ކޯވިޑް-19 ގެ ހާލަތުގެ ސަބަބުން އެންމެ ބޮޑަށް އިގްތިސާދީ ގޮތުން އަސަރުކުރި އެއް ގައުމަކީ ރާއްޖެއެވެ. އިގްތިސާދީ ގޮތުން އާއްމު ފަރުދުންނަށް ލިބުނު އަދި ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ތަފާތު އެކި ކަންކަން އެކި އިދާރާތަކުން އަންނަނީ ކުރަމުންނެވެ. އިންކަމް ސަޕޯޓްގެ ގޮތުގައި ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށާއި ވިޔަފާރިތައް ހުއްޓި އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އެހީވުމުގެ ގޮތުންވެސް މިހާތަނަށް ސަރުކާރުން ވަނީ 355.4 މިލިއަން ރުފިޔާ ދޫކޮށްފައެވެ.
ގޭގައި މަސައްކަތްކޮށްގެން އާމަދަނީ ހޯދާ ފަރާތަކަށް އެމީހުންގެ ވިޔަފާރިކުރި އެރުވުމަށް އިތުރު ގޮތްތަކެއް ހޯދާދިނުމުގެ މާލޭ ސިޓީ ކައުންސިލުންވެސް އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ގޭގައި އުފައްދާ ތަކެތި ބާޒަރަށް ނެރި އެެތަކެތި މާކެޓްކުރުމަށް ވީކެންޑް މާކެޓްގެ ނަމުގައި މާކެޓެއް ބޭއްވުމަށް ކައުންސިލުން އަންނަނީ ތައްޔާރުވަމުންނެވެ. މި މާކެޓާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރައްވަމުން މާލޭ ސިޓީގެ މެޔަރ ސިފާ މުހައްމަދު ވިދާޅުވީ ގޭތެރޭގައި ތިބެގެން ތައްޔާރުކުރާ ކާނާގެ ބާވަތްތަކާއި އެކި ކަހަލަ ދިވެހި އުފެއްދުންތައް އާއްމުންނާއި ހަމައަށް ނެރެދީ މާކެޓް ކުރުމުގެ ފުރުސަތު އެ ތަކެތި އުފައްދާ ފަރާތްތަކަށް މި މާކެޓް މެދުވެރިކޮށް ލިބިގެންދާނެކަމަށެވެ.
" ގޭތެރޭގައި ތިބެގެން މަސައްކަތްކުރާ އާއިލާތައް އެބަހުރި، ހެދިކާ ހެދުމާއި، ކާތަކެތި ހެދުމާއި، ދިވެހި ސާމާނު ހެދުމާ. އެހެންވީމަ އެ ފަރާތްތަކަށް ވީކެންޑް މާކެޓްގެ ގޮތުގައި ތަނެއް ތަރައްޤީކުރަން. އެކަންވެސް ގާތްގަނޑަކަށް އެއްކޮށް އޮތީ ނިމިފަ. އަގަށް ދަންދެން ތަނަށް ދަންދެން ނިމިފަ، އެތަން ބައްޓަންކުރަންވީ ހުރިހާ ގޮތެއް ނިމިފަ." މާލެ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުހައްމަދު ވިދާޅުވިއެވެ.
ވީކެންޑް މާކެޓްގެ މަސައްކަތްތަށް ބޭނުންވާ އެންމެ ފަހުގެ މަސައްކަތް ނިމިފައިވާކަން ފާހަގަކުރައްވަމުން ސިފާ ވިދާޅުވީ މި މާކެޓް ބާއްވާނީ މާލޭ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައިކަމަށެވެ. އަދި މިކަމަށް ބޭނުންވާ ހުއްދަތައް ހޯދުމަށް އިކޮނޮމިކް މިނިސްޓްރީއަށް ހުށައަޅާފައިވާކަމަށާއި ކައުންސިލުން ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައްވެސް ކުރައްވަމުން އަންނަކަމަށް ސިފާ ވިދާޅުވިއެވެ.
" އެ ސަރަހައްދު އަޅުގަނޑުމެން ކުރެހި ކުރެހުމުން މިހާރު އެބަ އިނގޭ ސްޕޮންސަރ ކުރާ އެހެން ފަރާތްތަކަށް ޖާގަ އެބަދެވޭ ޒުވާނުންނަށްވެސް ބައެއް ދުވަސް ދުވަހު ވީކެންޑްގައި މިއުޒިކް ކުޅޭނެ ފުރުސަތާއި، ވާހަކަ ކިޔާނެ ފުރުސަތާއި، އެންޓަރޓެއިންމެންޓާއި، އާރޓް މަސައްކަތް ވިއްކުމާއި އެގޮތަށް މިދެންނެވި ހުރިހާ ކަހަލަ ވިޔަފާރިއެއް ކުރުމުގެ ފުރުސަތު ހުޅުވައިދިނުމަށްޓަކާ އަޅުގަނޑުމެންނަށް މިކަން ކުރެވެން އެބައޮތް" މޭޔަރ ސިފާ މުހައްމަދު ވިދާޅުވިއެވެ.
އަމިއްލަ ފަރާތްތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް އެ އުފެއްދުންތައް މާކެޓްކުރުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ސިޓީ ކައުންސިލްގެ ފަރާތުން ވަނީ ވިލިމާލޭގައި ކޮމިއުނިޓީ ގާޑެނިން ގެ ނަމުގައި ފުރުސަތުތަކެއް ހުޅުވާލާފައެވެ. ކުރިޔަށް އޮތްތާ ވިލިމާލޭގައިވެސް މަސައްކަތްތެރިންނަށް ހާއްސަކޮށްގެން މިފަދަ އުފެއްދުންތައް މާކެޓް ކުރުމުގެ ފުރުސަތުތަކެއް ހޯދައިދިނުމުގެ ކަންކަން ރާވަމުން އަންނަކަމަށް ކައުންސިލުން ވިދާޅުވެއެވެ.