ވިޔަފާރި

ތޮއްޑޫ ދަނޑުވެރިން ރޯދަމަހަށް ކަރާ އިންދައިފި


ރޯދަމަހު ބާޒާރުގައި އެންމެ ޑިމާންޑު ބޮޑުވާ ބާވަތްތަކުގެތެރޭގައި ކަރާ ހިމެނެއެވެ. ބާޒާރަށް ރާއްޖޭގެ އެއް ރަށަކުން އެންމެ ގިނަ އަދަދަކަށް ކަރާ ގެންނަނީ ތޮއްޑޫއިންނެވެ. ކޮންމެ އަހަރެއްގައިވެސް ތޮއްޑޫއިން ކަރާ ދަނޑުތައް ހެއްދުމުގެ މަސައްކަތް ކުރިއަލާ ފަށައެވެ. އެގޮތުން މިއަހަރު އެރަށުންވަނީ 119 ބިމެއް ކަރާ ހެއްދުމަށް ދޫކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ތޮއްޑޫ ކައުންސިލްގެ ރައީސާ ހަދީޖާ ނިއުޝާ ވިދާޅުވީ، ކަރާ ދަނޑުތަކަށް އެއްވެސް ކަހަލަ ބަލި މަޑުމަޑުކަމެއް ކުރިމަތި ނުވެއްޖެ ނަމަ، ރޯދަމަހަށް އެއްވެސް ދަތި ކަމެއް ނެތި އެރަށުން ކަރާ ފޯރުކޮށްދެވޭނެ ކަމަށެވެ.

ނިއުޝާ ފާހަގަކުރިގޮތުގައި މިދިޔަ އަހަރަކީ އެންމެ ރަނގަޅަށް ކަރާ ހެއްދުނު އަހަރެވެ.

" ކޯވިޑްތެރޭގައި ކަމުގައި ވިޔަސް މިދިޔަ އަހަރު، ރަނގަޅަށް ކަރާ ހެއްދުނު، 400 ނޫނީ 450 ޓަނުގެ ކަރާ މިދިޔަ އަހަރުގެ ބޭރުކުރެވުނު، މި އަހަރުވެސް ލަފާ ކުރެވެނީ މިވަރަށް ނޫނީ އެއަށްވުރެ ގިނައިން ކަރާ ކަނޑަން ލިބޭނެ ކަމަށް،" ނިއުޝާ ވިދާޅުވިއެވެ.

ތޮއްޑޫ ދަނޑުވެރިން މިމަހުގެ 13ވަނަ ދުވަހު ކަރާ ދަނޑުތަކުގައި ވަނީ އޮތް އިންދާފައެވެ. ތޮއްޑޫގެ ދަނޑުވެރިއެއްކަމަށްވާ ހަސަން މޫސާ ބުނީ އާއްމުކޮށް އެރަށުން ކަރާ ވިއްކާ އަގުތައް ކަމުގައިވާ 20 ރުފިޔާއާއިި 10 ރުފިޔާއާއި ދެތެރޭގެ އަގުތަކެއްގައި މިއަހަރުވެސް ރޯދަމަހު އެ އެރަށުން ކަރާ ބާޒާރަށް ވިއްކާނެ ކަމަށެވެ.

ރާއްޖޭގައި ކަރާ ހެއްދުމަށް އެންމެ މަޝްހޫރު އެއް ރަށަކީ އ.އ ތޮއްޑޫއެވެ. ތޮއްޑޫގައި ކަރާ ހައްދައިގެން ރަމަޟާންމަހު މާލީގޮތުން ބޮޑު ފައިދާއެއް އެރަށަށް ލިބެއެވެ. ކަރާގެ އިތުރުން އެކި ބާވަތްތަކުގެ ތަރުކާރީއާއި މޭވާ އެރަށުގައި ހައްދައެވެ.

ރޯދަމަސް ފެށެން 8 ވަރަކަށް ހަފްތާއަށް ވެފައިވާއިރު، މާލޭ ބާޒާރުގައި މިވަގުތު ލިބެން ހުރީ ގިނައިން އިންޑިއާ ކަރާއެވެ. އަދި ކަރާގެ އަގު އުޅެނީ މިހާރު 15 ރުފިޔާއާއި 20 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ.