ކުޅިވަރު

ޓެނިސް ޗެމްޕިއަންކަން 9 ވަނަ ފަހަރަށް ޖޯކޮވިޗް ހޯދައިފި


އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ދުނިޔޭގެ އެއްވަނަ ފިރިހެން ކުޅުންތެރިޔާ ނޯވަކް ޖޯކޮވިޗް ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ޖޯކޮވިޗް ހޯދީ ފައިނަލްގައި ރަޝިޔާގެ ޑެނީލް މެޑްވެޑޭވް އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ. މިއީ މި މުބާރާތުގެ ޗެމްޕިއަން ޖޯކޮވިޗް ހޯދި 9 ވަނަ ފަހަރެވެ.

އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަންކަން ނޯވަކް ޖޯކޮވިޗް ހޯދީ ހީކުރިވަރަށްވުރެ ފަސޭހަ ކަމާއެކު ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މިމެޗްގެ ފުރަތަމަ ސެޓް ހަތެއް ފަހަކުން ޖޯކޮވިޗް ގެންދިޔައިރު މިސެޓްގައި މެޑްވެޑޭވްގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. ނަމަވެސް ޖޯކޮވިޗް ދައްކަމުންދިޔަ މޮޅު ކުޅުމުގެ ކުރިމަތީ މެޑްވެޑޭވްއަކަށް މާބޮޑު ކަމެއް އިތުރަކަށް ނުކުރެވުނެވެ. މިގޮތުން ޖެހިގެން އައި ދެސެޓް ޖޯކޮވިޗްވަނީ ފަސޭހަ ކަމާއެކު ހައެއް ދެއެއް އަދި ހައެއް ދެއަކުން ކާމިޔާބުކޮށް މި މުބާރާތުގައި އާ ރިކޯޑެއް ގާއިމްކޮށްފައެެވެ. އުމުރުން 33 އަހަރުގެ ޖޯކޮވިޗް މެލްބަން ޕާކްގައި ވާދަކުރި އެއްވެސް ފައިނަލަކުން މިހާތަނަށް ބަލިވެފައެއް ނުވެއެވެ. އަދި މިމެޗް އެނާ ކާމިޔާބުކުރީ އެއް ގަޑިއިރާއި 53 މިނެޓުންނެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އެންމެ ފުރަތަމަ 2008 ވަނަ އަހަރު އުފުލާލި ޖޯކޮވިޗަށް މިފަހަރުގެ މުބާރާތް ވެގެން ގޮސްފައިވަނީ ވަރަށް ގިނަ ކަންތައްތަކަކާއި ކުރިމަތިވި މުބާރާތަކަށެވެ. މިގޮތުން މުބާރާތުގެ ކުރީ ކޮޅު އޭނާއަށް ލިބުނު އަނިޔާގެ ސަބަބުން މި މުބާރާތުން އޭނާ އިތުރަށް ނުފެނިދާނެކަމަށްވެސް އެއް އިރެއްގައި ހީވެގެންދިޔައެވެ. އަދި ސެމީ ފައިނަލާއި ހަމައަށް އޭނާ ކުޅެފައިވަނީ އެ އަނިޔާގައި ހުރެއެވެ. އަދި ޖޯކޮވިޗް ހާމަކުރިގޮތުގައި އޭނާއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް މެޗްތަކަށް ތައްޔާރުވުމުގެ ގޮތުން މި މުބާރާތުގައި ފަރިތަވެސް ކުރެވޭގޮތެއް ނުވެއެވެ. އޭގެ ބަދަލުގައި ވަގުތުތައް ހޭދަކުރަންޖެހިފައިވަނީ ހަށިގަނޑަށް އަރާމުދީ އަނިޔާއަށް ލުއި ދެވޭތޯއެވެ. އަދި އޭނާވަނީ މިއީ ގްރޭން ސްލޭމް މުބާރާތެއް ނޫންނަމަ މި މުބާރާތުން އޭނާ ރިޓަޔަރ ކުރާނެކަން ހާމަވެސް ކޮށްފައެވެ.

