ތަފާތު ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ މީހުން ކޯވިޑް-19ގެ ނުރައްކަލުން ސަލާމަތްވުމަށް ވެކްސިން ޖެހުމަށް, އެތެރެހައްޓާއި ކިޑްނީގެ ޚާއްސަ ޑޮކްޓަރު ޑރ.އިބްރާހީމް ޝިހާމް ގޮވާލައްވައިފިއެވެ.
އޭނާ މިކަމަށް ގޮވާލެއްވީ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ބޮޑެތި އެކި ބަލިތައް ތަޙައްމަލުކުރުމުގެ ސަބަބުން ކޯވިޑް-19ގެ ރިސްކް ބޮޑު މީހުން ނުވަތަ މިބަލި ޖެހިއްޖެނަމަ އެންމެ ބޮޑަށް ޙާލު ސީރިއަސްވާ މީހުން ވެކްސިން ޖެހުމުގެ މުހިއްމުކަން ޑރ.އިބްރާހީމް ޝިހާމް ފާހަގަކުރެއްވިއެވެ.
ކިޑްނީގެ ބަލިތަކަށް ޚާއްސަ، އައިޖީއެމްއެޗްގެ ޑޮކްޓަރ، ޑރ.ޝިހާމް ވިދާޅުވީ ޢުމުރުން ދުވަސްވީ މީހުންނާއި، ހަކުރު ބަލި، ހިތުގެ ބަލި، ކެންސަރު ބަލި އަދި ކިޑްނީގެ ބަލި ހުންނަ މީހުންނާއި ފުއްޕާމޭގެ ބަލިތައް ހުންނަ މީހުން ކޯވިޑް-19ގެ ވެކްސިން ޖެހުން ވަރަށް މުހިންމުކަމަށެވެ.
ރާއްޖޭގައި ވެކްސިން ޖަހަންފެށުމާއެކު ގިނަ ޢަދަދެއްގެ މީހުން ވެކްސިން ޖަހަން ފާށާފައިވީނަމަވެސް ބޮޑެތި ބަލިތައް ތަހައްމަލްކުރަމުންދާ ބައެއްމީހުން ވެކްސިން ޖެހުމަށް ފަސްޖެހެމުންދާކަން ފާހަގަކުރައްވަމުން ޑރ. ޝިހާމް ވިދާޅުވީ، ވެކްސިނާ ގުޅޭގޮތުން ފަތުރާ ނޭދެވޭ ގިނަ ވާހަކަތަކަކީ ހަޤީގަތާއި ޚިލާފު، އަސާސެއްނެތް ވާހަކަތަކެއްކަމަށެވެ.
"މިސާލަކަށް ހަކުރު ބަލި ހުންނަ މީހުން، ނުވަތަ ހިތުގެ ބަލި، ކެންސަރުބަލި، ކިޑްނީގެ ބަލި، ފުއްޕާމޭ ލިވާ މި ގުނަވަންތަކުގެ ބަލިތައް ހުރި މީހުންނަށް މިވެކްސިންއާހަމައަށް ދިއުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ބާރުއަޅަން" ޑރ. ޝިހާމް ވިދާޅުވިއެވެ.
ކޯވިޑް-19ގެ ވެކްސިނަކީ ކުރުމުއްދަތެއްގެ ތެރޭގައި ތައްޔާރުކުރެވުނު ވެކްސިނަކަށް ވީނަމަވެސް އެވެސްކްސިން ޢާންމުންނާހަމައަށް އައިސްފައިވަނީ ރައްކާތެރިކަމުގެ ގޮތުން ބަލަންޖެހޭ ހުރިހާކަމެއް ބެލުމަށްފަހުކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން މިހާރު ވެކްސިން ނުޖަހާ ތިބި މީހުން ވެކްސިން ޖެހުމަށާއި ބަލި އެނދުގައި ނުވަތަ ގެއިން ބޭރަށް ދިއުމަށް އެހީތެރިކަން ބޭނުންވާ ބަލި މީހުންނަށްވެސް ވެކްސިން ދިނުމަށް ޑރ.ޝިހާމްވަނީ އިލްތިމާސްކުރައްވާފައެވެ.
"އަޅުގަނޑުމެން އެންމެ ބޮޑަށް ރައްކާތެރިކުރަން މިއުޅެނީ ބަލި އެރުމަށްވުރެ ބޮޑަށް މިބަލިން މީހާ ސީރިއަސްވެގެންގޮސް އެމީހާގެ ހާލަތުދަށްވެގެން ހިނގައިދާނެ ހާލަތައް. އާދެ މިކަމަށް ވެކްސިންތަކުންދޭ ރައްކާތެރިކަމަކީ ގާތްގަނޑަކަށް %100. އެހެންވީމަ އަދި ވެކްސިން ޖަހާފަހުން ޖަރާސީމު އެރިނަމަވެސް ވެކެސިން ޖެހުމުން ބަލީގައި ސީރިއަސްވެގެން ދިއުން ވަރަށް ބޮޑަށް ކުޑަކޮށްދޭ" ޑރ.ޝިހާމް ވިދާޅުވިއެވެ.
ޑރ.ޝިހާމް ވިދާޅުވީ ވެކްސީނާ ގުޅޭގޮތުން ރަށުތެރޭގައި ދެކެވޭ ވާހަކަތައް އަޑުއެހުމުގެ ބަދަލުގައި ޑޮކްޓަރުންނާއި ކަމުގެ މާހިރުންގެ ލަފައާއި މަޝްވަރާހޯދުން މުހިއްމުކަމަށެވެ.
އަދި ވެކްސިން ޖެހުމަށްފަހުވެސް އެހެން މީހުންގެ ފަރާތުން ބަލި ޖެހުމުގެ ކޮންމެވެސް ވަރެއްގެ ފުރުސަތު އޮތުމުން ޚާއްސަކޮށް ހައިރިސްކް މީހުންނާއި އެފަދަ މީހުން އުޅޭ ގެތަކުގެ މީހުން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ތިބުމަށް ޑރ.ޝިހާމް ވަނީ އިލްތިމާސް ކުރައްވާފައެވެ.