ޚަބަރު

ލޯންޗުކޮޅަށް ހަމަލާދިނީ "ބާރުގަދަ" ގޮވާތަކެތި ބޭނުންކޮށްގެން!


ރައީސުލްޖުމްހޫރިއްޔާގެ
ލޯންޗުކޮޅުގައި ދިން ހަމަލާއަކީ ބާރުގަދަ ގޮވާތަކެތި ބޭނުންކޮށްގެން ހަދާފައިވާ
އެއްޗެއް ގޮއްވާލައިގެން ދީފައިވާ ހަމަލާއެއްކަމަށް މިހާތަނަށް ބެލިބެލުމުން
ޔަޤީންކުރެވޭކަމަށް ނެޝަނަލް އިންކުއަރީ ކޮމިޝަނުން ހާމަކޮށްފިއެވެ.



އެކޮމިޝަނުން މިކަން
ހާމަކުރީ މިރޭ ނެރުނު ނޫސް ބަޔާނެއްގައެވެ.



މިބަޔާނުގައި
ރައީސުލްޖުމްހޫރިއްޔާގެ ލޯންޗުކޮޅަށް ދިން ހަމަލާއަކީ، ގަސްތުގައި
ރައީސުލްޖުމްހޫރިއްޔާ ފުރާނަފުޅަށް ގެއްލުންދިނުމަށް ބަޔަކު އެއްޗެއް ގޮއްވާލައިގެން
ހިންގި އަމަލެއްކަން، އެކޮމިޝަނުން ބެލިބެލުމުންނާއި، ސްރީލަންކާގެ ކަމާއި ބެހޭ
ރިޕޯޓްތަކުން އެނގިފައިވާކަމަށެވެ.



އަދި މިހާރު ސައުދީ
އަރަބިއްޔާގެ ފޮރެންސިކު ޓީމުގެ ރިޕޯޓްވެސް ލިބިފައިވާކަމަށާއި، ފޮރެންސިކު
ތަހްލީލުކުރުމަށް ގެންދެވުނު ކެމިކަލްތައް ތަހްލީލްކުރުމުން، ބޮން ހެދުމަށް
ބޭނުންކުރާ ނުރައްކާތެރި ބާވަތެއްކަމުގައިވާ އާރު.ޑީ.އެކްސް ފެނިފައިވާކަމަށް
ކޮމިޝަނުގެ ބަޔާނުގައިވެއެވެ. މިގޮތުން އާރު.ޑީ.އެކްސް އަކީ އެންމެ ނުރައްކާތެރި
ގޮވާތަކެތީގެ ތެރެއިން ދަރަޖަކޮށްފައިވާ މާއްދާއެއްކަމަށާއި، މިމާއްދާއަކީ އެންމެ
ބާރުގަދަ ބޮން ފަދަ ތަކެތި ހެދުމަށް ބޭނުންކުރާ މައިގަނޑު އެއް މާއްދާކަމަށްވެސް
ކޮމިޝަނުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.



އަދި މި މައުލޫމާތާއި
ގުޅިގެން، އެކޮމިޝަނުން އިތުރަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށާއި،
ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުންނާއި ހިއްސާކުރަންޖެހޭ މުހިއްމު
މައުލޫމާތުތައް ހިއްސާކުރަމުންދާނޭކަމަށްވެސް މިބަޔާނުގައި ނެޝަނަލް އިންކުއަރީ
ކޮމިޝަނުން ހާމަކޮށްފައިވެއެވެ.