ކުޅިވަރު

އޮސްޓްރޭލިއަން އޯޕަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން އޮސާކާއަށް


އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ޖަޕާންގެ ނައޯމީ އޮސާކާ ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ނައޯމީ ހޯދީ ފައިނަލްގައި އެމެރިކާގެ ޖެނިފަރ ބްރެޑީ އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.

ދެކުޅުންތެރިންގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗް ނައޯމީ ކާމިޔާބުކުރީ ސީދާ ދެސެޓުންނެވެ. އެއީ ހައެއް ހަތަރެއް އަދި ހައެއް ތިނަކުންނެވެ. މިމެޗްގައި ނައޯމީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ގްރޭން ސްލޭމް މުބާރާތެއްގެ ފައިނަލްގައި މުޅިން އަލަށް ކުޅެމުންދިޔަ ބްރެޑީގެ ފަރާތުން ހާސްކަމާއި ގޯސްތައް ހެދެމުންދިޔަ ތަން ފެނިގެންދިޔައެވެ. މިއީ ނައޯމީ ކާމިޔާބުކުރި ހަތަރުވަނަ ގްރޭން ސްލޭމް މުބާރާތެވެ. މީގެކުރިން ނައޯމީ ވަނީ އޮސްޓްރޭލިއަން އޯޕަން 2019 ވަނަ އަހަރު ހޯދާ އަދި ޔޫއެސް އޯޕަން 2018 ވަނަ އަހަރާއި 2020 ވަނަ އަހަރު ހޯދާފައެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުން ނައޯމީ ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އަދި މިއީ އޭނާ ޖެހިޖެހިގެން ކާމިޔާބުކުރި 21 ވަނަ މެޗެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ނައޯމީ ހާމަކުރިގޮތުގައި ކުޅިބެލުންތެރިން ކުރިމަތީ މިފަހަރުގެ ފައިނަލް ކުޅެލަން ލިބުނީތީ މިމުބާރާތް ކާމިޔާބު ވުމުގެ އިތުރަށް އިތުރު ހިތްހަމަ ޖެހުމެއް ލިބިއްޖެކަމަށެވެ. އޮސްޓްރޭލިއަން އޯޕަން މިފަހަރު ފެށިއިރު ކުޅިބެލުންތެރިންނަށް ވަދެވޭގޮތަށް އޮތް ނަމަވެސް މެދުތެރެއިން ކުޅިބެލުންތެރިންނާއި ނުލާ މުބާރާތުގެ ބޮޑުބައެއްގައި މެޗްތަށް ކުޅެފައިވެއެވެ. އަދި މިފައިނަލް ބަލާލުމަށް ހަތްހާސް ފައްސަތޭކަ މީހުންނަށް ވަނުމުގެ ފުރުސަތު ލިބިގެންދިޔައެވެ. އަދި މިކާމިޔާބީއާއެކު ނައޯމީ ވަނީ މޮނިކާ ސެލެސްއަށް ފަހު ގްރޭން ސްލޭމް މުބާރާތުގެ ފައިނަލްގައި ކުޅުނު ފުރަތަމަ ހަތަރު ފައިނަލްވެސް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއަށް ވެފައެވެ.
މި ފަހަރުގެ ފައިނަލުން ބަލިވި ނަމަވެސް އެމެރިކާގެ ބްރެޑީއަށް މިފަހަރުގެ އޮސްޓްރޭލިއަން އޯޕަން ވެގެން ގޮސްފައިވަނީ ވަރަށް ކާމިޔާބު މުބާރާތަކަށެވެ. މިއީ ގްރޭން ސްލޭމް މުބާރާތެއްގެ ފައިނަލުން އޭނާއަށް ޖާގަ ހޯދުނު ފުރަތަމަ މުބާރާތެވެ. އަދި މިމުބާރާތުގައި ދެއްކި ކުޅުމާއެކު މި މުބާރާތުގެ ކުރިން ދުނިޔޭގެ އެންމެ މޮޅު 50 ކުޅުންތެރިންގެ ތެރެގައި ލައްވާ ނުލައި ބްރެޑީ ދުނިޔޭގެ ރޭންކިންގެ 15 ވަނައަށް ކުރިއަށް ޖެހިލާނެކަންވަނީ ޔަގީންވެފައެވެ.