ޚަބަރު

ކޮއްޔަ ޙަސަން މަނިކަކީ އުފެއްދުންތެރި ޚިޔާލު ތަނަވަސްބޭފުޅެއް - ރައީސް


ކޯވިޑް-19އަށް ފަރުވާ ދެމުންދަނިކޮށް ނިޔާވި ފިލްމީ ތަރި ކޮއްޔަ ޙަސަން މަނިކަކީ އުފެއްދުންތެރި، ޚިޔާލު ތަނަވަސް ބޭފުޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޙަސަން މަނިކު ނިޔާވުމާ ގުޅިގެން އޭނާގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ މަރުހޫމް ޙަސަން މަނިކުވަނީ މީގެ 3 ހަފްތާ ކުރިންވެސް އެމަނިކުފާނާ ބައްދަލުކޮށް އެތައް ވާހަތަކެއް ޙިއްސާ ކުރައްވާފައިކަމަށެވެ.

ޙަސަން މަނިކަކީ އެތައް ބައެއްގެ ލޯތްބާއި އިޙްތިރާމު ހޯދާފައިވާ ބޭފުޅަކަށްވާއިރު، އޭނާ ވަކިވެ ދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ހިތާމައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮއްޔަ ޙަސަން މަނިކަކީ ދިވެހި ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ މީހެކެވެ. އެގޮތުން އޭނާ ވަނީ 1980ގެ އަހަރުތަކުން ފެށިގެން އެ ދާއިރާގައި މަސައްކަތް ކޮށްފގައެވެ. ޓީވީ ޑްރާމާތަކާއި، ފިލްމްތަކުގައި އެކި ރޯލުތަކުން ފެނިފައިވާ ކޮއްޔަ ޙަސަން މަނިކަކީ އާއްމުންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ޝަޚްސިއްޔަތެކެވެ.

އޭނާ ނިޔާވުމާގުޅިގެން ދިވެހި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ އޭރާއި މިހާރުގެ ތަރިންދަނީ ތަޢުޒިޔާ ކިޔަމުންނެވެ.