ދުނިޔެ

އިންޑޮނޭޝިޔާގައި ފެންބޮޑުވެ އެތައް ބަޔަކު ގެދޮރު ގެއްލިއްޖެ


މޫސުމީ ވާރޭގެ ސަބަބުން އިންޑޮނޭޝިޔާގެ ވެރިކަންކުރާ ސިޓީ ޖަކާޓާގައި ފެންބޮޑުވެ ގިނަ ޢަދަދެއްގެ މީހުން ގެދޮރު ދޫކޮށް އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރުވެއްޖެއެވެ.

10 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޖަކާޓާގެ ޑިޒާސްޓާ މިޓިގޭޝަން އޭޖެންސީގެ ވަގުތީ ވެރިޔާ، ސަބްދޫ ކުރިއަންޓޯ ވިދާޅުވީ ޖަކާޓާގެ އުތުރާއި ދެކުނުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން 1،380 މީހުން އެހެން ސަރަޙައްދުތަކަށް ގެންގޮސްފައިވާކަމަށެވެ. ބައެއް ސަރަޙައްދުގައި 1.8 މީޓަރުގެ އުސްމިނަށް ފެންބޮޑުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ފެންބޮޑުވުމުގެ ހާދިޘާތަކުގައި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމެއް އެނގިފައެއް ނުވެއެވެ.

ޖަކާޓާގެ ގަވަރުނަރު އަނިއެސް ބަސްވެދަން ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން 200އަށްވުރެ ގިނަ އަވަށަށް އަސަރުކޮށްފައިވާކަމަށެވެ. ގޭގެއިން ނިކުންނަން ޖެހިފައިވާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޖަކާޓާގެ އެކި ހިސާބުތަކުގައި 24އަށްވުރެ ގިނަ އިވެކުއޭޝަން ސެންޓަރުތައް ޤާއިމްކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ބޯކޮށް ވާރޭވެހުން މެދުކެނޑިފައިވީނަމަވެސް ފެންބޮޑުވުމުގެ ސަބަބުން ޖަކާޓާއަށް އަދިވެސް އަސަރުކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޖަކާޓާގެ ދެކުނުގައި އޮންނަ ޕަސާރު މިންގުއަށްވަނީ 226 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އިންޑޮނޭޝިޔާގައި ފެންބޮޑުވުމުގެ ހާދިޘާއެއް ހިނގާފައި މިވަނީ ކޯވިޑްގެ ސަބަބުން އެ ޤައުމުގެ ޙާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.

އިންޑޮނޭޝިޔާގައި މިހާތަނަށް 1.27 މިލިއަން މީހުންނަށް ކޯވިޑް ޖެހި 34،316 މީހުން މަރުވެފައިވާއިރު އެ ޤައުމު އޮތީ ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހި އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ ޤައުމުގެ ގޮތުގައެވެ. އެ ޤައުމުންދަނީ އިޤްތިޞާދީ ބޮޑު އަނދަވަޅުގަނޑަކާއި ކުރިމަތިލަމުންނެވެ.

އިންޑޮނޭޝިޔާގެ މޫސުމާއިބެހޭ އިދާރާ، ބީއެމްކެޖީން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ޖަކާޓާ ސަރަޙައްދަށް މި މޫސުމުގައި ވެހޭ އެންމެ ބޯ ވާރޭ ވެހޭނެކަމަށް ލަފާކޮށްފައެވެ. އަންނަ ހަފުތާ އެއްކޮށްހެން ބޯކޮށް ވާރޭވެހި ވައިގަދަވެ ގުގުރުމާއި ވިދުން އެކަށީގެންވާކަމަށް ބީއެމްކޭޖީން ބުނެއެވެ. އަދި މި ޙާލަތުގައި އާންމުން ހުށިޔާރުވެ ތިބުމަށް އެ އިދާރާއިންވަނީ ގޮވާލާފައެވެ. ފެބްރުއަރީ މަހުގެ ނިޔަލަށް ނުވަތަ މާރިޗުމަހުގެ ފުރަތަމަ ހަފުތާތަކާއި ހަމައަށް ބޯ ވާރޭ ވެހޭނެކަމަށް ބެލެވޭކަމަށް ބީއެމްޖޭން ބުނެއެވެ.