ކުޅިވަރު

17 ވަނަ މެޗުން މޮޅުވެ ސިޓީން ތާވަލްގައި 10 ޕޮއިންޓްގެ ލީޑެއް


އިންގްލިޝް ޕްރިމިއަރ ލީގުގައި އެވަޓަން އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރިމެޗް ކާމިޔާބުކޮށް ޕޮއިންޓ ތާވަލްގައި ސިޓީއިން 10 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. އެވަޓަންގެ ދަނޑުގައި ކުޅުނު މިމެޗް ސިޓީ ކާމިޔާބުކުރީ 3 ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 32 ވަނަ މިނެޓްގައި ޖަހައިދިނީ ސިޓީގެ ފިލް ފޯޑެންއެވެ. ނަމަވެސް އެވަޓަންއިންވަނީ މިލަނޑު ޖެހިތާ ފަސް މިނެޓްފަހުން ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ރިޗާލިސަންއެވެ. މިއީ ޖެނުއަރީމަހުގެ ތިންވަނަ ދުވަހަށްފަހު އޯޕަން ޕްލޭގައި ސިޓީކޮޅަށް ޓީމަކުން ޖެހި ފުރަތަމަ ލަނޑެވެ. މިމެޗުގައި ދެވަނަ ފަހަރަށް ސިޓީއިން ލީޑު ނެގީ މެޗުގެ 63 ވަނަ މިނެޓްގައި ރިޔާދު މަހްރޭޒް ޖަހައިދިން ލަނޑުންނެވެ. އަދި ފަހު ލަނޑު މެޗްގެ 77 ވަނަ މިނެޓްގައި ޖަހައިދިނީ ބެނާޑޯ ސިލްވަރއެވެ. މިމެޗްގައި ސިޓީގެ މުހިންމު ކުޅުންތެރިއެއް ކަމުގައިވާ އިލްކައި ގުންޑޮގާން އަނިޔާގެ ސަބަބުން ނުފެނުނު އިރު އަނިޔާގައި ހުރި ކެވިން ޑި ބުރުއިނަރވަނީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ އެވަޓަންއަކީ ވަރަށް ރަނގަޅަށް ކުޅޭ ޓީމެއް ކަމުން އެޓީމާއެކު ކުޅޭއިރު ރަނގަޅު ފުރުސަތަކަށް ކެތްތެރިކަމާއެކު މަޑުކުރަން ޖެހޭ ކަމަށެވެ. އަދި މިއީ އޭނާގެ ކުޅުންތެރިންނަށް ހައްގު މޮޅެއް ކަމަށްވެސް އޭނާ ބުންޏެވެ. އަދި މިވަގުތު އެއްވެސް ކުޅުންތެރިޔަކު ޕޮއިންޓް ތާވަލާމެދު ނުވިސްނާ ކަމަށާއި އަދިވެސް ގިނަ މެޗްތަކެއް ކުޅެން އެބައޮތް ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް އެވަޓަންގެ ކޯޗް ކާލޯ އެންޗެލޯޓީ ގަބޫލް ކުރާގޮތުގައި ސިޓީއިން މިހާރު ދަތުރު ކުރަމުންދަނީ ހަތަރު އަހަރު ތެރޭ ތިންވަނަ ލީގު ތަށި ކާމިޔާބު ކުރުމާ ދިމާލަށެވެ. އޭނާ ބުނީ ސިޓީއާ ދެކޮޅަށް ކުޅެ ރަނގަޅު ނަތީޖާ އެއް ހޯދުމަކީ މިވަގުތު ގާތްގަޑަކަށް ނުވާނެ ކަމެއް ކަމަށެވެ. މިވަގުތަށް ބަލާއިރު ސިޓީއަކީ އެންމެ މޮޅު އަދި އެންމެ ވަރުގަދަ ޓީމެވެ.

މިކާމިޔާބީއާއެކު ސިޓީ މިހާރުވަނީ ޕޮއިންޓް ތާވަލްގައި 10 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އެއީ ކުޅުނު 24 މެޗުން ލިބިފައިވާ 56 ޕޮއިންޓާއެކުއެވެ. ދެވަނައިގާ އުޅޭ މެންޗެސްޓަރ ޔުނައިޓެޑަށް ލިބިފައިވަނީ 24 މެޗުން 46 ޕޮއިންޓެވެ. މި ކާމިޔާބީީއާއެކު ސިޓީއިން މިހާރުވަނީ ޖެހިޖެހިގެން 17 ވަނަ މެޗުން މޮޅުވެފައެވެ. އަދި މިކާމިޔާބީއާއެކު ސިޓީވަނީ ޕްރިމިއަރ ލީގުގެ ތާރީހްގައި އާއަހަރުގެ ފުރަތަމަ ދިހަ މެޗް ކާމިޔާބުކުރި ފުރަތަމަ ޓީމަށް ވެފައެވެ. އެވަޓަން އުޅެނީ ކުޅުނު 23 މެޗުން ލިބިފައިވާ 37 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައިގައެވެ.