ކުޅިވަރު

ޔުވެންޓަސްއާ ވާދަކޮށް ޕޯޓޯ މެޗު ކާމިޔާބުކޮށްފި


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފަހު 16 ގެ ފުރަތަމަ ލެގްގައި ޕޯޗުގަލްގެ ޕްރިމެއިރާ ލީގާގެ އެފްސީ ޕޯޓޯ އާއި އިޓާލިއަން ސެރީއާގެ ޔުވެންޓަސް ބައްދަލުކުރިމެޗް ޕޯޓޯ ކާމިޔާބުކޮށްފިއެވެ. ޕޯޓޯގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔޫވޭއިންނެވެ. ނަމަވެސް މިމެޗްގެ ފުރަތަމަ ހާފްގެ ކުރީކޮޅު ޕޯޓޯއިންވަނީ ޔޫވޭގެ ޑިފެންސް ފޫއަޅުވާލާފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު ޕޯޓޯއިން ޖެހީ މެޗްގެ 2 ވަނަ މިނެޓްގައި ޔުވެންޓަސްގެ ޑިފެންސްގައި ހެދުނު ގޯހެއްގެ ފައިދާ ނަގައި، މެހްދީ ޓަރޭމީއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު ދެވަނަ ހާފްގެ ކުޅުން ފެށިތާ 19 ސިކުންތު ތެރޭ ކާމިޔާބުކޮށްދިނީ މޫސާ މަރޭގާއެވެ. މިމެޗްގައި ކްރިސްޓިއާނޯ ރޮނާލްޑޯއަށް މާ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ. ނަމަވެސް ޔުވެންޓަސްއިން ވަނީ މެޗުގެ 82 ވަނަ މިނެޓްގައި ލަނޑެއް ޖަހައި، ދެވަނަ ލެގަށް ނިކުންނައިރު އުންމީދު އާކޮށްފައެވެ. މިގޮތުން މިލަނޑު އެޓީމަށް ޖަހައިދިނީ ފެޑެރީކޯ ކިއޭޒާއެވެ.

މިދެޓީމްގެ މެދުގައި ކުޅޭ ދެވަނަ ލެގްގެ މެޗް މިއަންނަ މާރޗްމަހުގެ 9 ވަނަ ދުވަހު ޔުވެންޓަސްގެ ދަނޑުގައި ކުޅޭ ގޮތަށް އޮތުމާއެކު ކުއާޓަރ ފައިނަލަށް ދިއުމަށް ޔުވެންޓަސްއަށް އަދި ފުރުސަތު އެބައޮތެވެ.