ފައިނަލް މެޗުން ބަލިވި ނަމަވެސް މެޑްވެޑޭވްއަށްވެސް މިއީ ކާމިޔާބު މުބާރާތެކެވެ. އޭނާ ވަނީ މިފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ފައިނަލް މެޗަށް ނިކުތްއިރު އޭނާ އެންމެފަހުން ކުޅުނު 20 މެޗުން ބަލިވެފައެއް ނުވެއެވެ. އެހެންކަމުން މިމެޗްގައި ޖޯކޮވިޗަށް ގިނަ އުނދަގޫ ތަކެއް ކުރިމަތި ކުރުވާނެކަމަށް ބެލެވުނެވެ. ނަމަވެސް އެކަން މިމެޗްގައި މެޑްވެޑޭވްއަށް ކުރެވޭގޮތެއް ނުވިއެވެ. މިމެޗްގެ ކުރިން މިދެކުޅުންތެރިންވަނީ ހަތަރު ފަހަރު ބައްދަލުކޮށްފައެވެ. އަދި މެޑްވެޑޭވްވަނީ އޭގެތެރެއިން ތިން ފަހަރު ކުރި ހޯދާފައެވެ. ނަމަވެސް މިމެޗްގައި ގްރޭން ސްލޭމް މުބާރާތެއްގެ ފައިނަލްގެ ތަޖްރިބާ މަދުކަން މެޑްވެޑޭވްގެ ފަރާތުން ފާހަގަވެގެންދިޔައެވެ. އަދި އެކަމުގެ ފައިދާ ޖޯކޮވިޗް އެންމެ ފުރިހަމައަށް ވަނީ ނަގާފައެވެ. މިއީ މެޑްވެޑޭވް ކުޅެ އަދި ބަލިވި ގްރޭން ސްލޭމްގެ ދެވަނަަ ފައިނަލެވެ. މީގެކުރިން ރަފައެލް ނަދާލްއާ ބައްދަލުކުރި ފައިނަލްމެޗުންވެސް މެޑްވެޑޭވް ވަނީ ބަލިވވަފައެވެ.

ސެމީ ފައިނަލް މެޗަށްފަހު ވާހަކަ ދައްކަމުން ޖޯކޮވިޗް ބުނީ އަރަމުންއަންނަ ޒުވާން ކުޅުންތެރިން ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހިފައިވާ ކަމަށާއި އޭނާ ހަމަ ހުރެފައި މަގާމް އެކުޅުންތެރިންނަށް ހަވާލު ނުކުރާނެކަމަށެވެ. އެ މަޤާމު އެކުޅުންތެރިން ޖެހޭނީ މަސައްކަތް ކޮށްގެން ކަމުގައި އޭނާ ބުންޏެވެ. މިކާމިޔާބީއާއެކު ޖޯކޮވިޗްމިވަނީ 18 ވަނަ ގްރޭމް ސްލޭމް ކާމިޔާބުކޮށް ރޮޖަރ ފެޑެރަރ އާއި ނަދާލް އާއި ވަރަށް ގާތަށް ޖެހިލާފައެވެ. ނަދާލް އާއި ފެޑެރަރ ވަނީ ގްރޭން ސްލޭމް މުބާރާތް 20 ފަހަރު ކާމިޔާބުކޮށްފައެވެ. މި ރިކޯޑްވެސް މުގުރާލަން ޖޯކޮވިޗް މަސައްކަތް ކުރާއިރު ނަދާލް މިފަހަރުގެ މުބާރާތުގައި ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. އަދި ފެޑެރަރ ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރެ މިސީޒަންގައި އެނބުރި އަންނާނެކަން ވަރަށް ފަހުންވަނީ އިޢުލާން ކޮށްފައެވެ. އެހެންކަމުން މިސީޒަންގައި މިތިންކުޅުންތެރިންގެ ވާދަވެރިކަން އިތުރަށް ފެނިގެންދިއުން ވަރަށް ގާތެވެ. ހަމައެއާއެކު އަރަމުން އަންނަ ތަރިންގެ ފަރާތުން މިކުޅުންތެރިންނަށް ކުރިމަތިވާނެ ގޮންޖެހުންތައްވެސް މަދެއް ނުވާނެއެވެ.