ކުޅިވަރު

އެވަޓަން އާއި ލިވަޕޫލް ބައްދަލުކުރިމެޗް އެވަޓަން ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލާއި އެވަޓަން ބައްދަލުކުރިމެޗް އެވަޓަން ކާމިޔާބުކޮށްފިއެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗް އެވަޓަން ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 3 ވަނަ މިނެޓްގައި ޖަހައިދިނީ އެވަޓަންގެ ރިޗާލިސަންއެވެ. މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދަފައިވަނީ ލިވަޕޫލުންނެވެ. އަދި އެވަޓަންގެ ކީޕަރ ޖޯޑަން ޕިކްފަޑްވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިފައުކޮށްފައެވެ. މިގޮތުން ޖޯޑަން ހެންޑަރސަން އާއި ސާދިއޯ މާނޭ އަދި މުހައްމަދު ސަލާ ފޮނުވާލި ހަމަލާތައް ފާހަގަކޮށްލެވެއެވެ. މިމެޗްގައި އެވަޓަންއިން ޖެހި ދެވަނަ ލަނޑު މެޗްގެ 83 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ގިލްފީ ސިގަރޑްސަންއެވެ. މި ޕެނަލްޓީއަކީ އެވަޓަންގެ ޑޮމިނިކް ކެލްވަރޓް ލުއިންއަށް ލިވަޕޫލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފައުލް ކުރުމުން ލިބުނު ޕެނަލްޓީއެކެވެ.

މި ކާމިޔާބީއާއެކު އެވަޓަން މިވަނީ ވޭތުވެދިޔަ 22 އަހަރުގެ ތެރޭގައި ލިވަޕޫލްގެ ދަނޑުގައި ކުޅެ ފުރަތަމަ ފަހަރަށް މޮޅުވެފައެވެ. އަދި މިއީ 1923 ވަނަ އަހަރަށްފަހު ލީގުގައި އަމިއްލަ ދަނޑުގައި ކުޅެ ލިވަޕޫލް ޖެހިޖެހިގެން ބަލިވި ހަތަރުވަނަ މެޗެވެ. މިކާމިޔާބީއާއެކު އެވަޓަންއަށްވަނީ ކުޅުނު 24 މެޗުން ލިބިފައިވާ 40 ޕޮއިންޓާއެކު ތާވަލްގެ 6 ވަނައިގާ އޮތް ލިވަޕޫލާއި ޕޮއިންޓުގެ ގޮތުން އަރާ ހަމަކޮށްފައެވެ. މިމެޗުން ބަލިވުމުން މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ލިވަޕޫލުން ކުރަމުން އަންނަ އުންމީދުތަކަށް މިވަނީ އިތުރު ހުރަސްތަކެއް ކުރިމަތިވެގެން ގޮސްފައެވެ. ޕޮއިންޓް ތާވަލްގެ ހަތަރު ވަނައިގައި އޮތް ޗެލްސީ އާއި ލިވަޕޫލާއި ދެމެދު ތިން ޕޮއިންޓުގެ ތަފާތު އެބަހުއްޓެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ޔަރގެން ކްލޮޕް ބުނީ އޭނާގެ ކުޅުންތެރިންނަށް ފުރަތަމަ ހާފްގައި ހެދުނީ އެންމެ ގޯހެއް ކަމަށާއި އޭގެ ފައިދާ އެވަޓަންއިން ފުރިހަމައަށް ނެގިކަމަށެވެ. އަދި ލަނޑު ޖަހާނެ ފުރުސަތު ލިބި ނިންމާ ނުލެވުނީ ކަމަށާއި އެހެންކަމުން މިވަގުތު އެންމެ ބޮޑަށް ބަލަންވީ އެކަން ރަނގަޅު ކުރަން ކަމުގައިވެސް ކްލޮޕް ބުންޏެވެ.

އެވަޓަންގެ ކޯޗް ކާލޯ އެންޗެލޯޓީ ބުނީ އޭނާ އާއި މުޅި ޓީމްވެސް މިކާމިޔާބީއާއެކު ވަރަށް އުފާވެފައިވާ ކަމަށެވެ. އަދި މިމެޗްގައި އޭނާގެ ކުޅުންތެރިން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި މިއީ ކްލަބްގެ ސަޕޯޓަރުންނަށް ފުރިހަމަ ހަދިޔާއެއް ކަމަށް އެންޗެލޯޓީ ބުންޏެވެ.