ކުޅިވަރު

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މިފަހަރު ބޭނުންކުރާ ބޯޅަ އެޑިޑާސްއިން އާންމުކޮށްފި


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މިފަހަރު ބޭނުންކުރާ ބޯޅަ، ފިނާލޭ އިސްތަންބުލް 21 އެޑިޑާސް އިން އާންމުކޮށްފިއެވެ. މިއަހަރަކީ ޔޫރަޕްގެ ކްލަބްތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ ޔުއޭފާ ޗެމްޕިއަންސް ލީގަށް ހާއްސަކޮށްގެން އެޑިޑާސް ކުންފުނިން އުފައްދާ ސްޓަރބޯލްގެ ނަމުން މަޝްހޫރުވެފައިވާ މިބޯޅަ އުފައްދާތާ ވިހިވަނަ އަހަރު ފާހަގަ ކުރާ އަހަރެވެ.

އެޑިޑާސްއިން އެންމެ ފުރަތަމަ ސްޓަރބޯލްއެއް ތައާރަފްކޮށްފައިވަނީ 2001 ވަނަ އަަހަރުގެ މުބާރާތަށެވެ. އެޑިޑާސްއިން ސްޓަރބޯލް ފަރުމާކޮށްފައިވަނީ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލޯގޯ އަސްލަކަށް ބަލައިގެންނެވެ. އަދި މިވީ ވިހިއަހަރުގެ ތެރޭގައި މިބޯޅަވަނީ ގިނަ ބައެއްގެ މަގްބޫލްކަން ހޯދާފައެވެ. ސްޓަރބޯލްއަށް ވިހި އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ޔުއޭފާއިންވަނީ ފިނާލޭ އިސްތަންބުލް 21 މިފަހަރުގެ މުބާރާތުގެ ބާކީ ހުރި ހުރިހާ ބުރެއްގެ މެޗްތަކެއްގައި ބޭނުން ކުރާގޮތަށް ހަމަޖައްސާފައެވެ. މިގޮތުން މިހާރު ފަށާފައިވާ ފަހު 16 ޓީމްގެ ބުރުގައި މިބޯޅަ އަންނަނީ ބޭނުން ކުރަމުންނެވެ. އަދި މެއި މަހުގެ 29 ވަނަ ދުވަހު އިސްތަންބުލްގެ އަޓަޓަރކް ސްޓޭޑިއަމްގައި ކުޅޭ ފައިނަލް މެޗްގައިވެސް މިފަހަރުގެ ބޯޅަ ބޭނުން ކުރެވޭނެއެވެ.

އެޑިޑާސްއިން މިފަހަރުގެ ބޯޅަ ފަރުމާކޮށްފައިވަނީ ވޭތުވެދިޔަ 20 އަހަރުގެ ހުރިހާ މުބާރާތެއް މިބޯޅައިން ރަމްޒުކޮށްދޭ ގޮތަށެވެ. މިގޮތުން ވޭތުވެދިޔަ ވިހި މުބާރާތްގެ ފައިނަލަށް ތައްޔާރުކޮށްފައިވާ ސްޓަރބޯލްގެ ފަރުމާ މިބޯޅައިން ފެނިގެންދެއެވެ. އަދި ކޮންމެ އަހަރެއްގެ ފައިނަލް ކުޅުނު ސިޓީ އާއި އަހަރު ރަތްކުލައިގެ ގޮޅިތަކެއްގައި ލިޔެވިފައިވެއެވެ.