ޚަބަރު

މަލިކަށް ދާން ބޭނުންވާ ދިވެހިންނަށް ފުރުސަތު ހުޅުވާލުން


މަލިކު ނުވަތަ މިހާރުގެ މިނިކޮއި އައިލެންޑަކީ، ޖޯގްރަފީގެ ގޮތުން ބަލާއިރު، ރާއްޖޭގެ އުތުރުން، ތިލަދުންމަތީ އުތުރުބުރީ ތުރާކުނާއި، 125 ކިލޯމީޓަރު އުތުރުގައި އޮންނަ ޖަޒީރާ ރަށެކެވެ. މަލިކާއި ރާއްޖޭގެ ގާތްކަން ސިފަކުރުމަށް ބުނަމުންދާ އެންމެ އާންމު ބުނުމަކީ "ތުރާކުނުން ބޮނޑިބަތް ކައްކައިގެން މަލިކާ ހަމައަށް ދެވެންދެން އެބޮނޑިބަތް ހިހޫނުވެ ހުންނަކަމަށް" ބުނާ ބުނުމެވެ.  (މަލިކު އަންހެނުންތަކެއް ފަންގިވިނަނީ-  ފޮޓޯ: މަލިކު ޓުއާސް އެންޑް ޓްރެވެލާސް)މަލިކަކީ ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުކަމުގައި ސޯޅަ ވަނަ ގަރުނުބެލެވިގެން ދިޔަނަމަވެސް އޭގެ ފަހުން 1976 ވަނަ އަހަރު މަލިކު މީހުންވެސް ބޭނުންވި ގޮތަށް މަލިކަކީ އިންޑިއާގެ ބައެއްގެ ގޮތުގައި ހަމަޖެހިގެންދިޔައެވެ. މިހާހިސާބުން ރާއްޖެއާއި މަލިކާ ދެމެދުއޮތް ގުޅުން ހުއްޓުމަކަށް އައެވެ. މިކަން ވެގެންދިޔައީ ދެގައުމުގައި ތިބި އާއިލާތައް ބައްދަލު ނުވެ، މަލިކާއި ރާއްޖެއާއި މެދު އޮތް ގުޅުންތަކާއި ގާތްކަން ދުރުވެގެންދިޔަކަމަކަށެވެ.ދިގު މިނުގައި އެގާރަ މޭލު ހުންނަ މަލިކަކީ ގުދުރަތީގޮތުން ބަލާއިރު، ރާއްޖެއެކޭ އެއްފަދައިން ރީތި ފަޅަކާއި މޫދެއް ލިބިފައިވާ މަސްވެރި ރަށެކެވެ. މިހާރު  މަލިކަށްވެސް ތަރައްގީގެ ކުލަވަރުތައް އައިސް މީގެ ދެއަހަރުކުރިން ފަތުރުވެރިކަން ވަނީ ތައާރަފްކުރެވިފައެވެ. އަދި ދުނިޔޭގެ ހުރިހާ ހިސާބުތަކުންވެސް ޗުއްޓީ ހޭދަކޮށްލަން މަލިކަށް ދިއުމުގެ ފުރުސަތު ވަނީ މިހާރު ތަނަވަސްވެފައެވެ. މިފުރުސަތު ދިވެހިންނަށް ދިނުމަށްޓަކައި، މަލިކު ޓުއާރސް އެންޑް ޓްރެވެލާސްއާއި ރާއްޖޭގެ ޓްރެވަލް އެޖެންސީއެއްކަމުގައިވާ، އަންޑަރ ވޯޓަރ ޓްރެވަލްސް އެންޑް ޓުއާރސް ގުޅިގެން މަލިކަށް ދާން ބޭނުންވާ ކޮންމެ ދިވެއްސަކަށް މިހާރުވަނީ އެފުރުސަތު ތަނަވަސްކޮށްދީފައެވެ. އެގޮތުން ދިވެހިން ގެންދިއުމަން ވަނީ ޚާއްސަ ޕެކޭޖެއްވެސް ތައާރަފްކޮށްފައެވެ.އަންޑަރ ވޯޓަރ ޓްރެވަލްސް އެންޑް ޓުއާސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އިމްތިޔާޒް ފާހަގަކުރެއްވި ގޮތުގައި މަލިކަށް ދާން ބޭނުންވާ ފަރާތްތަކުން އައި.ޑީ ކާޑުގެ ކޮޕީއާއި، ޕާސްޕޯޓް ކޮޕީ އެއެޖެންސީއަށް ހުށައެޅުމުން ދިއްލީއަށް ފޮނުވައިގެން 4 ވަރަކަށް ދުވަހުގެތެރޭގައި ވިސާ ހަމަޖައްސައިދެވޭނެއެވެ. މިކަމުގެ މަޤުސަދަކީ މަލިކަށް ރާއްޖެއިން މީހުން ގޮސް، ގުޅުން ބަދަހިކުރެވޭނެ މަގުފަހިކޮށްދިނުންކަމަށްވެސް އޭނާ ފާހަގަކުރިއެވެ.މަލިކު ޓުއާސް އެންޑް ޓްރެވެލާސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އިސްމާއީލް ވިދާޅުވީ، އެފަރާތަށް ހަފްތާއަކު ލިބެނީ 20 މީހުންގެ ކޯޓާކަމަށާއި، މަލިކަށްދާ މީހުން އިންޑިއާގެ ކޮޗިންއަށް ދެވޭ ހިސާބުން އެމީހުންނާ އެއޭޖެންސީގެ މީހުން ބައްދަލުކޮށް މަލިކަށް ދިއުމުގެ ކަންކަން ހަމަޖައްސާދޭނެ ކަމަށެވެ.އެކަށީގެންވާ ޕެކޭޖެއްގެ ދަށުން މަލިކަށް މީހުންގެންދިއުމަށް މިދެ އެޖެންސީން މަސައްކަތް ކުރާއިރު، މިހާރުވެސް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެފަރާތުން ބުނެއެވެ. ކޮޗިނުން މަލިކަށް ދިއުމަށް ކަނޑު ބޯޓެއްގައި 12 ގަޑައިރުގެ ދަތުރެއް ކުރަންޖެހެއެވެ. (ކޮޗިނުން މަލިކަށް ދިއުމަށް ކަނޑު ބޯޓެއްގައި 12 ގަޑައިރުގެ ދަތުރެއް ކުރަންޖެހޭ-  ފޮޓޯ: މަލިކު ޓުއާސް އެންޑް ޓްރެވެލާސް) މަލިކުގައި ހޭދަކުރާ 6 ދުވަހުގެ ތެރޭގައި މަލިކުގެ ކަކާގެ އާއިލާއާއި ބައްދަލުކުރުމާއި، ބޮޑުތަކުރުފާނުގެ ގަނޑުވަރު ބަލާލުމާއި، މަލިކު ބައްތި ބަލާލުން ފަދަ ޝައުގުވެރި ކަންތައްތައް ހިމެނާފައިވެއެވެ. ޑިސެންބަރު 15 އިން 27އަށް މަލިކުގެ ހުރިހާ ސަގާފީ ކުޅިވަރުތައް ހިމަނައިގެން ފާހަގަކުރާ މަލިކު އީދު ބަލާލުމުގެ ފުރުސަތުވެސް މިދަތުރުގެ ތެރެއިން ލިބިގެންދެއެވެ.  މިދަތުރުތައް އިންތިޒާމްކުރާ ފަރާތުގެ އަމާޒަކީ ރާއްޖެއިން މީހުން މަލިކަށް ގެންދިއުމުގެ އިތުރުން ކުރިއަށް އޮތްތަނުގައި މަލިކު މީހުންނަށް ހެޔޮ އަގެއްގައި ރާއްޖެއަށް އާދެވޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށްވެސް އެފަރާތުން މައުލޫމާތުދެއެވެ.