ޚަބަރު

ރާއްޖެއިން އޮމާނަށް ކަނޑައެޅުއްވި އައު ސަފީރު، އޮމާންގެ ރަސްގެފާނަށް ފަތްކޮޅު އަރުވައިފި


ދިވެހިރާއްޖެއިން އޮމާނަށް ކަނޑައެޅުއްވި ނޮން ރެސިޑެންޓް ސަފީރު މުޙައްމަދު ޚަލީލު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، އޮމާންގެ ރަސްގެފާނު ސުލްތާނު ހައިތަމް ބިން ޠާރިޤަށް އަރުވައިފިއެވެ.

ޚަލީލު، ސަފީރުކަމުގެ ފަތްކޮޅު ރަސްގެފާނަށް އަރުވާފައިވަނީ އެކަމަށްޓަކައި މިއަދު އޮމާންގެ ވެރިރަށް މަސްކަޓްގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މިބައްދަލުވުމުގައި އެމްބެސެޑަރ ޚަލީލު ވަނީ އޮމާންގެ ރަސްގެފާނަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙާއި ދިވެހި ރައްޔިތުންގެ ފަރާތުން މަރުޙަބާ ދަންނަވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ރަސްމިއްޔާތުގައި އޮމާންގެ ރަސްގެފާނު ވަނީ އެމްބެސެޑަރ ޚަލީލަށް މަރުޙަބާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙަށް ވެދުން އަރިސްކުރައްވާފައެވެ. ސަފީރުކަމުގެ ފަތްކޮޅު ރަސްގެފާނަށް އެރުވުމުގެ ކުރިން، އެމްބެސެޑަރ ޚަލީލު ވަނީ އެފަތްކޮޅުގެ ކޮޕީއެއް، އޮމާންގެ ޚަރިޖީ ވަޒީރު ސައްޔިދު ބަދުރު ބިން ހަމަދު ބިން ހަމޫދު އަލްބުސައިދީއަށް 15 ފެބްރުއަރީ 2021ގައި ފޮނުއްވާފައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި އޮމާންގެ ފަރާތުން އެޤައުމުގެ މާލީ ވަޒީރު އަދި ޚާރިޖީ ވަޒީރު އިތުރުން، ހެޑް އޮފް ރޯޔަލް ޕްރޮޓޮކޯލް، ކޮމާންޑަރ އޮފް ރޯޔަލް ގާޑް އަދި ރަސްގެފާނުގެ މިލިޓަރީ އެއިޑް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. ދިވެހިރައްޖޭގެ ފަރާތުން ސަފީރުގެ އަރިހުގައި މިބައްދަލުވުމުގައި ބައިވެރިވީ ރިޔާދުގައި ހުންނަ ދިވެހި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ޙުސައިން ސިނާހުއެވެ.

ދިވެހިރާއްޖެއިން އޮމާނާއެކު ޚާރިޖީގުޅުން ޤާއިމުކޮށްފައިވަނީ 20 ފެބްރުއަރީ 1981 ވަނަ އަހަރެވެ. މި އަހަރު މި ގުޅުމަށް 40 އަހަރު ފުރޭނެއެވެ.