަތީގައި ހުރި ލޯކަލް މާރުކެޓް ހުރި ބިމުގައި ތަރައްޤީކުރާ އިމާރާތުގެ މަސައްކަތް ފެށުމާއި ހަމައަށް އެތަނުން ގޮޅި ނަގައިގެން އުޅޭ ފަރާތްތަކަށް އެތަނުގައި ތަކެތި ވިއްކުމުގެ ފުރުސަތު ލިބޭނެކަމަށްވެސް ސިފާ ވިދާޅުވިއެވެ.

"މަސް ވިއްކުމާއި ލޯކަލް މާރުކެޓާއި ދެ މާރުކެޓް އަންނަން އެބަ ޖެހޭ ޕޯޓް އޭރިއާއަށް، މިހާރުގެ މަސްމާރުކެޓް ކުރިމަތީ އެހުރީ ނޫންތޯ ނިކުމެފަ ހުރި ބައެއް، އެއީ އަސްލު މަސްމާރުކެޓް އަންނަ ތަން، ލޯކަލް މާރުކެޓްގައި ގޮޅި ނަގައިގެން އުޅޭ ފަރާތްތަކަށްވެސް ތަނެއް ދައްކަން ޖެހޭ، އެހެންނަމަވެސް ދުވަސް ނަގާނެ،" ސިފާ ވިދާޅުވިއެވެ.

ސިފާ ވިދާޅުވީ އަލަށް އިމާރަތްކުރާ މާރުކެޓްގެ ކުރެހުން މިހާރު ނިމިފައިވާކަމަށެވެ. އެތަން ތަރައްޤީކުރުމަށް ބަޔަކާއި ހަވާލުކުރުމަށް ވަރަށް އަވަހަށް އިޢުލާންކުރާނެ ކަމަށާއި، އެހެން ނަމަވެސް ބަޔަކާއި ހަވާލުކުރަން އަދި ދުވަސް ނަގާނެ ކަމަށް ސިފާ ވިދާޅުވިއެވެ.

މާލޭގެ މަސް މާރުކޭޓަކީ މިހާރު ބޭނުންކުރާތާ އެތައް ދުވަހެއްވެފައިވާ މާރުކޭޓެކެވެ. ރާއްޖޭގެ އެކި ހިސާބުތަކުން މާލެ މާރުކޭޓަށް މަސް ގެނެސް ވިއްކާއިރު މާލޭގެ އެންމެ ބާރުބޮޑު އެއް ސަރަހައްދަކީވެސް މަސްމާރުކޭޓު ސަރަހައްދެވެ. އަދި ގިނަ ބަޔަކު ބޭނުން ކުރަންޖެހުމުގެ ސަބަބުން މަސް މާރުކޭޓު ބޭނުންކުރުމުގައި ވަރަށް ގިނަ ދަތިތަކާއި މަސްވެރިންނަށް އަންނަނީ ކުރިމަތިވަމުންނެވެ. މަސްވެރިންގެ މި ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އަބަދުވެސް ތަފާތު އެކި ޕްލޭންތަކުގެ ދަށުން އަންނަނީ މަސައްކަތްކުރަމުންނެވެ.