ކުޅިވަރު

ސެވިއްޔާއާއި ވާދަކޮށް ޑޯޓްމުންޑް މެޗު ކާމިޔާބުކޮށްފި


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފަހު 16 ގެ ފުރަތަމަ ލެގްގައި ސްޕެނިޝް ލަލީގާގެ ސެވިއްޔާ އާއި ޖަރުމަނު ބުންޑަސްލީގާގެ ބޮރޫޝިއާ ޑޯޓްމުންޑް ބައްދަލުކުރިމެޗް ޑޯޓްމުންޑް ކާމިޔާބުކޮށްފިއެވެ. ސެވިއްޔާގެ ދަނޑުގައި ކުޅުނު މިމެޗް ޑޯޑްމުންޑް ކާމިޔާބުކުރީ 3 ލަނޑު 2 ލަނޑުންނެވެ.

މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 7 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ސެވިއްޔާއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސޫސޯއެވެ. މި ލަނޑާއެކު މިސީޒަންގައި ލީގުގައި ގިނަ މައްސަލަތަކަކާއި ކުރިމަތިލަމުންދާ ޑޯޓްމުންޑަށް މިމެޗްގައިވެސް ގިނަ މައްސަލަތަކެއް ކުރިމަތިވާނެކަމަށް ހީވެގެންދިޔައެވެ. ނަމަވެސް ޑޯޓްމުންޑުންވަނީ މެޗްގެ 19 ވަނަ މިނެޓްގައި ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ މަހްމޫދު ދާއޫދެވެ. އަދި މެޗްގެ 27 ވަނަ މިނެޓްގައި ޑޯޓްމުންޑްގެ އަރލިންގ ބްރައުޓް ހާލަންޑް ޖަހައިދިން ލަނޑާއެކު މިމެޗްގައި ފުރަތަމަ ފަހަރަށް އެޓީމުން ލީޑު ނެގިއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ހާލަންޑްވަނީ ޑޯޓްމުންޑްގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ ޗެމްޕިއަންސް ލީގުގައި ހާލަންޑް ޖެހި 18 ވަނަ ލަނޑެވެ. މިމެޗްގައި ސެވިއްޔާއިން ޖެހި ދެވަނަ ލަނޑު މެޗްގެ 84 ވަނަ މިނެޓްގައި ޖަހައިދިނީ ލޫކް ޑި ޖޮންއެވެ.

މިދެޓީމްގެ މެދުގައި ކުޅޭ ދެވަނަ ލެގްގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މާރޗް މަހުގެ 9 ވަނަ ދުވަހު ޑޯޓްމުންޑްގެ ދަނޑުގައެވެ.