ވިޔަފާރި

28 އެއަރލައިނަކުން އަންނަނީ ރާއްޖެއަށް ދަތުރުތައް ބާއްވަމުން


ރާއްޖެއަށް މިހާރު ބައިނަލްއަޤްވާމީ 28 އެއަރލައިނަކުން ދަތުރުތައް ބާއްވަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ 'މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓްސް' ރިޕޯޓުގައިވާ ގޮތުން މި ދަތުރުތަކާއެކު ރާއްޖެއާއި ދުނިޔޭގެ އެކި ހިސާބުތަކާއި ވަނީ ގުޅާލެވިފައެވެ.

ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވަނީ މާރޗް މަހުގެ ތެރޭގައެވެ. އަދި އަލުން ބޯޑަރު ހުޅުވާލީ ޖުލައި 15 ވަނަ ދުވަހުއެވެ. ބޯޑަރު ހުޅުވާލި މަހު ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ މަދު އެއަރލައިންތަކަކުންނެވެ. އެހެންނަމަވެސް މިހާރު ރާއްޖެއަށް ދަތުރުތައް ބާއްވާ އެއަރލައިންތަކުގެ އަދަދު 28އަށް އަރާފައިވާއިރު، މީގެތެރޭގައި ކޯވިޑްއާ ގުޅިގެން ދަތުރުތައް މެދުކެނޑިފައޮ އޮތުމަށްފަހު ދަތުރުތައް ފަށާ އެއަރލައިންތަކާއި، މުޅިން އަލަށް ރާއްޖެއަށް ދަތުރުތައް ފަށާ އެއަރލައިންތައް ހިމެނެއެވެ.

ރާއްޖެއަށް ދަތުރުތައް ބާއްވަމުންދާ އެއަރލައިންތަކުގެ ތެރޭގައި އެމިރޭޓްސް، އޭރޯފްލޮޓް، އެއަރ އިންޑިއާ، އެޑްލްވެއިސް، އެމިރޭޓްސް، އިއްތިހާދު އެއަރވޭސް، ޤަތަރު އެއަރވޭސް، ސްޕައިސްޖެޓް، ސްރީލަންކަން އެއަރލައިން، ޓާކިޝް އެއަރލައިން ފާހަގަކޮށްލެވެއެވެ.
.

ޓޫރިޒަމް މިިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އުފުލާފައިވަނީ އެމިރޭޓްސް އެއަރލައިންސްއިންނެވެ. އެގޮތުން މިމަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް އެމިރޭޓްސްއިން ވަނީ ރާއްޖެއަށް 348 ދަތުރުކޮށްފައެވެ. މި ދަތުރުތަކުގައި ރާއްޖެއަށް ޖުމްލަ 30567 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެމިރޭޓްސްއިން ދަނީ ހަފްތާއަކު 7 ދަތުރު ރާއްޖެއަށް ބާއްވަމުންނެވެ. އެމިރޭޓްސްއިން ރާއްޖެއަށް ދަތުރުތައް ބާއްވަނީ ދުބާއީއާއި ރާއްޖެއާ ދެމެދުއެވެ.

ދެން އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ދަތުރުތައް ބާއްވަނީ ޤަތަރު އެއަރވޭސްއިންނެެވެ. އެގޮތުން މި މުއްދަތުގައި ޤަތަރު އެއަރވޭސްއިން ރާއްޖެއަށް ވަނީ 308 ދަތުރުކޮށްފައެވެ. މި ދަތުރުތަކުގައި ރާއްޖެއަށްވަނީ 20999 ފަތުރުވެރިން އައިސްފައިވެއެވެ.

ރާއްޖެއަށް 3ވަނަ އަށް އަދި 4ވަނައަށް ވެސް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާގެ އެއަރލައިންތަކުންނެވެ. އެގޮތުން އިންޑިއާގެ އިންޑިގޯ އެއަރލައިން އާއި ގޯ އެއަރއިން ރާއްޖެއަށް ވަނީ 36000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ.