މުޅި ދުނިޔޭގައި ޙަޤީޤީ ޞުލްޙައެއް ޤާއިމުކުރެވޭނީ ދުނިޔޭގައި ދިރިއުޅެމުންދާ ކޮންމެ މީހަކަށްވެސް ޞުލްޙަވެރިކަމުގެ ފައިދާ ޤަބޫލު ކުރެވިގެންކަމަށާއި، މިކަމުގައި ތައުލީމީ ދާއިރާއާއި ޚަބަރުފަތުރާ ވަޞީލަތްތަކުގެ މަސްއޫލިއްޔަތު ވަރަށްބޮޑު ކަމުގައި، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ ކުރީގެ ރައީސް ޑޮކްޓަރ އޭޕީޖޭ
ޢަބްދުލްކަލާމުގެ ހަނދާނުގައި ބެންގަލޫރުގެ ގާޑްން ސިޓީ ކޮލެޖާއި، އިންޑިއާގެ ސްޕޭސް އެޖެންސީ އިސްރޯ
ގުޅިގެން ދަރިވަރުންގެ މެދުގައި ބާއްވާ ބަހުޘް މުބާރާތް، އިފްތިތާޙް ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
[ސްޕީކް
ޔުއަރ މައިންޑް އެންޑް އެކްސްޕްރެސް] މިނަމުގައި ބާއްވާ
މިމުބާރާތް އިފްތިތާޙުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި، ރައީސް މައުމޫންގެ ތަޤްރީރު މައިގަނޑު ގޮތެއްގައި ބިނާކުރައްވާފައިވަނީ ޞުލްޙަވެރި މާޙައުލެއް ދުނިޔޭގައި އޮތުމުގެ މައްޗަށާއި އެކަން ޙާޞިލުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށެވެ. މިގޮތުން އެމަނިކުފާނު މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ދުނިޔެއަށް ދާއިމީ ޞުލްޙައެއް ހޯދުމަކީ ދަތި އުނދަގޫ ކަމެއްކަމުގައި ވިޔަސް މިކަން ޙާޞިލުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭކަމަށް ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން އިސްލާމްދީނަކީ ޞުލްހައިގެ ދީން ކަމަށާއި [އިސްލާމިކް ސްޓޭޓް] އެއްގެ ގޮތުގައި މިހާރު ޙަރަކާތްތެރިވަމުންދާ ޖަމާޢަތަކީ އޭގައި އެއްވެސް އިސްލާމީ ސިފައެއްނެތް ޖަމާޢަތެއް ކަމުގައިވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި
މިފަދަ މުހިއްމު އިޙްތިފާލަކަށް ގާޑްން ސިޓީ ގްރޫޕް އޮފް އިންސްޓިޓިއުޝަންގެ
ޗެއަރމަން ޑޮކްޓަރ ޖޯސެފް ވީ ޖޯޖް ދަޢުވަތު ދެއްވިކަމަށްޓަކައި
އެމަނިކުފާނަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ. އަދި ގާޑްން ސިޓީ ކޮލެޖުން ތަޢުލީމު
ޙާޞިލުކުރަމުންދާ ގިނަ ޢަދަދެއްގެ ދަރިވަރުންގެ ތެރޭގައި ދިވެހި ދަރިވަރުން ހިމެނޭތީ
އެކަންވެސް ފާހަގަކުރެއްވިއެވެ. ޚާއްސަގޮތެއްގައި އޭގެތެރެއިން ބައެއް ކުދިންނަކީ
އެކޮލެޖުން ކޮންމެ އަހަރަކުވެސް މައުމޫން ފައުންޑޭޝަނަށް ދެއްވަމުން ގެންދަވާ
ސްކޮލަރޝިޕްތަކެއްގެ ތެރެއިން ތަޢުލީމު ޙާޞިލުކުރާ ކުދިން ކަމަށްވާތީ
އެކަމަށްޓަކައިވެސް ގާޑްން ސިޓީ ކޮލެޖުގެ ޗެއަރމަނަށާއި، މެނޭޖްމަންޓަށް ރައީސް މައުމޫން
ޝުކުރު އަދާކުރެއްވިއެވެ.
ގާޑްން
ސިޓީ ކޮލެޖުގެ ޗެއަރމަން ދެއްކެވި ވާހަކަފުޅުގައި މި
ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށް ވަޑައިގެންނެވިކަމަށްޓަކައި ރައީސް މައުމޫނަށް
ޝުކުރު އަދާކުރެއްވިއެވެ. އަދި އެކޮލެޖުން ދިވެހި ކިޔަވާ ކުދިންނަށް މަތީ
ތަޢުލީމު ޙާޞިލުކުރުމުގެ އިތުރު ފުރުސަތުތައް ހޯއްދަވައި ދެއްވާނެކަމަށްވެސް
ވިދާޅުވިއެވެ.