އިންގްލިޝް ޕްރިމިއަރ ލީގުގައި ޕޮއިންޓް ތާވަލްގެ އެއްވަނައިގާ އުޅޭ މެންޗެސްޓަރ ސިޓީ އާއި އާސެނަލް ބައްދަލުކުރިމެޗް ސިޓީ ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗް ސިޓީ ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.
މިއީ ސިޓީއިން ޖެހޖެހިގެން މޮޅުވި 18 ވަނަ މެޗެވެ. މެޗްގައި ސިޓީއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ ދެވަނަ މިނެޓްގައި ރިޔާދު މަހްރޭޒް ނަގައިދިން ހުރަހަކުން ކާމިޔާބުކުރީ ރަހީމް ސްޓަރލިންއެވެ. މިލަނޑާއެކު މިމެޗްގައި ގިނަ ލަނޑުތަކެއް ފެނިގެންދާނެކަމަށް ހީކުރެވުނު ނަމަވެސް އާސެނަލްއިންވަނީ ސިޓީއަށް އިތުރު ލަނޑެއް ޖެހުނަނުދީ ރަނގަޅަށް ޑިފެންޑް ކޮށްފައެވެ. އަދި ދޭތެރެ ދޭތެރެއިން އާސެނަލް ވަނީ ސިޓީގެ ގޯލަށް ނުރައްކާ ކުރެވޭތޯ މަސައްކަތް ކޮށްފައެވެ. މިމެޗްގައި ސިޓީގެ ލީޑު ފުޅާކުރުމަށް ކެވިން ޑި ބްރުއިނަރ އާއި އިލްކާއި ގުންޑޮގާންއަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވިއެވެ. މިއީ ރަށުން ބެރުގައި ކުޅެ ސިޓީ ޖެހިޖެހިގެން މޮޅުވި 11 ވަނަ މެޗެވެ. އަދި މިސީޒަންގައި ބައިކޮޅަށް ލަނޑެއް ވަނަ ނުދީ މެޗް ނިންމާލި 25 ވަނަ މެޗެވެ. މިއީ ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގަށް ބަލާއިރުވެސް އެންމެ ރަނގަޅު ރިކޯޑެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ ސިޓީ މިހާރު އޮތް ފޯމް ފެނިފައި އޭނާވެސް ހައިރާން ވާ ކަމަށެވެ. އަދި އެހެން އެންމެންނަށް އުނދަގޫ ތަކާއި ކުރިމަތިވަމުންދާއިރު ސިޓީއިން އެއް ފެންވަރެއްގައި ހިފަހައްޓަމުން ދާތީ ހިތްހަމަ ޖެހިފައިވާކަމަށެވެ. މިދިޔަ އަހަރުގެ ޑިސެމްބަރ 15 ވަނަ ދުވަހަށްފަހު ސިޓީ ބަލިވެފައެއް ނުވެއެވެ. މީހުން އަބަދުވެސް ރިކޯޑް ތަކާއި ކާމިޔާބީތަކުގެ ވާހަކަ ދައްކާ ކަމަށާއި ނަމަވެސް އެކަން ހާސިލް ކުރެވޭނީ މިފަދަ މެޗްތައް ގިނަގިނައިން ކާމިޔާބުކޮށްގެން ކަމުގައި އޭނާ ބުންޏެވެ. އަދި ކޮންމެ މެޗެއް ތިން ހަތަރު ގޯލް ޖަހައިގެން މޮޅުވުމަކީ ވާނެކަމެއް ނޫން ކަމުގައިވެސް ގާޑިއޯލާ ހާމަކުރިއެވެ.
އާސެނަލްގެ ކޯޗް މިކޭލް އާޓެޓާ ބުނީ މެޗްގެ އެހާ ކުރީކޮޅު ލަނޑެއް ވަނުމުން ގިނަ އުނދަގޫތަކަކާއި ކުރިމަތިވި ކަމަށެވެ. އަދި މެޗްގެ ފުރަތަމަ 10 މިނެޓްގައި ރަނގަޅަށް ނުކުޅެވުނީކަމަށްވެސް އޭނާ ބުންޏެވެ.
މިކާމިޔާބީއާއެކު ސިޓީ ވަނީ ޕޮއިންޓް ތާވަލްގައި އެޓީމަށް ލިބިފައިވި 10 ޕޮއިންޓްގެ ލީޑު ދަމަހައްޓާފައެވެ. އެއީ ކުޅުނު 25 މެޗުން ލިބިފައިވާ 59 ޕޮއިންޓާއެކުއެވެ. އަދި އާސެނަލް އުޅެނީ ކުޅުނު 25 މެޗުން ލިވިފައިވާ 34 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ.