ސިޔާސީ

އިންޑިއާގެ ފޮރިން މިނިސްޓަރ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި


އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. އެސް. ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

އެމަނިކުފާނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލާއި ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުހައްމަދާއި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ ހުސައިން ނިޔާޒެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދުގެ އަރިހަށް އެމަނިކުފާނު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒާއި މިނިސްޓްރ އޮފް ޑިފެންސް އާ ބައްދަލްކުރައްވާނެއެވެ. މީގެ އިތުރުން މިނިސްޓަރ އޮފް ފިނޭންސް އާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އާއި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއިއެކު ޖޮއިންޓް މީޓިންގއެއް ބޭއްވުމަށްވަނީ ހަމަޖެހިފައިއެވެ.

އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒްގެ މި ދަތުރުފުޅުގައި އިންޑިއާއާއި ދިވެހި ރާއްޖެއާ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި މަސްވެރިކަމާއި، ދެމެހެއްޓެނިވި ގޮތުގައި ރަށްފުށުގެ ތަރައްގީ ކުރިއެރުވުމާއި، މީޑިއާ ކޯޕަރޭޝަން، މީހުން ބިނާކުރުން، އަދި ބޯހިޔާވަހިކަމާއި، މަގުތައް ތަރައްގީކުރުން އަދި ކުޅިވަރުގެ ދާއިރާފަދަ ދާއިރާތަކުން މަޝްރޫއުތަކަށް ފައިނޭންސް ކުރުމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހިންގުނު މަޝްރޫއުތަކެއް އިފްތިތާހް ކުރެއްވުމަށް ވަނީ ހަމަޖެހިފައިއެވެ.

އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް މި ކުރައްވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށެވެ. މިއީ އިންޑިއާގެ އެކްސްޓަރނަލް މިނިސްޓަރުގެ ހައިސިއްޔަތުން އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މީގެ ކުރިން ރާއްޖެއަށް ވަޑައިގެންފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުނު 5 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސް ގައި ބައިވެރިވެވަޑައިގަތުމަށެވެ.