ދުނިޔެ

ޗައިނާގައި އުފައްދާފައިވާ 16 ވެކްސިނެއް ތަހުލީލުކުރުމުގެ ޙުއްދަ


ޗައިނާގައި އުފައްދާފައިވާ ކޯވިޑް-19ގެ 16 ވެކްސިނެއްގެ ކްލިނިކަލް ޓްރަޔަލްތައް ފެއްޓުމުގެ ޙުއްދަ އެ ޤައުމުން ދީފިއެވެ.

ޗައިނާގެ ނޭޝަނަލް ޕްރޮޑަކްޓްސް އެޑްމިނިސްޓްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެ ޤައުމުގައި އަލަށް ތައްޔާރުކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން 6 ވެކްސިނަކީ އެންމެ ފަހު މަރުހަލާތަކުގެ ތެރޭގައި ހިމެނޭ ތިންވަނަ މަރުހަލާގެ ތަހުލީލުތައް ފަށާފައިވާ ވެކްސިންތަކެކެވެ.

ޗައިނާއިން އުފައްދާފައިވާ އެންމެ ފަހުގެ ވެކްސިންތައް ތައްޔާރުކޮށްފައިވަނީ ތަފާތު އެކި ޓެކްނޮލޮޖީތައް ބޭނުންކޮށްގެންނެވެ. އެގޮތުން، ރީކޮމްބިނަންޓް ޕްރޮޓީން، އެޑީނޯވައިރަސް ވެކްޓާ، ނިއުކްލެއިކް އެސިޑް އަދި ބާރު ކަނޑުވާފައިވާ އިންފުލުއެންޒާ ވައިރަސް ޓެކްނޮލޮޖީ ހިމެނެއެވެ.

ޗައިނާގައި އުފައްދާފައިވާ ކޯވިޑްގެ 2 ވެކްސިނަކަށް އެ ޤައުމުންވަނީ ވަގުތީ ޙުއްދައެއް ދީފައެވެ. އެއީ ސަރުކާރުގެ 2 ކުންފުންޏެއްކަމަށްވާ ޗައިނާ ބަޔޯޓެކް ގުރޫޕާއި ސިނޯފާމުން އުފައްދާފައިވާ ވެކްސިނަކާއި، ސިނޯވެކް ބަޔޯޓެކުން އުފައްދާފައިވާ ވެކްސިނެކެވެ. ސިނޯފާމްގެ ވެކްސިނަށް ހުއްދަދީފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 30ވަނަ ދުވަހުގައެވެ. އަދި ސިނޯވެކް ބަޔޯޓެކްގެ ވެކްސިނަށް ހުއްދަދީފައިވަނީ މިމަހުގެ 5ވަނަ ދުވަހުގައެވެ.

ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮންނަ ޗައިނާގައި ފެބްރުއަރީ މަހުގެ 9ވަނަ ދުވަހުގެ ނިޔަލަށް 40.52 މިލިއަން މީހުންނަށްވަނީ ކޯވިޑް ވެކްސިން ދީފައެވެ.