ވިޔަފާރި

މިދިޔަ އަހަރުގެ 1.07 ބިލިއަން ރުފިޔާ އިސްލާމިކް ފައިނޭސިންގެ ގޮތުގައި ދޫކުރެވިފައިވޭ: ބީއެމްއެލް


މިދިޔައަހަރުގެ ނިޔަލަށް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް 1.07 ބިލިއަން ރުފިޔާ ފައިނޭސިންގެ ގޮތުގައި ދޫކުރެވިފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ހާމަކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެންމެ ގިނަ ފަރާތްތަކުން ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ފައިނޭންސިންގ ހޯދާފައިވަނީ ގެދޮރު އިމާރާތް ކުރުމަށެވެ. އެގޮތުން %92 މީހުން މިބަޔަށް ފައިނޭންސް ހޯދާފައިވާއިރު، %4 މީހުން ގެސްޓުހައުސް ވިޔަފާރީގެ ވާކިން ކެޕިޓަލް ގޮތުގައި ފައިނޭންސް ހޯދާފައިވެއެވެ. ބޭންކް އޮފް މޯލްޑިވްސްއިން ހާމަކޮށްފަިއވާ ގޮތުގައި، ފައިތުވި އަހަރުތަކުގެ ތެރޭގައި އާންމުންނާއި، ވިޔަފާރިތަކަށް ހާއްސަކޮށް ޝަރުއީ ހަމަތަކަށް ފެތޭ ޙިދުމަތްތައް ފެށިގެން ދިއުމާއެކު، މުޅިއެކު ފައިނޭންސިންއަށް %19 ކުރިއެރުމެއް ލިބިފައިވެއެވެ.

ބީއެމްއެލް އިން ބުނެފައިވާ ގޮތުގައި، 2015 އަހަރު ތައާރަފު ކުރެވިގެން އައި ބީއެމްއެލް އިސްލާމިކް ތެރެއިން ޑިޕޮޒިޓް އަދި ފައިނޭންސިންގްއަށް ވެސް އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ފާއިތުވި ތިން އަހަރުއެވެ. އެގޮތުން 2018 ވަނަ އަހަރުން 2020 އަހަރާ ހަމަޔަށް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސާ ކުރެވިފައިވާ އެކައުންޓްތަކަށް ޑިޕޮސިޓްކޮށްފައިވާ އަދަދު އިތުރުވެފައިވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް 1.02 ބިލިއަން ރުފިޔާއަށް މިއަދަދު ވަނީ އަރާފައެވެ.

މީގެ އިތުރުން 2018 އިން ފެށިގެން، ބީއެމްއެލް އިސްލާމިކްގެ ލުއިފަސޭހަ ޝަރުތުތަކާއެކު، އައު ޕްރޮޑަކްތައް ތައާރަފު ވާން ފެށުމާއިއެކު، ކަސްޓަމަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެފައިވާކަމަށް ބީއެމްއެލްއިން ހާމަ ކުރެއެވެ. އަދި މީގެ ތެރެއިން %45 ކަސްޓަމަރުންނަކީ މުޅިން އަލަށް ގުޅުނު ކަސްޓަމަރުން ކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.

ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް ތައާރަފްކުރި ހިސާބުން ފެށިގެން މިއަދާ ހަމަޔަށް، ދިވެހިންގެ މެދުގައި އިސްލާމިކް ފައިނޭންސިންގ ހިދުމަތަށް އޮތް ޑިމާންޑް ބޮޑުވެ، އޭގެ ސަބަބުން ބީއެމްއެލް އިސްލާމިކްގެ އެސެޓާއި ފައިނޭންސަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް ބީއެމްއެލް އިން ބުނެއެވެ. ބީއެމްއެލް އިން ބުނި ގޮތުގިއި ބީއެމްއެލް އިސްލާމިކްގެ ޕްރޮޑަކްޓުތަކާއި އިސްލާމިކް ފައިނޭސިންގް މޮޑެލްތަކާއި ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށެވެ. އަދި މިޙިދުމަތްތަށް ބިއެމްއެލްގެ އެކި ޕްލެޓްފޯމު ތަކުގައި ލިބޭނެ ކަމަށް އެފަރާތުން ހާމަކުރެއެވެ.