ވިޔަފާރި

ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ވެބިނަރއެއް


ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ވެބިނަރއެއް ބާއްވައިފިއެވެ.

ޔޫ.އޭ.އީގައި ހުންނަ ރާއްޖޭގެ އެމްބަސީ އާއި އަބޫދާބީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީ ގުޅިގެން އިންތިޒާމްކުރި މި ވެބިނަރގައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކާއި ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މި ވެބިނަރގެ ކީނޯޓް ސްޕީކަރއަކީ ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރުއެވެ. މިނިސްޓަރގެ ވާހަކައިގައި ވަނީ ރާއްޖޭގެ އިޤްތިސާދު ފަތުރުވެރިކަމުގެ ދާއިރާއަށް ބަރޯސާވެފައި އޮތުމުން ކޯވިޑް-19އާއެކު އިޤްތިސާދަށް ލިބުނު ގެއްލުން ފާހަގަކޮށްފައެވެ. އަދި ރާއްޖޭގެ އިޤްތިސާދު ސިންދަފާތުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކްތަތާއި ގުޅޭގޮތުންވެސް މިނިސްޓަރ ވަނީ ވާހަކަދައްކަވާފައެވެ.

ސަރުކާރުގެ އެކި މިނިސްޓްރީތަކުގެ މަތީ ފަންތީގެ އޮފިޝަލުން ވަނީ މި ވެބިނަރގައި ބައިވެެރިވެފައެވެ. އެގޮތުން މިނިސްޓްރީ އޮފް އިކޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ފިޝަރީޒް އަދި މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯރޕަރޭޝަން ލިމިޑެޓްގެ ބޭފުޅުންވަނީ މި ވެބިނަރގައި ބައިވެރިވެފައެވެ.

މި ވެބިނަރގައި ޔޫ.އޭ.އީގެ 85 އިންވެސްޓަރުން ބައިވެރިވެފައިވެއެވެ. ރާއްޖޭގައި ހުރި އިންވެސްޓްމަންޓުތަކުގެ ފުރުސަތުތަކާއި ގުޅޭ މައުލޫމާތުތައް ހިއްސާކޮށް، މި އިންވެސްޓްމަންޓްތަކާއި ގުޅޭގޮތުން ވެބިނަރގެ ބައިވެރިން އޮޅުންފިލުވަން ބޭނުންވާ ފަރާތްތަކަށް ވަނީ މައުލޫމާތު ފޯރުކޮށްދީފައެވެ.